ޢިރާޤުގެ ބަޣުދާދުގައި ހުންނަ އެމެރިކާގެ އެމްބަސީއަށް އަމާޒުކޮށް ރޮކެޓު ޙަމަލާތަކެއް ދީފިއެވެ. ޢިރާޤުގެ އަސްކަރިއްޔާއިން ބުނީ ކަޓްޔޫޝާ މަރުކާގެ މަދުވެގެން އަށް ރޮކެޓު ބަޣުދާދުގައި ޤައުމުތަކުގެ ޚާރިޖީ އިދާރާތައް ހުންނަ ފެހި ޒޯނަށް އަމާޒުކޮށް ފޮނުވާފައިވާކަމަށެވެ. އެ ސަރަޙައްދަށް ކޮންމެވެސް ވަރެއްގެ ގެއްލުމެއް ލިބިފައިވާކަމަށް ޢިރާޤުގެ އަސްކަރިއްޔާއިން ބުނެއެވެ. އެ ޙަމަލާ ދީފައިވަނީ ޤާނޫނާއި ޚިލާފަށް ޙަރަކާތްތެރިވާ ޖަމާޢަތަކުންކަމަށްވެސް އަސްކަރިއްޔާއިން ބުނެއެވެ.
އަސްކަރިއްޔާއިން ބުނީ ރޮކެޓް ހަމަލާތައް ގިނައިން އަރާފައިވަނީ ފެހި ޒޯންގެ ތެރޭގައި ހުންނަ މީހުން ދިރިއުޅޭ އިމާރާތަކަށާއި ސަލާމަތީ ޗެކުޕޮއިންޓަކަށެވެ. ބައެއް އިމާރާތްތަކާއި ކާރަށް ގެއްލުން ލިބިފައިވާއިރު، ޢިރާޤު ސިފައިންގެ އެކަކުވަނީ ޒަހަމްވެފައެވެ. މި ޙާމަލާގައި އެއްވެސް މީހެއް މަރެއްނުވެއެވެ.
ފެހި ޒޯނަށް އަމާޒުކޮށް ދިން ޙާމަލާގައި ހިމެނޭ އެއް ރޮކެޓުވަނީ އެމެރިކާގެ އެމްބަސީގެ އެންޓި ރޮކެޓު ސިސްޓަން ނުވަތަ ރޮކެޓު ޙަމަލާތަކުން ފެހި ޒޯނު ސަލާމަތްކުރާ ނިޒާމުން އެހެން ސަރަޙައްދަކަށް ފޮނުވާފައެވެ.
ޢިރާޤުގައި ހުންނަ އެމެރިކާގެ އެމްބަސީން ވަނީ ޙަމަލާ ކުށްވެރިކޮށް، އެފަދަ ކަންކަން އިތުރަށް ހިންގިޔަ ނުދިނުމަށްޓަކައި ޢިރާޤުގެ ސިޔާސީ ފަރާތްތަކާއި ސަރުކާރުގެ އިސްވެރިން ފިޔަވަޅު އެޅުމަށް ގޮވައިލައިފައެވެ. އަދި އެފަދަ ޙަމަލާތައްދޭ މީހުން ހޯދާ އަދަބު ދިނުމަށްވެސްވަނީ ގޮވައިލައިފައެވެ.
އެމެރިކާއިން ޤަބޫލުކުރާ ގޮތުގައި އެ ޤައުމުގެ އެމްބަސީއަށް އަމާޒުކޮށް ރޮކެޓު ޙަމަލާދީފައިވަނީ އީރާނާއި ގުޅުންހުރި ހަނގުރާމަވެރި ޖަމާޢަތަކުންނެވެ. ނަމަވެސް އެފަދަ އެއްވެސް ޖަމާޢަތަކުން މިހާތަނަށް ޙަމަލާގެ ޒިންމާ އުފުލާފައެއް ނުވެއެވެ.