ވިޔަފާރި

އެއް ފަހަރު ބޭނުންކުރާ ޕްލާސްޓިކް އެތެރެކުރުން މަނާކުރާ ބިލު ތަޞްދީޤުކުރައްވައިފި


އެއް ފަހަރު ބޭނުންކޮށްފައި އުކައިލެވޭ ޒާތުގެ ޕްލާސްޓިކް ރާއްޖެއަށް އެތެރެކުރުން މަނާކުރާ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޞްދީޤުކުރައްވާފައިވަނީ ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް 18 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ. މި ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި އަހަރުގެ 3 ވަނަ ދައުރުގެ 28 ވަނަ ޖަލްސާގައެވެ.

މި ބިލާއެކު އިޞްލާޙު ކުރައްވާފައި ވަނީ ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނުގެ 7 ވަނަ މާއްދާއެވެ. މި ގޮތުން، 7 ވަނަ މާއްދާގައި ހިމެނޭ ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ ތަކެތީގެ ތެރެއިން، ސިންގަލް-ޔޫޒް ޕްލާސްޓިކް ނުވަތަ ޕްލާސްޓިކުން ތައްޔާރުކޮށްފައިވާ ތަކެތީގެ ތެރެއިން އެއް ފަހަރު ބޭނުންކޮށްފައި އުކައިލެވޭ ޒާތުގެ ތަކެތީގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ތަކެތި ރާއްޖެއަށް އެތެރެކުރުން މި ބިލާއެކު މަނާ ކުރެވޭނެއެވެ. އަދި، އެފަދަ ތަކެތީގެ ލިސްޓެއް، އެކި މަރުޙަލާ ތަކަކަށް ބައްސަވާލައްވައިގެން، ކަނޑައެޅުއްވުމުގެ އިޚްތިޔާރު މި ބިލުގައި ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފައިވެއެވެ.

އެފަދަ ލިސްޓެއް ކަނޑައަޅުއްވައި، އަންނަ އަހަރު ފެށުމުގެ ކުރީން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރުމާއި، ލިސްޓު ޝާއިޢުކުރާއިރު، ލިސްޓުގައި ރައީސުލްޖުމްހޫރިއްޔާ ހިމަނުއްވާ ތަކެތި ބޭނުންކުރުން މަނާކުރާނެ ތާރީޚެއް ކަނޑައަޅާފައި އޮންނަންވާނެ ކަމަށް ވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިބިލު ތަޞްދީޤުކުރެއްވުމާ ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. އަދިި މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ ޤާނޫނު ތަޞްދީޤުކޮށް، ގެޒެޓުގައި ޝާއިޢުކުރައްވާ ދުވަހުން ފެށިގެންނެވެ.

ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކު ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، ބޭނުންކުރުން ހުއްޓާލުމާގުޅޭ ޕްލޭން ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވާފައިވަނީ މިދިޔަ ނޮވެންބަރުމަހުގެ ފަސްވަނަ ދުވަހުގައެވެ.

އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕުލާސްޓިކު ރާއްޖޭގައި ބޭނުންކުރުން 2023 ވަނަ އަހަރުގެ ނިޔަލަށް ހުއްޓާލާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރައްވާފައި ވަނީ އ.ދ. ގެ ޢާންމު މަޖިލީހުގެ 74 ވަނަ ބައްދަލުވުމުގެ ހަވާސާގައި 2019 ސެޕްޓެންބަރު 23 ވަނަ ދުވަހު ބޭއްވި ކްލައިމެޓް ސަމިޓުގައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައެވެ.

އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕުލާސްޓިކު ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، އަދި ބޭނުންކުރުން 2023 ގެ ނިޔަލަށް ހުއްޓާލުމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއިން ވަނީ "ސިންގަލް ޔޫޒް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން" އެއް އެކުލަވާލާފައެވެ.

މީގެ އިތުރުން ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސް.އޭ.ޕީ) ގެ "ޖަޒީރާ ދިރިއުޅުން" ބައިގެ "ކުންޏަކީ ވަޞީލަތަކަށް ހެދުން،" މި ދާއިރާގެ ދަށުން އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕުލާސްޓިކު މަދުކުރުމުގައި އަމަލުކުރާނެ ސިޔާސަތުތައް އެކަށައަޅާފައިވެއެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން މަދު ކުރުމަށް ޚާއްސަ ޙަރަކާތައް ސަރުކާރުންފަށައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސަރުކާރުގެ އޮފީސްތަކުގެ އިތުރުން އަމިއްލަ ބައެއް ތަންތަނާއި ކެފޭ ރެސްޓޯރެންޓްތަކުގައިވެސް އެހަރަކާތުގައި ވަނީ ބައިވެރިވެ އެކަން ތަންފީޒުކުރަމުންނެވެ.