ކުޅިވަރު

ޕެލޭގެ ރެކޯޑް މެސީ މުގުރާލައިފި


އެއް ޓީމަކަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ބާސެލޯނާގެ ފޯވާޑް ލިޔޮނަލް މެސީ މުގުރާލައިފިއެވެ.

ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ބްރެޒިލްގެ ޕެލޭ ޤާއިމްކޮށްފައި އޮތް އެއް ޓީމަކަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް މެސީ މުގުރާލީ، ރޭ ބާސެލޯނާއާއި ވަޔޮޑޮލިޑް ބައްދަލުކުރި މެޗުގައި ޖެހި ގޯލާއެކުއެވެ. މިގޯލާއެކު އޭނާ ބާސެލޯނާއަށް ކާމިޔާބުކޮށްދިން ގޯލުގެ އަދަދު ވަނީ 644 އަށް އަރާފައެވެ. މިރެކޯޑް ކުރިން ޤާއިމްކޮށްފައި އޮތް ޕެލޭ ވަނީ 1956 އިން 1974 އަށް އޭނާ ކުޅުނު ބްރެޒިލްގެ ސަންތޯސްއަށް 643 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ޕެލޭ ރެކޯޑް މެސީ މުގުރާލި މެޗުން ބާސެލޯނާ މޮޅުވީ 3-0ގެ ނަތީޖާއަކުންނެވެ. ވަޔޮޑޮލިޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގައި މެސީގެ އިތުރުން ބާސެލޯނާގެ ގޯލުތައް ކާމިޔާބުކޮށްދިނީ، އެ ޓީމުގެ ފޯވާޑު ބްރެއިތުވެއިޓްއާއި ޑިފެންޑަރު ލެންގްލެޓްއެވެ. މިމެޗުން ހޯދި މޮޅާއެކު ބާސެލޯނާ އޮތީ ސްޕެނިޝް ލީގު ތާވަލުގެ 5 ވަނައިގައި 24 ޕޮއިންޓާއެކުއެވެ. މެޗުން ބަލިވި ވަޔޮޑޮލިޑް އޮތީ ތާވަލުގެ ފުލުން 3 ވަނައިގައި 14 ޕޮއިންޓާއެކުއެވެ.