ޚަބަރު

255 ދުވަހަށްފަހު ޓައިވާނުގެ އާންމުންގެ ތެރެއިން ކޯވިޑް ފެނިއްޖެ


މިދިޔަ އޭޕްރިލް މަހުގެ 12ވަނަ ދުވަހުން ފެށިގެން ކޯވިޑް-19 ޖެހިފައިވާ މީހަކު އާންމުންގެ ތެރެއިން ފެނިފައިނުވާ ޓައިވާނުން އަނެއްކާވެސް ބަލިޖެހިފައިވާ މީހަކު ފެނިއްޖެއެވެ.

ޓައިވާނުގައި މިހާތަނަށް ކޯވިޑް-19 ޖެހިފައިވަނީ 770 މީހުންނަށެވެ. އަދި އެ ޤައުމުން އެ ބަލީގައި މަރުވެފައިވަނީ އެންމެ ހަތް މީހުންނެވެ. މިދިޔަ އޭޕްރިލް މަހުން ފެށިގެން ޓައިވާނުގައި ކޯވިޑް-19 ފެންނަމުންދަނީ ބޭރު ޤައުމުތަކުން އެ ޤައުމަށް ދަތުރުކުރާ މީހުންގެ ފަރާތުން އެކަންޏެވެ. ފާއިތުވި ދުވަސްތަކުގައި އާންމުންގެ ތެރެއިން ބަލިޖެހިފައިވާ މީހަކު ފެނިފައެއް ނުވެއެވެ. ޓައިވާނުގައި ޢަމަލުކުރަމުންދާ އުސޫލުތަކުގެ ދަށުން އެ ޤައުމަށް ދަތުރުކުރާ މީހުން ޤައުމަށް ފޯރުމާއިއެކު ކަރަންޓީނުވާންޖެހެއެވެ. އޭގެ ތެރެއިން ކޯވިޑް-19 ޖެހިފައިވާކަމަށް ތަހުލީލުން ދައްކާ މީހުން އެކަހެރިކޮށް ފަރުވާދެއެވެ. އުސޫލުތަކާއި ޚިލާފުވާ މީހުން ބޮޑެތި ޢަދަދުތަކުން ޖޫރިމަނާކުރެއެވެ.

ޓައިވާނަކީ ކޯވިޑް-19 ފެތުރުން ހުއްޓުވުމުގައި އެންމެ ކާމިޔާބު އެއް ޤައުމުގެ ގޮތުގައި ފާހަގަވެފައިވާ ޤައުމެވެ. ނަމަވެސް ބަލިޖެހިފައިވާ މީހަކު ނުފެނި 255 ދުވަސް އޮތުމަށްފަހު އެ ޤައުމުން އަނެއްކާވެސް ބަލިޖެހިފައިވާ މީހަކު ފެނިފައިވާކަމަށް ޓައިވާނުގެ ޞިއްޙަތާއިބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައިވަނީ ބުނެފައެވެ. އެ ބަޔާނުގައި ބުނީ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހާއި 12ވަނަ ދުވަހާއި ދެމެދުގައި ބޭރު ޤައުމަކަށް ނިސްބަތްވާ ޕައިލެޓަކާއި ބައްދަލުވުމަށްފަހު އުމުރުން 30 އަހަރުގެ އަންހެނަކަށް ކޯވިޑް-19 ޖެހިފައިވާކަމަށެވެ. އެ ޕައިލެޓުވެސްވަނީ ކޯވިޑް-19އަށް ޕޮސިޓިވްވެފައެވެ.