ދުނިޔެ

އެެމެރިކާގެ އިލެކްޓޯރަލް ވޯޓް މިއަދު، ރައްޔިތުންގެ ނިންމުމާއި ދެކޮޅު ހެދިދާނެތަ؟


ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު އެމެރިކާގެ ރައްޔިތުން އެ ޤައުމުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުން އިންތިޚާބު ކާމިޔާބުކުރެއްވީ އިދިކޮޅު ކެންޑިޑޭޓު ޖޯ ބައިޑަންކަން ޔަޤީންވިތާ އެތައް ހަފުތާއެއް މިވަނީ ވެފައެވެ. އިންތިޚާބު ބޭއްވި ފަހުން އެމެރިކާގެ 50 ސްޓޭޓުންނާއި ކޮލަމްބިއާ ޑިސްޓްރިކްޓުންވަނީ އެ ސްޓޭޓުތަކުގެ ވޯޓުގެ ނަތީޖާ ރަސްމީކޮށް ދަފްތަރުކޮށްފައެވެ. އަދި އެ ސްޓޭޓެއްގެ ނަތީޖާ އިލެކްޓޯރަލް ކޮލެޖާއި ހަމައަށް ގެންގޮސްދޭނޭ އިލެކްޓަރުންވަނީ ކަނޑައަޅާފައެވެ. އެ އިލެކްޓަރުން މިއަދު ބައްދަލުކޮށް، ރައީސާއި ނައިބު ރައީސަށް ސްޓޭޓުގެ ފަރާތުން ވޯޓުލާނެއެވެ. މީ އެމެރިކާގެ ރައީސްގެ ގޮތުގައި ބައިޑަން ޢައްޔަނުކުރުމަށް ދެން އޮތް މަރުހަލާއެވެ.

އިލެކްޓަރުން ވޯޓުލުމުން އެ ވޯޓުތައް ފޮނުވާނީ ވޮޝިންޓަނަށެވެ. ވޮޝިންޓަނަށް ވޯޓު ކަރުދާސްތައް ފޮނުވުމުން އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން އެ ވޯޓުތައް ގުނާނީ އަންނަ ޖެނުއަރީ މަހުގެ 6ވަނަ ދުވަހުގައެވެ. އެ މަރުހަލާ ނިމުމުން އެމެރިކާގެ 46ވަނަ ރައީސްގެ މަޤާމާއި ޖޯ ބައިޑަން ޙަވާލުވެވަޑައިގަންނަވާނީ ޖަނަވަރީ މަހުގެ 20ވަނަ ދުވަހުގެ މެންދުރު 12 ޖަހާއިރެވެ.

އެމެރިކާގެ ޒަމާންވީ އިންތިޚާބީ ނިޒާމު ޤައުމުގެ ދުސްތޫރުގެ ތެރޭގައި ހިމެނިފައި އޮންނަތާ 200އަށްވުރެ ގިނަ އަހަރުވަނީވެފައެވެ. 1870ގެ އަހަރުތަކުން ފެށިގެން އެ ޤާނޫނުތަކަށް މާ ބޮޑު ބަދަލުތަކެއް ގެނެސްފައެއް ނުވެއެވެ. މިއަދު އިލެކްޓަރުން ވޯޓުލުމުގެ މަރުހަލާގައި ކަންތައްތައް ހިނގާނެ ގޮތާއި އެކަން ކުރިޔާނެ މަރުހަލާތަކަށް ބަލައިލާނަމެވެ.

