ދުނިޔެ

ގަލްފުގެ މައްސަލަ ޙައްލުކުރުމަށް ހުރަހެއް ނެތް: ޤަތަރު


ގަލްފުގެ މައްސަލަ ޙައްލުކުރުމަށް ސިޔާސީ ނަޒަރަކުން އެއްވެސް ހުރަހެއް ނެތްކަމަށް ޤަތަރުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ. އޭނާ އެހެން ވިދާޅުވީ ގަލްފުގެ ޤައުމުތަކުގެ މެދުގައި އުފެދިފައިވާ ޚާރިޖީ މައްސަލަތައް ޙައްލުކުރުމުގައި ކުރިއެރުމެއް ލިބިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.

ނިރުބަވެރި ޖަމާޢަތްތަކަށް އެހީތެރިވެ އީރާނަށް އެއްބާރުލުންދޭކަމަށް ބުނެ ގަލްފުގެ ބާރުތައްކަމަށްވާ ސަޢުދީ ޢަރަބިއްޔާއާއި ޔޫއޭއީއާއި ބަޙުރައިނުންވަނީ 2017ވަނަ އަހަރުގެ ޖޫން މަހު ޤަތަރާއެކު އޮންނަ ސިޔާސީ އަދި ވިޔަފާރީގެ ގުޅުންތައް ކަނޑާލާފައެވެ. އެ ޤައުމުތަކާއި ބައިވެރިވެގެން މިޞްރުންވެސް ޤަތަރާ ގުޅުން ކަނޑާލިއެވެ. އެހެންނަމަވެސް އެ ތުހުމަތުތައް ޤަތަރުން ދޮގުކޮށް، މައްސަލައަށް ޙައްލެއް ހޯދުމަށް މަޝްވަރާކުރުމަށް ތައްޔާރަށް އޮތްކަމަށް ޤަތަރުންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ރަޝިޔާގެ މޮސްކޯގައި އެޤައުމުގެ ޚާރިޖީ ވަޒީރު ސާގެއި ލަވްރޮވްއާއި އެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޤަތަރުގެ ޚާރިޖީ ވަޒީރު ޝައިޚު މުޙައްމަދު ބިން އަބްދުއްރަޙްމާން އައްޘާނީ ވިދާޅުވީ ގަލްފުގެ މައްސަލައަށް ޙައްލެއް ހޯދަންޖެހޭނީ މައްސަލައާއިމެދު ވާހަކަދައްކާ މަޝްވަރާކޮށްގެންކަމަށެވެ. އަދި އެކަމުގައި ޤައުމުތަކުގެ އިސްތިގުލާލަށް އިޙްތިރާމްކޮށް، ދާޚިލީ މައްސަލަތަކަށް ނުފޫޒު ފޯރުވައިގެން ނުވާނެކަމަށްވެސް އެނާ ވިދާޅުވިއެވެ.

ގަލްފު ކޯޕަރޭޝަން ކައުންސިލް، ޖީސީސީއިން އެކަތިގަނޑެއްގެ ގޮތުގައި އެކުގައި މަސައްކަތްކުރަންޖެހޭކަމަށް ފާހަގަކުރައްވަމުން އައްޘާނީ ވިދާޅުވީ ގަލްފު ސަރަޙައްދުގެ ސަލާމަތީ ކަންކަމަކީ ޤަތަރުންވެސް އެކަމަށް ޚާއްޞަ މުހިންމު ކަމެއްދޭ ކަމެއްކަމަށެވެ. އަދި މައްސަލަ އިތުރަށް ގޯސްވިޔަ ދިނުމަކީ މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކަށް ފައިދާ ހުރި ގޮތެއް ނޫންކަމަށްވެސް އައްޘާނީ ވިދާޅުވިއެވެ.

މި މަހުގެ ކުރީކޮޅުގައި ގަލްފުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ސަޢުދީ ޢަރަބިއްޔާއާއި ޤަތަރާއި ދެމެދު ބޭއްވި މަޝްވަރާތަކުން އެއްބަސްވުމަކާއި ހަމައަށް އައުމަށް ގާތްވެފައިވާކަމަށް ބައެއް މަސްދަރުތަކުންވަނީ ބުނެފައެވެ. އެފަދަ އިޝާރާތެއް އައިސްފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕުގެ ޚާއްޞަ މުޝީރު އަދި ދަނބިދަރިކަލުން، ޖެރެޑް ކުޝްނާ ގަލްފުގެ މައްސަލައަށް ޙައްލެއް ހޯއްދެވުމަށް ގަލްފުގެ ޤައުމުތަކަށް ދަތުރުކުރައްވާފައިވަނިކޮށެވެ.