ކުޅިވަރު

ފަހުވަގުތު މޮޅުވެ އޭސީ މިލާން އެއްވަނަ ދަމަހައްޓައިފި


އިޓާލިއަން ސެރިއާގައި ފަހުވަގުތު މޮޅުވެ އޭސީމިލާނުން ލީގު ތާވަލުގެ އެއްވަނަ ދަމަހައްޓައިފިއެވެ. އޭސީމިލާން އަމިއްލަ ދަނޑުގައި ކުޅުނު މެޗު ލާޒިޔޯ މައްޗަށް ކުރި ހޯދީ 3-2 ލަނޑުންނެވެ.

މެޗުގެ ފުރަތަމަ ހާފްގައި 2-1 ލަނޑުން މިލާނުން ލީޑްނަގައިފަ ވަނިކޮށް ނަތީޖާ ހަމަހަމަކުރީ ލާޒިޔޯގެ ޗިރޯ އިމޮބިލޭ ކާމިޔާބުކުރި ލަނޑުންނެވެ. މިލާނުން މޮޅުވި ލަނޑު މެޗުގެ އިތުރުވަގުތުގެ އެންމެ ފަހު މިނިޓުގައި ކާމިޔާބުކުރީ ތިއޯ ހެނާންޑޭޒްއެވެ.

ރޭ ވާދަވެރި އިންޓަމިލާންނުން ވެސް ވަނީ ރަށުން ބޭރުގައި ކުޅެ މޮޅެއް ހޯދާފައެވެ. ވެރޯނާއާ ދެކޮޅަށް ކުޅުނު މެޗު އިންޓަ ކާމިޔާބުކުރީ 2-1 ލަނޑުންނެވެ. އިންޓަރއަށް ލަނޑުތައް ޖަހައިދިނީ މާޓިނޭޒްގެ އިތުރުން ސިރިނިއަރއެވެ. ވެރޯނާގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިވާން އިލިޗްއެވެ. މި ނަތީޖާ އެކު މިލާން އެއްވަނައިގަ އޮތީ 34 ޕޮއިންޓް ހޯދައިގެންނެވެ. އިންޓަމިލާން ދެވަނައިގަ އޮތީ މިލާނަށް ވުރެ އެއްޕޮއިންޓް މަދުން ހޯދައިގެންނެވެ.

ރޭ ކަލިއެރީ އަތުން ހޯދި މޮޅާއެކު ރޯމާ ވަނީ 27 ޕޮއިންޓާއެކު ތިންވަނައަށް ކުރިޔަށްޖެހިލާފައެވެ. ސަސުލޯ ރޭ ސަމްޕަޑޯރިޔާ އަތުން ހޯދި މޮޅާއެކު އެޓީމުވަނީ 26 ޕޮއިންޓް ހޯދައި ތާވަލުގެ ހަތަރުވަނައަށް ކުރިޔަށްޖެހިލާފައެވެ. ރޭ ޓުރިނޯއަތުން އެއްވަރުވެ، ނަޕޯލީ ފަސްވަނައިގަ އޮތީ 25 ޕޮއިންޓާއެކުގައެވެ. އެންމެފަހުގެ ޗެމްޕިއަން ޔުވެންޓަސް ހަވަނައިގަ އޮތީ އެއްވަނައިގަވާ މިލާނަށްވުރެ 10 ޕޮއިންޓު މަދުން ހޯދައިގެންނެވެ. ބޮލޯނާ އެއްވަރުވެ އެޓްލާންޓާ ވަނީ 7 ވަނައަށް ވެއްޓިފައެވެ. މިލާނުން ލީގުގެ ކުރީގެ އޮވެ އަހަރު ނިންމާލިއިރު ޔޫރަޕުގެ ގަދަ ފަސް ލިގުގެ ތެރެއިން މި ސީޒަންގައި ހަމައެކަނި ބަލިނުވެ އޮތް ޓީމަކީ މިލާންއެވެ.