ޑިސެމްބަރު މަހުގެ 14ވަނަ ދުވަހުގައި ހިނގަނީ ކޮންކަމެއް؟

ނޮވެމްބަރު މަހުގެ ތެރޭގައި ބާއްވާ އިންތިޚާބަށްފަހު ފެށޭ ޑިސެމްބަރު މަހުގެ ދެވަނަ ބުދަ ދުވަހަށް ފަހުގައި އަންނަ ފުރަތަމަ ހޯމަ ދުވަހަކީ އިލެކްޓަރުން ބައްދަލުކޮށް ވޯޓުލާންޖެހޭނެކަމަށް އެމެރިކާގެ ޤަނޫނުގައި ބުނެއެވެ. ރައްޔިތުންގެ އިންތިޚާބުގައި ވޯޓުލުމާއި، އިލެކްޓަރުން ވޯޓުލުމާއި ދެމެދު ފުދޭ ވަރެއްގެ ދިގު މުއްދަތެއް ދެނީ އިންތިޚާބުގެ ނަތީޖާއާއި ގުޅޭގޮތުން ސުވާލެއް އުފެދިއްޖެނަމަ އެކަންކަން ރަނގަޅަށް ބަލައި ތަހުގީގުކޮށް މައްސަލަ ޙައްލުކުރުމުގެ ފުރުޞަތު ސްޓޭޓުތަކަށް ދިނުމުގެ ބޭނުމުގައެވެ.

ޑިސެމްބަރު މަހުގެ 14 މިއަދަކީ މި އަހަރުގެ އިންތިޚާބުގައި އެމެރިކާގެ ރައީސާއި ނައިބު ރައީސްގެ މަޤާމަށް ސްޓޭޓުތަކުން ވޯޓު ދީފައިވާ ގޮތް ކޮންގްރެސްއަށް ފޮނުވުމުގެ ކުރިން އިލެކްޓަރުން ވޯޓުލާ ދުވަހެވެ. އެކި ސްޓޭޓުތަކުގެ އިލެކްޓަރުން ބައްދަލުކުރާނީ އެކި މާލަންތަކުގައެވެ. އިލެކްޓަރުން ބައްދަލުކުރާ ތަންތަން ގިނަ ސްޓޭޓުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައި އޮވެއެވެ. އެގޮތުން އެންމެ ގިނަ ސްޓޭޓުތަކުން އިލެކްޓަރުންގެ ބައްދަލުވުން ކުރިއަށް ގެންދަންޖެހޭނީ އެ ސްޓޭޓެއްގެ ކެޕިޓޮލް ބިލްޑިންގުގައި ނުވަތަ ގަވަރުނަރުގެ އިދާރާގައެވެ.

ރައްޔިތުން ވޯޓްދިން ގޮތާއި ތަފާތުކޮށް އިލެކްޓަރުންނަށް ވޯޓު ދެވިދާނެތަ ؟

ނޮވެމްބަރު މަހުގެ 3ވަނަ ދުވަހުގައި އެމެރިކާގެ ރައްޔިތުން ވޯޓު ދީ، ނަތީޖާ ސާފުވެފައިވާއިރު، އިލެކްޓަރުން ލައްވާ ވޯޓުލުމުގެ ބޭނުމަކީ ކޮބައިބާއެވެ؟ އެމެރިކާގެ ޤާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ގޮތުގައި ރައީސާއި ނައިބު ރައީސްގެ މަޤާމަށް މީހަކު ޢައްޔަނުކުރުމަށް ވޯޓުދޭނީ ރައްޔިތުންގެ ބަދަލުގައި އިލެކްޓަރުންނެވެ. އެހެންކަމުން އިންތިޚާބުގައި ހަޤީޤީ ވޯޓުލާ ދުވަހަކީ ޑިސެމްބަރު މަހުގެ ދެވަނަ ބުދަ ދުވަހަށްފަހު އަންނަ ފުރަތަމަ ހޯމަ ދުވަހެވެ. ރައީސްގެ މަޤާމަށް ބޭފުޅަކު ޢައްޔަނުކުރާނީ ކޮންގުރެސުން އިލްޓަރުންގެ ވޯޓު ގުނައި އިލެކްޓޯރަލް ވޯޓުގެ އަޣުލަބިއްޔަތު ކާމިޔާބުކުރެއްވީ ކޮން ބޭފުޅެއްކަން ނިންމުމުންނެވެ.

