ހަތަރު ޖުޑީޝަލް ދާއިރާއަކަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުން އިސް މެޖިސްޓްރޭޓުން އައްޔަނުކުރައްވައިފިއެވެ.
ޖޭއެސްސީން ވިދާޅުވީ މި ހަތަރު ދާއިރާއަށް އިސްމެޖިސްޓްރޭޓުން އައްޔަންކުރެއްވީ އެ ކޮމިޝަނުން ކުރި އިއުލާނާއި ގުޅިގެން ނަން ހުށައެޅި ފަރާތްތަކުގެ ތެރެއިން މަޤާމަށް އެންމެ ޤާބިލު ބޭފުޅުން ނެގުމަށް ބޭއްވި އިންޓަރވިތަކަށް ފަހުކަމަށެވެ.
ޖޭއެސްސީން އިސް މެޖިސްޓްރޭޓުން އައްޔަންކުރައްވާފައިވަނީ ތިލަދުންމަތީ ދެކުނުބުރި، އަރިއަތޮޅު ދެކުނު ބުރި، ހުވަދު އަތޮޅު އުތުރުބުރި އަދި އެ އަތޮޅު ދެކުނު ބުރީ ޖުޑީޝަލް ދާއިރާއަށެވެ.
ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓަކަށް އައްޔަންކުރައްވާފައިވަނީ އެ އަތޮޅު ކުޅުދުށްފުށި އަލީޝާ، އަލްއުސްތާޛު އަލީ އާދަމްއެވެ. އެނާ ވަނީ ވިލާ ކޮލޮޖުން ބެޗްލާސް އޮފް ޝަރީއާ އެންޑް ލޯ ހާސިލުކުރައްވާފައެވެ. އަދި އަލީ އާދަމަކީ 15 އަހަރުދުވަހު ތަޖުރިބާ ލިބިވަޑައިގެންފައިވާ މެޖިސްޓްރޭޓެކެވެ.
އދ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓަކަށް އައްޔަންކުރެއްވީ މއ. ވެލެބުލީގެ، އިބްރާހިމް މައުރޫފްއެވެ. ވިލާ ކޮލެޖުން ޝަރީއާ އެންޑް ލޯ އިން ޑިޕްލޮމާ ހާސިލުކުރައްވާފައިވާ މައުރޫފްވަނީ ދިހަ އަހަރަށް ވުރެ ގިނަދުވަހު މެޖިސްޓްރޭޓް މަޤާމު ފުރުއްވާފައެވެ.
ގއ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓަކަށް އައްޔަންކުރެއްވީ ސ. މަރަދޫ އެށެވެލި އަލްއުސްތާޛު އިބްރާހިމް އިހްސާންއެވެ. އެނާ ވަނީ ގައުމީ ޔުނިވާސިޓީން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ އިން (އޮނާސް) ހާސިލުކުރައްވާފައެވެ. އަދި އޭނާވަނީ ދެއަހަރުގެ މުއްދަތަށް މެޖިސްޓްރޭޓްކަންވެސް ކުރައްވާފައެވެ.
ގދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓަކަށް އައްޔަންކުރެއްވީ އެއަތޮޅު ތިނަދޫ މުނިޔާގޭ، އަލްއުސްތާޛު މުހައްމަދު ޒާހިރު ހަސަންއެވެ. މޯލްޑިވްސް ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒުން ޝަރީއާއި އިން ލޯއިން ޑިޕޮލަމާ ހާސިލުކުރައްވާފައިވާ މުހައްމަދު ޒާހިރު ހަސަންވަނީ 21 އަހަރަށްވުރެ ގިނަދުވަހު މެޖިސްޓްރޭޓްކަން ކުރައްވާފައެވެ.