ޚަބަރު

މިމަހު ވާރޭވެހޭވަރު އިތުރުވާނެ، އެންމެ ބޯކޮށް ވެހުނީ ނިލަންދޫއަށް


އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ ފ. ނިލަންދޫ އަށް ކަމަށް މެޓް އޮފީހުން ރެކޯޑްތަކުން ދައްކައިފިއެވެ.

ރާއްޖޭގެ ސަރަހައްދުގައި އުފެދިފައިވާ ޓްރަފެއްގެ ސަބަބުން ކުރިޔަށް އޮތް 24 ގަޑިއިރަށްވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

އިއްޔެ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ބޯކޮށް ވާރޭވެހުނު އިރު އެންމެ ގިނައި ވާރޭ ވެހުނުކަމަށް ރެކޯޑްކުރެވިފައިވަނީ ފ ނިލަންދޫއަށެވެ. އެރަށަށް 38.2 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ދެން އެންމެ ގިނައި އިއްޔެ ވާރޭ ވެހުނީ ވ. ރަކީދޫއަށެވެ. އެރަށަށް 21.6 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.

އެއަރޕޯޓް އޮންނަ ރަށްތަކަށް ބަލާއިރު އެންމެ ގިނައި ވާރޭ ވެހުނުކަމަށް ރެކޯޑްކުރެވިފައިވަނީ ގދ. ކާޑެއްދޫއަށެވެ. އެރަށަށް 21.0 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ. މީގެއިތުރުން ނ. މާފަރަށް 15.5 މިލިމީޓަރު ބ. ދަރަވަންދޫއަށް 14.5 މިލިމީޓަރު، ހުޅުލެއަށް 13.7 މިލިމީޓަރުގެ ވާރޭވެހުނުކަމަށް ރިކޯޑްތަކުން ދައްކައެވެ.

މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ މި ޑިސެންބަރުމަހު ރާއްޖޭގެ އުތުރު އަތޮޅުތަކަށް ވެހޭ ވާރޭ އާންމުކޮށް މިދުވަސްވަރު ވެހޭ ވަރަށްވުރެ 10 އިންސައްތަ އިތުރުވާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް އާންމުކޮށް މިދުވަސްވަރު ވެހޭ ވަރުގެ އެހެން އަހަރުތަކުގެ ޑިސެމްބަރަށްވުރެ މިއަހަރު 10 އިންސައްތަ ދަށްވާނެކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.

ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ޑިސެންބަރުގައި ފިނިހޫނުމިން އާންމުކޮށް ހުންނަވަރަށް ވުރެ ތަންކޮޅެއް މިއަހަރު މަތި ވާނެކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.