ދުނިޔެ

ޕާޓީގެ ކޮންޓްރޯލް ގެއްލުމުން ނޭޕާލުގެ މަޖިލިސް އުވާލައިފި


ނޭޕާލުގެ ބޮޑުވަޒީރު، ކޭޕީ ޝަރްމާ އޯލީގެ އެދިވަޑައިގަތުމުގެ މަތިން އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީސް އުވާލައްވައިފައިވާކަމަށް ނޭޕާލްގެ ރައީސް ބިދުޔާ ދޭވީ ބަންދާރީ އިޢުލާނުކުރައްވައިފިއެވެ.

މި ނިންމުމާއި އެކު އެ ޤައުމުގެ އާންމު އިންތިޙާބު އަންނަ އަހަރުގެ އޭޕްރިލް އަދި މެއި މަހުގެ ތެރޭގައި ބާއްވާނެކަންވެސް ރައީސް ބިދުޔާ ދޭވީ ބަންދާރީވަނީ އިޢުލާނުކުރައްވާފައެވެ.

ނޭޕާލްގެ އާންމު އިންތިޚާބު ބާއްވާނެކަމަށް އިޢުލާނުކޮށްފައިވާ ތާރީޚަކީ އިންތިޚާބު ބޭއްވުމަށް ކުރިން ތާވަލުކޮށްފައިވާ ތާރީޚަށްވުރެ އަހަރަކަށްވުރެ ގިނަ ދުވަސް އަވަސް ތާރީޚެކެވެ. ރައީސްގެ މި ނިންމެވުމާއިއެކު، ކޯވިޑާއި ނޭޕާލުން ހަނގުރާމަކުރަމުންދާ ދަނޑިވަޅެއްގައި އެ ޤައުމުގެ ސިޔާސީ މަޝްރަހު ހަލަބޮލިވާނެކަމަށް ބެލެވެއެވެ.

ރައީސް ބިދުޔާ ދޭވީ ބަންދާރީގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ އާންމު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް މަހުގެ 30ވަނަ ދުވަހާއި މެއި މަހުގެ 10ވަނަ ދުވަހުގައިކަމަށެވެ. އެގޮތަށް ނިންމާފައިވަނީ ވަޒީރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއްގައި ހުށަހަޅާފައިވާ ގޮތަށްކަމަށް ބެލުމަށްފަހުކަމަށްވެސް އެ ބަޔާނުގައިވެއެވެ.

2017ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ބޮޑުވަޒީރު ކަޑްގާ ޕްރަސާދު އޯލީވަނީ ނޭޕާލްގައި ސިޔާސީ ހަމަޖެހުން ޤާއިމްކޮށް ކޮރަޕްޝަނާއި ފަޤީރުކަމާއި ދެކޮޅަށް މަސައްކަތްކުރައްވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ. ނަމަވެސް އެ ލަނޑުދަނޑިތައް ޙާޞިލްކުރުމުގައި އެމަނިކުފާނަށް މާ ބޮޑު ކުރިއެރުމެއް ހޯއްދެވިފައެއް ނުވެއެވެ.

ޤާނޫނު ހަދާ މަޖިލީސް އުވާލައި އައު އިންތިޚާބެއް ބޭއްވުމަށް ރައީސްގެ އަރިހުން ބޮޑުވަޒީރު އޯލީ އެދިވަޑައިގެންފައިވަނީ އެ ޤައުމުގެ ވެރިކަންކުރާ ނޭޕާލް ކޮމިއުނިސްޓު ޕާޓީ، އެންސީޕީން ސަރުކާރުގެ ނިންމުންތައް ނިންމުމާއި ސަރުކާރު ހިންގުމުގައި އެމަނިކުފާނުގެ އަމިއްލަ ޕާޓީ އެއްފަރާތް ކުރައްވާކަމުގެ ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެންސީޕީގެ ސެންޓްރަލް ކޮމެޓީގެ މެންބަރު ބިޝްނޫ ރިޖާލް ވިދާޅުވީ ޕާޓީ އާއި ޕާޓީގެ ސެންޓްރަލް ކޮމިޓީގެ އިތުރުން ޕާޓީގެ ސެކްރެޓޭރިއޭޓުގެ އަޣުލަބިއްޔަތު ބޮޑުވަޒީރަށް ގެއްލިފައިވާކަމަށެވެ. އެހެންކަމުން ޕާޓީގެ ތެރެއިން މައްސަލަ ޙައްލުކުރައްވަން މަސައްކަތް ކުރެއްވުމުގެ ބަދަލުގައި ޤާނޫނު ހަދާ މަޖިލީސް އުވާލައްވަން ބޮޑުވަޒީރު އިޚްތިޔާރު ކުރައްވާފައިވާކަމަށެވެ.

ނަމަވެސް އޯލީގެ އަރިސް ބޭފުޅޭއްކަމަށްވާ ރާޖަން ބައްޓަރާޖް ވިދާޅުވީ ޤާނޫނު ހަދާ މަޖިލިސް އުވާލެއްވުމަށް ބޮޑުވަޒީރު ނިންމެވީ ޕާޓިގެ ފަރާތުން ކުރިމަތިވެފައިވާ ފިއްތުންތަކުގެ ސަބަބުންކަމަށެވެ. އެ ޕާޓީން ޕާޓީގެ ރައީސްގެ މަޤާމުން އޯލީ އިސްތިޢުފާ ދެއްވުމަށްވެސް އެދިފައެވެ.

ނޭޕާލްގެ ގިނަ ޢަދަދެއްގެ ރައްޔިތުން ދަނީ ބޮޑުވަޒީރުގެ މި ނިންމެވުމާއި ދެކޮޅަށް އަޑު އުފުލަމުންނެވެ. ސިޔާސީ ފަރާތތްތަކުންނާއި މީސްމީޑިޔާގައި ޚިޔާލު ފައުޅުކުރަމުންދާ ފަރާތްތަކުން ބުނީ ޤާނޫނު ހަދާ މަޖިލީސް އުވާލުން ނޫން އެހެން ފިޔަވަޅެއް އެޅުއްވުމަށް ބޮޑުވަޒީރު މަސައްކަތްކުރެއްވުން މާ ރަނގަޅުވީސްކަމަށެވެ.

ފަތުރުވެރިކަމަށް ބަރޯސާވާ ނޭޕާލުގެ އިޤްތިޞާދަށް ކޯވިޑްގެ ސަބަބުން ބޮޑު ހީނަރުކަމެއް އައިސްފައިވާ މި ވަގުތުގައި ކުއްލި އިންތިޚާބެއް ބޭއްވުމަކީ އެންމެ ބުއްދިވެރި ފިޔަވަޅު ނޫންކަމަށް އެ ފަރާތްތަކުންދަނީ ފާހަގަކުރަމުންނެވެ. އަދި އެހެން ފިޔަވަޅެއް އެޅުމަށް މަސައްކަތްނުކޮށް ޤާނޫނު ހަދާ މަޖިލލީސް އުވާލުމަކީ ޤާނޫނުއަސާސީއާއި ޚިލާފުކަމެއްކަމަށްވެސް ބައެއް ފަރާތްތަކުންދަނީ ބުނަމުންނެވެ. ގިނަ ޢަދަދެއްގެ މީހުންވަނީ ބޮޑުވަޒީރުގެ ނިންމެވުމާއި ދެކޮޅަށް އަޑުއުފުލުމަށް އެމަނިކުފާނުގެ އިދާރާ ދޮށަށް އެއްވެ މުޒާހަރާވެސް ކޮށްފައެވެ.