ޚަބަރު

ނިހާނުގެ މައްޗަށް ދަޢުވާކުރުމާމެދު ހަފްތާއެއްގެ ތެރޭގައި ގޮތެއް ނިންމަނީ


އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތުހުމަތުކުރެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ދަޢުވާކުރުމާމެދު ކުރިއަށްއޮތް ހަފްތާއެއްހައި ދުވަހުގެ ތެރޭގައި ގޮތެއް ނިންމަވާނެކަމަށް ޕްރޮސިކިއުޓަރ ޖެނަރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ކުރީގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކުގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވާއިރު، މިކަމާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޕްރޮސިކިއުޓަރ ޖެނަރަލް ޙުސައިން ޝަމީމް ވިދާޅުވީ ނިހާންގެ މައްޗަށް ދަޢުވާކުރުމަށް ޕީޖީ ހޮފީހަށް ހުށަހަޅާފައިވީނަމަވެސް އެކަމުގައި ކޮންމެހެން ބަލަންޖެހޭ އިތުރު ބައެއްކަންކަން ހުރުމުން އެކަކަންކަން ސާފުކޮށްދިނުމަށް ފުލުހުންގެ ފަރާތުން އެދިފައިވާނެކަމަށެވެ.

"ހަފްތާއެއްހައި ދުވަހުގެ ތެރޭގައި ކޮންމެވެސް ގޮތެއް ނިންމޭނެ. ދަޢުވާ ކުރަންޏާ ކުރަން ނުކުރަންޏާ ނުކުރަން، އެކަމަކު ކޮންމެހެން ސާފުކޮށްލަންޖެހޭ ކަމެއް ސާފުކޮށްލަން ފުލުހުންނަށް ދަންނާވާފައިވާނީ" ޕީޖީ ޝަމީމް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައެއްގައި ކުރީގެ މެންބަރު އަޙްމަދު ނިހާން ރާއްޖެއިން ފުރުން މަނާކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ 30 މީހެއްގެ މައްޗަށް ކުރާ ތުހުމަތުތައް އެސެޓް ރިކަވަރީ ކޮމިޝަނުން އިސްކަންދީގެން ބަލަމުން އަންނަ އިރު މައުލޫމާތުލިބިފައިވާގޮތުން އޭގެ ތެރޭގައި ކުރީގެ މެންބަރު ނިިހާނުވެސް ހިމެނެއެވެ. އަދި އޭނާގެ މައްޗަށް ދަޢުވާކުރަނީ އެމްއެމްޕީއާރްސީގެ ފައިސާ ލޯންޑާ ކުރުމުގައި ފައިސާއިން ރިޝްވަތު ހިފުމުގައި ބައިވެރިވި ކަމުގެ ތުހުމަތުަކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ނިހާނާ ގުޅުވައިގެން ސިޔާސީ ބޭފުޅުން ބޮޑެތި ތުހުމަތުތަކެއް ކުރައްވައެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ނަހަމަ މުއްސަނދިކަން ހޯއްދެވުމުގެ ތުހުމަތުވެސް ނިހާނުގެ މައްޗަށް ސިޔާސީ މަސްރަޙުގައި ކުރެވެއެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ސުވާލުކުރުމަށް މިދިޔަ އޮކްޓޫބަރު މަހުގެތެރޭގައި އެސެޓް ރިކަވަރީ ކޮމިޝަނަށްވެސް ނިހާނުވަނީ ޙާޒިރުކޮށްފައެވެ.

ކުރީގެ ރައީސް ޔާމީނާއި ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބާ ވަރަށް އަރިސްކޮށް އުޅުއްވި ނިހާނަކީ ރައީސް ޔާމީންގެ ވެރިކަން ބަދަލުވުމާހަމައަށްވެސް ޕީޕީއެމްގެ މެމްބަރެކެވެ. އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުގެ ޙައިސިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރުވެސް މެއެވެ. އެހެންނަމަވެސް ވެރިކަން ބަދަލުވުމާއެކު އޭނާވަނީ މިހާރުގެ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ.