ޚަބަރު

ވަގު ސްލިޕްތަކެއް ހަދާ ސިނގިރޭޓް ކާޓޫނުތަކެއް ގެންދިޔަ މީހަކު ހޯދަނީ


ޓްރާންސްފަރ ކުރިކަމުގެ ސައްހަނޫން ސްލިޕްތަކެއް ހަދައިގެން އޮޅުވާލައިގެން މުދާތަކެއް ގެންދިޔަ މީހަކު ހޯދުމަށް ފުލުހުން އޭނާގެ މައުލޫމާތު އާއްމުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން ތަހުޤީގުކުރަމުންދާ މައްސަލައެއްގައި ހޯދަމުން އަންނަނީ އއ. މަތިވެރި، ހަނދުވަރީގެ އުމުރުން 29 އަހަރުގެ ޢަބްދުﷲ ޖަމީލްކަމަށެވެ. މީނާ ހޯދަނީ އަސްލަށް ބަދަލުގެނެސް ހަދާފައިވާ ޓްރާންސްފަރ ސްލިޕްތަކެއް ބޭނުންކޮށްގެން މިދިޔަ މަހުގެ 17 ވަނަދުވަހު ސިނގިރޭޓް ކާރޓޫންތަކެއް ގެންދިޔަކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައިކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މިކަމުގައި މީނާއާއި އެކު އިތުރު ދެމީހަކު ބައިވެރިވެފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ޗިޓް މީނާއަށް ރައްދުކުރެވިފައިނުވާކަމަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އެހެންކަމުން މިމަހުގެ 28 ވަނަދުވަހުގެ ކުރިން ފުލުހުންގެ މަރުކަޒަށް ހާޒިރުވުމަށްވެސް ފުލުހުން މިއަދު އާއްމުކުރި އިއުލާންގައި މި މީހާ އަންގާފައިވެއެވެ.

ކޯވިޑައި ގުޅިގެން ވިޔަފާރިތަކަށް އަގު ދެއްކުމުގައި ފައިސާ ޓްރާންސްފަރ ކުރުމުގެ މުއާމަލާތުތައް ވަނީ އެތައް ގުނައަކުން އިތުރުވެފައެވެ. އެއާއި އެކު ވިޔަފާރިކުރުމަށްފަހު ސައްހަ ނޫން ސްލިޕްތައް ފޮނުވާ މަކަރާއި ހީލަތް ހެދުމުގެ ކުށްތައް އިތުރުވެ ވިޔަފާރިވެރިން އަންނަނީ އެކަމުގެ ކަނބޮޑުވުން ފާޅުކުރަމުންނެވެ. ދާދި ފަހުންވެސް ފިހާރައަކަށް ސައްހަ ނޫން ސްލިޕްކޮޅެއް ފޮނުވާ ގިނަ އަދަދެއްގެ ވިޔަފާރިކުރި މީހެއް ހޯދުމަށް ފުލުހުން ވަނީ އޭނާގެ ވީޑިއޯ އާއްމުކޮށްފައެވެ.

މި ފަދަ މައްސަލަތައް އިތުރުވަމުން އަންނަނީތީ އެކަމަށް ރައްކާތެރިވުމަށް ފުލުހުންވަނީ އިލްތިމާސްކުރައްވާފައެވެ.