ޚަބަރު

ޖޮއިންޓް ކޮމިޝަންގައި ނަޝީދާ ގުޅޭ ވާހަކައެއް ނުދެކެވޭ - ސަފީރު


ރާއްޖެ-އިންޑިއާ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމުގައި ރައީސް ނަޝީދާ ގުޅޭ އެއްވެސް ވާހަކައެއް ދެކެވިފައި ނުވާކަމަށް ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.ޓީވީއެމް ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހައިކޮމިޝަނަރ އަހުމަދު މުހައްމަދު ވިދާޅުވީ އދ.ގެ ވޯކިން ގްރޫޕުން ނިންމާފައިވާ ނިންމުމާމެދު އިންޑިއާއިން ގެންގުޅޭ ސިޔާސަތަކީ ރާއްޖޭގެ ދާޚިލީ ކަންކަން ރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރެއިން އަމިއްލައަށް ހައްލުކުރުންކަމަށެވެ. އަދި މިކަމުގައި ދިވެހި ސަރުކާރުން ނިންމާފައިވާ މިނިންމުމަށް އިންޑިއާއިން ތާއީދުކުރާކަން އިންޑިއާގެ ފޮރިން މިނިސްޓަރގެ ދަތުރުފުޅުގައި ހާމަވެގެންގޮސްފައިވާކަމަށް އަހުމަދު މުހައްމަދު ވިދާޅުވިއެވެ. ހައިކޮމިޝަނަރ ވިދާޅުވީ ރާއްޖެއާ އިންޑިއާއާ ދެމެދުގައި އޮތް ގުޅުން ހީނަރުވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކަ ހަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށެވެ."ރާއްޖެއާ އިންޑިއާއާ ދެމެދުގައި އޮތް ގުޅުން ހީނަރުވެފައިވާނަމަ 15 އަހަރަށް ފަހު މިބައްދަލުވުން (ޖޮއިންޓް ކޮމިޝަންގެ ބައްދަލުން) ނުބޭއްވޭނެ" - އަހުމަދު މުހައްމަދު ރާއްޖޭގެ ދާޚިލީ ކަންކަން އަމިއްލައަށް ހައްލުކުރުމަށް ރާއްޖެއިން ގެންގުޅޭ ސިޔާސަތައް ތާއީދު ކުރާކަން އިންޑިއާގެ ފޮރިން މިނިސްޓްރީން ކުރިންވެސް ވަނީ ހާމަކޮށްފައެވެ. ރާއްޖެ އިންޑިއާ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުން 15 އަހަރަށް ފަހު ބޭއްވިގެން ދިއުމަކީ ރާއްޖެއާ އިންޑިއާއާ ދެމެދުގައި އޮތް ގުޅުމަށް ލިބިގެންދިޔަ މުހިންމު ކުރިއެރުމެއް ކަމަށް ހައިކޮމިޝަނަރ ވިދާޅުވިއެވެ. އިއްޔެ އޮތް މި ބައްދަލުވުމުގައި ދެޤައުމުގެ ދެމެދުގައި އިޤްތިޞާދީ ދާއިރާއާއި، ހަކަތައިގެ ދާއިރާއާއި، ދަތުރުފަތުރާއި ތައުލީމީ ދާއިރާ އަދި ސިއްޙީ ދާއިރާ ހިމެނޭ ގޮތުން 9 ދާއިރާއަކުން ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވިގެންދިޔައެވެ. "ރާއްޖެއާ އިންޑިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދާނާ ކުރުމާ ގުޅޭގޮތުން ވާހަކަދެކެވިފައިވޭ، އެގޮތުން އިންޑިއާގެ އެކި ސަރަހައްދުތަކަށް ވައިގެ ދަތުރުތައް ފުޅާކުރުމާ ގުޅޭގޮތުން ވާހަކަ ދެކެވުނު" - އަހުމަދު މުހައްމަދު ވިދާޅުވިއެވެ.މީގެ އިތުރުން އިއްޔެވަނީ ރާއްޖެއާ އިންޑިއާއާދެމެދު 2 އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. އެއީ ޒުވާނުންނާ ގުޅުންހުރި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އެމް.އޯ.ޔޫއަކާއި، ރާއްޖޭގައި ފޮރިން ސަރވިސް އިންސްޓިޓިއުޓެއް ޤާއިމުކުރުމާ ގުޅޭ އެމް.އޯ.ޔޫ.އެކެވެ.އަހުމަދު މުހައްމަދު ވިދާޅުވީ އދގެ ތެރެއިން އިންޑިއާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމަށް ރާއްޖެއިން ތައްޔާރުކަމަށާ، އެގޮތުން އދގެ ސެކިއުރިޓީ ކައުންސިލްގެ ދާއިމީ މެންބަރަކަށްވުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ފުރިހަމަ އެއްބާރުލުން ދޭނެކަމަށް މިބައްދަލުވުމުގައި އިންޑިއާގެ ޑިޕްލޮމޭޓުންނަށް ދަންނަވާފައިވާކަމަށް އަހުމަދު މުހައްމަދު ވިދާޅުވިއެވެ.ރާއްޖެ އިންޑިއާ ޖޮއިންޓް ކޮމިޝަންގެ އިތުރު ބައްދަލުވުމެއް 2017 ވަނައަހަރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.