ޚަބަރު

ޔުނިސެފްގެ މަންދޫބު ރައީސްގެ އަނބިކަނބަލުންގެ އަރިހަށް ވަދާޢީ ޒިޔާރަތްކުރައްވައިފި


ޔުނިސެފްގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް ޑރ.އެމް.މުނީރު، އޭ.ސަފިލްޑިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

މުލީއާގޭގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި ޑރ.މުނީރު ސަފިލްޑިން ވަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ސަރުކާރުން ޔުނިސެފާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. ކުޑަކުދިންގެ ޙައްގުތައް ރައްކާތެރިކޮށް ކުދިންނަށް ދިމާވާ އެކިމައްސަލަތައް ޙައްލުކުރުމަށާ، ޚާއްސަކޮށް އަންހެން ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާ ޑރ.މުނީރު ސަފިލްޑިންވަނީ މަޝްވަރާ ކުރައްވާފައެވެ.

ޔުނިސެފްގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވްގެ ހައިސިއްޔަތުން ޑރ.މުނީރު ސަފިލްޑިން ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކުރައްވައި އެކަމަނާ ވަނީ ޝުކުރުއަދާކުރައްވާފައެވެ. ޔުނިސެފްގެ އެޑްވޮކޭޓް ފޮރ ޗިލްޑްރަންސް ރައިޓްސްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތު ފާހަގަކުރައްވާ ފަޒްނާ ވިދާޅުވީ އެއީ އެކަމަނާއަށް ލިބިވަޑައިގެންނެވި ޝަރަފެއްކަމަށެވެ.

އެކިބާވަތުގެ އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަށްކުރާ މަސައްކަތްތައް މިހާރަށްވުރެވެސް ހަރުދަނާކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވަނީ ވިދާޅުވެފައެވެ.

ޑރ.މުނީރު ސަފިލްޑިން ރާއްޖެ ވަޑައިގަންނަވާފައިވަނީ 2017ވަނަ އަހަރުގެ އޯގަސްޓް މަހުގައެވެ. އޭނާއަކީ ޕަބްލިކް ޕޮލިސީ އެނަލިސްޓެކެވެ. އަދި އޭނާއަކީ ފާހަގަކޮށްލެވޭ އިކޮނޮމިސްޓެއްގެ އިތުރުން ސްޓްރެޓެޖިސްޓެއްވެސްމެއެވެ. ބައިނަލްއަޤުވާމީ ތަރައްޤީގެ މައިދާނުގައިއާއި އިންސާނީ އެހީދޭ އެކި ޖަމިއްޔާތަކުގައި ޑރ.މުނީރު ސަފިލްޑިން މަސައްކަތްކުރައްވާތާ 30އަށްވުރެ ގިނަ އަހަރުވަނީ ވެފައެވެ.