ކުޅިވަރު

ސޮސިއެދާދްގެ މައްޗަށް ހޯދި މޮޅާއެކު ތަވާލުގެ އެއް ވަނައިގައި އެތުލެޓިކޯ މެޑްރިޑް ހަމަޖެހިލައިފި


ރެއާލް ސޮސިއެދާދްގެ މައްޗަށް ހޯދި މޮޅާއެކު ސްޕެނިޝް ލަލީގާގެ ތަވާލުގެ އެއް ވަނައިގައި އެތުލެޓިކޯ މެޑްރިޑް ހަމަޖެހިލައިފިއެވެ.

ރެއާލް ސޮސިއެދާދްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެޓީމުގެ މައްޗަށް އެތުލެޓިކޯ މެޑްރިޑުން ކުރި ހޯދީ 2-0ގެ ނަތީޖާއަކުންނެވެ. މިމެޗުގައި އެތުލެޓިކޯގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މާރިއޯ ހެމޯސޯއާއި މާކޯސް ލިއޮރެންޓޭއެވެ.

މިމެޗުން ހޯދި މޮޅާއެކު އެތުލެޓިކޯ މެޑްރިޑް އޮތީ ކުޅުނު 13 މެޗުން ހޯދި 32 ޕޮއިންޓާއެކު ތާވަލުގެ 1 ވަނައިގައެވެ. ދެވަނައިގައި ރެއާލް މެޑްރިޑް އޮތީ 14 މެޗުން ހޯދި 29 ޕޮއިންޓާއެކުއެވެ. އަދި ރޭގެ މެޗުން ބަލިވި ރެއާލް ސޮސިއެދާދް އޮތީ 16 މެޗުން ހޯދި 26 ޕޮއިންޓާއެކު ތާވަލުގެ 3 ވަނައިގައެވެ.

ސްޕެނިޝް ލަލީގާއި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު، އެލްޗެއާއި އޮސަސޫނާ ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެނެވެ. ހުއެސްކޭއާއި ލެވާންޓޭ ބައްދަލުކުރި މެޗު 1-1އިން އެއްވަރުވިއިރު، އެތުލެޓިކޯ ބިލްބާއޯއާއި ވިޔަރެއާލް ބައްދަލުކުރި މެޗުވެސް ނިމުނީ 1-1އިން އެއްވަރުވެގެންނެވެ. ވެލެންސިއާއާއި ސެވިއްޔާ ބައްދަލުކުރި މެޗު، 1-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސެވިއްޔާއެވެ.