ދުނިޔެ

ރަޝިޔާގެ ތާއީދުގެ ސަަަބަބުން ހާލަތު އިތުރަށް ނުތަނަވަސްވޭ: ނޭޓޯ


ސޫރިޔާގައި ރަޝިޔާއިން ދެމުންދާ ހަމަލާތަކުގެ ސަބަބުން ސޫރިޔާގެ ދާޚިލީ ހަނގުރާމަ އިތުރަށް ދެމިގެންދާނޭކަމަށް ނޭޓޯ އިން އިންޒާރުދީފި އެވެ.މިހާރު ނޯވޭގައި ކުރިއަށްދާ ނޭޓޯގެ ޕާލިމެންޓަރީ އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން ސެކެޓްރީ ޖެނެރަލް ޔެންސް ސްޓޮލްޓެންބަރގް ވިދާޅުވީ ރަޝިޔާ އިން ސޫރިޔާގައި ދެމުންދާ ހަމަލާތަކަކީ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ދެމެހެއްޓުމަށްޓަކައި އެގައުމުން ކުރާ މަސައްކަތެއް ކަމަށެވެ. ސްޓޮލްޓެންބަރގް ވިދާޅުވީ ސޫރިޔާގެ މައްސަލައަށް ދާއީމީ ހައްލެއް ހޯދުމަށް ރަޝިޔާ އިން ކުރާ މަސައްކަތްތަކަކީ މިހާރަށްވުރެ ހަރުދަނާ މަސައްކަތްތަކަކަށް ވާން ޖެހޭނެ ކަމަށާއި އަސަދުގެ ވެރިކަން ދެމެހެއްޓުމަށްޓަކައި ރަޝިޔާ އިން މަސައްކަތް ކުރަމުންދާނަމަ، އެއީ ހަރުދަނާ، ޒިންމާދާރު މަސައްކަތެއް ނޫންކަމަށްވެސް އޭނާ ވިދާޅުވި އެވެ. ސްޓޮލްޓެންބަރގް ވިދާޅުވީ ނޭޓޯ އިން ސޫރިޔާގައި ހަމަލާތައް ފެށުމުގެ އެއްވެސް ވިސްނުމެއް އަދި ނެތް ކަމަށް ވިދާޅުވެފަ އެވެ.ސޫރިޔާގެ މައްސަލައިގައި ހުޅަނގާއި ރަޝިޔާއިން ހިޔާލު ތަފާތުވެފައިވާއިރު، ހުޅަނގުގެ ގިނަ ގައުމުތަކާއި ޖަމާއަތްތަކުން ދަނީ ސޫރިޔާގެ މައްސަލަަތަކަކީ ރައީސް ބައްޝާރުލް އަސަދުގެ ސަބަބުން އުފެދިފައިވާ މައްސަލަތަކެއް ކަމަށް ބުނަމުންނެވެ. އަދި ސޫރިޔާގެ މައްސަލައަށް ދާއިމީ ހައްލެއް ގެންނަން ބޭނުންވާނަމަ، ބައްޝާރު މަގާމުން ދުރުކުރަންޖެހޭ ކަމަށްވެސް ޤައުމުތަކުން ދަނީ ބުނަމުންނެވެ.