ޚަބަރު

ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް މިހާރަށްވުރެ ބޮޑަށް ރަނގަޅު ކުރެވޭނެ ގޮތްތައް ދެނެގަންނަންޖެހޭ- ސީޕީ ހަމީދު


ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް މިހާރަށްވުރެ ބޮޑަށް ރަނގަޅު ކުރެވޭނެ ގޮތްތައް ދެނެގަންނަންޖެހޭކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ "ފްރަންޓްލައިން ޕޮލިސިންގ ސިމްޕޯޒިއަމް"ގެ ނަމުގައި ފެށި ސިމްޕޯޒިއަޒް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ފްރަންޓްލައިން ޕޮލިސިންގ ސިމްޕޯޒިއަމްއަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސީދާގޮތުން ރައްޔިތުންނަށްދެވޭ ފުލުހުންގެ ހިދުމަތްތައް ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތަކާއިމެދު މަޝްވަރާކުރުމަށް ފެށި ސިމްޕޯޒިއަމެކެވެ.

ސިމްޕޯޒިއަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ މި ސިމްޕޯޒިއަމްގައި ބައިވެރިވާ މުވައްޒަފުންގެ އިލްމީ އަދި މަސައްކަތުގެ ތަޖުރިބާތައް ހިއްސާކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް މިހާރަށްވުރެ ބޮޑަށް ރަނގަޅު ކުރެވޭނެ ގޮތްތައް ދެނެގަތުމަކީ މުހިންމުކަމެއްކަމަށެވެ. އަދި ފްރަންޓްލައިންގެ ހިދުމަތްތައް މިހާރު ފޯރުކޮށްދެމުންދާ ގޮތްތަކާއި މިހާރަށްވުރެ ބޮޑަށް ރައްޔިތުންނަށްދެވޭ ހިދުމަތްތައް ރަނގަޅުކުރުމަށްޓަކައި ކުރެވޭނެ ކަންކަމާމެދު މަޝްވަރާކޮށް، ޕްލޭންތައް އެކުލަވާލުމަށް ކޮމިޝަނަރ އޮފް ޕޮލިސް އެދިވަޑައިގަތެވެ.

ޑިސެމްބަރުގެމަހުގެ 22 ވަނަ ދުވަހުން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ސިމްޕޯޒިިއަމްއަކީ ފްރޮންޓްލައިން ޕޮލިސިންގގެ ދާއިރާގައި ހުރި މައްސަލަތަކާއި އެކަންކަމަށް ހޯދޭނެ ހައްލުތަކާއިމެދު މަޝްވަރާކޮށް ތަންފީޒީ މަރުހަލާއަކަށް އެކަންތައްތައް ގެންދިއުމަށް ކުރަންހުރި މަސައްކަތްތައް ދެނެގަތުމުގެ ގޮތުން ބާއްވާ ސިމްޕޯޒިއަމްއެކެވެ. އަދި މިސިމްޕޯޒިއަމްގައި ފްރޮންޓްލައިން ޕޮލިސިންގ ހަރުދަނާކުރުމަށް ގެންނަނަންޖެހޭ ބަދަލުތައް ދެނެގަތުމާއި، ފްރޮންޓްލައިން ހިދުމަތްތައް ދިނުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް އަމަލުކުރާނެ ރާސްތާގެ އަމަލީ އެޖެންޑާއެއް އެކުލަވާލާނެއެވެ. ހަމައެއާއެކު ފްރޮންޓްލައިން ފުލުހުންގެ މަސައްކަތް އިތުރަށް ހަރުދަނާކުރެވި، އާއްމު ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ފްރޮންޓްލައިން ފުލުހެއްގެ ޒިންމާއާއި ވާޖިބު އަދާ ކުރުމުގައި ލިބެންހުރި ވަސީލަތްތައް ބޭނުންކުރުމުގައި އަދި މެނޭޖްކުރުމުގައި ހުރި ގޮންޖެހުންތަކާއި ހުރަސްތައް އަދި ރަނގަޅު ކުރަން ކުރެވެންހުރި ކަންކަން ދެނެގަނެވިގެން ދާނެއެވެ.

މި ސިމްޕޯޒިއަމްގައި ސެންޓްރަލް ޕޮލިސިންގ ކޮމާންޑާއި ޑިވިޜަނަލް ޕޮލިސިންގ ކޮމާންޑާއި ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑާއި ފޮރެންސިކް ސަރވިސަސް އަދި ޑައިރެކްޓަރޭޓް އޮފް އިންޓެލިޖެންސްގެ މުވައްޒަފުން ބައިވެރިވެއެވެ. މިބައިވެރިންގެ ތެރޭގައި ވާޗުއަލްކޮށް ބައިވެރިވާ މުވައްޒަފުންވެސް ހިމެނެއެވެ.

މި ސިމްޕޯޒިއަމްގައި އޮބްޒާވަރުންގެ ގޮތުގައި ޕޮރޮފެޝަނަލް ސްޓޭންޑާރޑް ކޮމާންޑާއި ލީގަލް ޑިޕާޓްމަންޓާއި ޓްރެއިން އެންޑް ޑިވެލޮޕްމެންޓާއި ހިއުމަން ރިސޯސް ޑިވެލޮޕްމެންޓާއި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސަރވިސަސް އާއި ލޮޖިސްޓިކް ސަރވިސް އަދިކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާރޒުން ބައިވެރިވެއެވެ.