ކުޅިވަރު

އާސެނަލް ބަލިކޮށް، މެންޗަސްޓަރ ސިޓީ ސެމީ ފައިނަލަށް!


އާސެނަލް ބަލިކޮށް އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލަށް މެންޗަސްޓަރ ސިޓީ ދަތުރުކޮށްފިއެވެ.

އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު ކުއާޓަރ ފައިނަލް މެޗުގައި އާސެނަލްގެ މައްޗަށް ސިޓީން ކާމިޔާބު ހޯދީ 4-1ގެ ނަތީޖާއަކުންނެވެ. މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 3 ވަނަ މިނެޓުގައި ސިޓީ ފޯވާޑް ގެބްރިއަލް ހެސޫސް ކާމިޔާބުކޮށްފައިވަނިކޮށް، އާސެނަލްއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 31 ވަނަ މިނެޓުގައި، އެޓީމުގެ ލަކަޒޭޓްގެ ގޯލާއެކު ނަތީޖާ ހަމަހަމަކޮށްފައެވެ. ނަމަވެސް ދެވަނަ ހާފުގައި ސިޓީގެ ކުޅުން ވަރުގަދަކޮށް، އިތުރު 3 ލަނޑު ކާމިޔާބުކުރިއެވެ. ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ، މަހްރޭޒް، ފޯޑެން އަދި ލަޕޯޓޭއެވެ.

މިމޮޅާއެކު އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލަށް މެންޗަސްޓަރ ސިޓީ ދަތުރުކޮށްފައިވާއިރު، ބްރެންޓްފޯޑްއާއި ނިއުކާސަލް ކުޅުނު ކުއާޓަރ ފައިނަލް މެޗު 1-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބްރެންޓްފޯޑްއެވެ. މިއީ ބްރެންޓްފޯޑުގެ 131 އަހަރުގެ ތާރީހުގައި ބޮޑު މުބާރާތެއްގެ ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލްގެ ބާކީ 2 ޖާގަ ހޯދުމަށް ޓޮޓްނަމްއިން ސްޓޯކް ސިޓީއާ ދެކޮޅަށް ނިކުންނައިރު، މެންޗަސްޓަރ ސިޓީ ނިކުންނާނީ އެވެޓަންއާ ދެކޮޅަށެވެ.