ދުނިޔެ

އަންކާރާގައި ދިން ހަމަލާތަކާއި ގުޅިގެން ބަޔަކު ހައްޔަރުކޮށްފި


ތުރުކީގެ ވެރިރަށް އަންކާރާއަށް ދިން ހަމަލާތަކާއި ގުޅިގެން ކުރިއަށްދާ ތަހުގީގުގައި ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ތުރުކީގެ ބޮޑުވަޒީރުގެ ނައިބު އަދި ސަރުކާރުގެ ތަރުޖަމާނު ނޫމާން ކުޓުމުޝް ވިދާޅުވެއްޖެއެވެ.މި ހަމަލާގެ އިތުރު ތަފްސީލެއް އަދި ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.ކުޓުމުޝް ވިދާޅުވީ މި ހަމަލާ ދީފައިވަނީ 2 މީހަކު ޖާނުން ފިދާވެގެން ކަމަށާއި ކޮންމެ މީހެއްގެ އަތުގައިވެސް 5 ކިލޯގެ ގޮވާތަކެތި ހުރި ކަމަށެވެ. އަދި، މިދިޔަ ޖުލައި މަހު ތުރުކީގެ ސުރުކްއަށް ދިން ހަމަލާއާ އެއްގޮތް ކަންތައްތަކެއް ފާހަގަވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.ތުރުކީ ސަރުކާރުން ދަނީ މިހަމަލާތަކަކީ އިސްލާމިކް ސްޓޭޓް ޖަމާއަތާއި ދެކޮޅަށް އެގައުމުން ފަށާފައިވާ އަސްކަރީ ހަރަކާތްތަކުގެ ބަދަލެއްގެ ގޮތުން ދިން ހަމަލާއެއް ކަމަށް ބުނަމުންނެވެ. ނަމަވެސް، އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި މިއީ އެގައުމުގެ ކުރުދީ ނަސްލުގެ މީހުންނާއި ދެކޮޅަށް ސަރުކާރުން ހިންގަމުންދާ ޖަރީމާތަކުގެ ރައްދުގައި ދީފައިވާ ހަމަލާއެއްކަމަށެވެ.މި ހަމަލާތަކާއި ގުޅިގެން ތުރުކީ ސަރުކާރަށް އަމާޒުވަމުންދާ ފާޑުކިޔުންތައް އިތުރުވެފައިވެއެވެ.މި ހާދިސާގައި މަރުވި މީހުންގެ ޖަނާޒާގައިވެސް ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ދަނީ ނުރުހުންފާޅު ކުރަމުންނެވެ. މި ހާދިސާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ. މި ހާދިސާގައި 97 މީހުން މަރުވެފައިވެއެވެ.