ވިޔަފާރި

މިއަހަރުގެ 5 ލައްކަ ވަނަ ފަތުރުވެރިޔާ މިއަދު އަންނާނެ


މިއަހަރު ރާއްޖެ ޒިޔާރަތްކުރާ 5 ލައްކަވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އަންނާނެކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރު ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ވިދާޅުވެއްޖެއެވެ.

މިއަހަރުގެ 5 ލައްކަ ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އަންނައިރު، އެމްއެމްޕީއާރުސީން ވަނީ އެ ފަތުރުވެރިޔާއަށް ހޫނު މަރުޚަބާ ކިޔުމަށް ހާއްސަ ކަންތައްތަކެއް އެއަރޕޯޓުގައި ކުރިއަށްގެންދިއުމަށް ރާވާފައެވެ. އެގޮތުން ސަގާފީ ހަރަކާތްތަކަކާއެކު ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް އެއަރޕޯޓުގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މިއަހަރުގެ 5 ލައްކަވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އަންނައިރު، ކުރިން ލަފާކުރި ގޮތުން 5 ލައްކަވަނަ ފަތުުރުވެރިޔާ އަންނާނެކަމަށް ކުރިން ލަފާކުރީ މިމަހުގެ 19 ވަނަ ދުވަހުއެވެ. ނަމަވެސް ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ސަރުކާރުން ކަނޑައެޅި އަމާޒަށް އޭގެކުރިން ވާސިލުވާނެކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ކޯވިޑްއާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ޖުލައިމަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1 ލައްކައަށް އަރާފައިވާއިރު، އެ އަމާޒަށްވެސް ކުރިން ލަފާކުރި ދުވަހަށްވުރެ ކުރިން ވަނީ ވާސިލުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މިއަހަރު 525000 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެކަމަށް މިހާރު އަންދާޒާކުރެވޭކަމަށެވެ. އަދި އަންނަ އަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެކަމަށް މިހާރު އެ މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ. މީގެއިތުރުން އަންނަ އަހަރުގެ ތެރޭގައި 10 މިލިއަނަށްވުރެ ބެޑް ނައިޓްސް އިތުރުވާނެކަމަށްވެސް އެ މިނިސްޓްރީން ވަނީ އަންދާޒާކޮށްފައެވެ.

ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން އަންނައިރު، ސަރުކާރުން ދަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެމަސައްކަތްތަކާއެކު ފަތުރުވެރިކަމާ ގުޅޭ ބައިނަލްއަޤްވާމީ ގިނަ އެވޯޑްތަކެއްވެސް ރާއްޖެއަށް ދަނީ ލިބެމުންނެވެ. އެގޮތުން ވޯލްޑް ޓްރެވަލް އެވޯޑްސްގެ "ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން"ގެ އެވޯޑާއި، ސައުތު އެޝިއަން ޓްރެވަލް އެވޯޑްސްގެ 19 އެވޯޑެއް ވަނީ ރާއްޖެއަށް ލިބިފައެވެ.