ދެން އުފެދޭ ސުވާލަކީ، ސްޓޭޓަކުން ވޯޓު ދީފައިވާ ގޮތާއި ޚިލާފަށް އިލެކްޓަރުންނަށް ވޯޓު ދެވިދާނެތޯއެވެ. އޭގެ ކުރު ޖަވާބަކީ އާއެކޭ އަދި ނޫނެކޭއެވެ. އެމެރިކާގެ ޤަނޫނުއަސާސީގައި އިލެކްޓަރުން ވޯޓު ދޭންޖެހޭނީ ސްޓޭޓުގެ އަޣުލަބިއްޔަތު ކާމިޔާބުކުރާ ފަރާތަކަށްކަމަށް ބަޔާންކުރާ އެއްވެސް މާއްދާއެއް ނެތެވެ. ނަމަވެސް ވަކިވަކި ސްޓޭޓުތަކަށް، އެ ސްޓޭޓެއްގެ އަޣުލަބިއްޔަތާއި ޚިލާފަށް އިލެކްޓޯރަލް ކޮލެޖުގައި އިލެކްޓަރު ވޯޓު ދީފިނަމަ އެޅިދާނެ ފިޔަވަޅުތަކެއް ހުރެއެވެ. އެ ފިޔަވަޅުތަކަކީ ޤާނޫނީ ބުރަދަން ލިބިގެންވާ ފިޔަވަޅުތަކެއްކަމުގައި އެމެރިކާގެ ސުޕްރީމުކޯޓުން މިދިޔަ ޖުލައި މަހުގެ ތެރޭ ވަނީ ކަނޑައަޅާފައެވެ
.
2016ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް 10 އިލެކްޓަރަކުވަނީ ސްޓޭޓުގެ އަޣުލަބިއްޔަތާއި ޚިލާފަށް އިލެކްޓޯރަލް ކޮލެޖުގައި ވޯޓު ދީފައެވެ. ނޭޝަނަލް އެސޯސިއޭޝަން އޮފް ސެކްރެޓަރީސް އޮފް ސްޓޭޓުން ސްޓޭޓޫގެ އަޣުލަބިއްޔަތާއި ޚިލާފަށް ވޯޓުދޭ އިލެކްޓަރުންގެ ދަފްތަރެއް ބަލަހައްޓައެވެ.

އިލެކްޓަރުންގެ ބައްދަލުވުމުގައި ހިންގަނީ ކޮން ކަންކަމެއް؟

އެކި ސްޓޭޓުތަކުގައި ބާއްވާ އިލެކްޓަރުންގެ ބައްދަލުވުންތަކުގައި ކަންތައް ހިންގަނީ އެކި ގޮތަށެވެ. އެ ބައްދަލުވުންތަކުގައި އިލެކްޓަރުންގެ ވޯޓު ލިޔުމުން ހުށަހެޅުމުން، އެ ވޯޓުތައް ގުނައެވެ. އެއަށްފަހު ވޯޓުގެ ނަތީޖާ ބަޔާންކޮށް ތައްޔާރުކުރާ "ސެޓިފިކެޓް އޮފް ވޯޓް" ގެ ހަ ކޮޕީގައި އިލެކްޓަރުން ސޮއި ކުރެއެވެ. އެ ޤައުމުގެ ޤައުމީ އަރުޝީފަށް ސެޓުފިކެޓުތައް ލިބުމުން، އެ ސެޓުފިކެޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާނެއެވެ. އެއް ކޮޕީ ފޮނުވާނީ އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްއަށެވެ. ދެ ކޮޕީ ފޮނުވާނީ އެ ސްޓޭޓެއްގެ ސެކެޓްރީ އޮފް ސްޓޭޓަށެވެ. އަދި އިތުރު ދެ ކޮޕީ ނޭޝަނަލް އާކައިވްސް އެންޑް ރެކޯޑްސް އެޑްމިނިސްޓްރޭޝަނަށް ފޮނުވައެވެ. އެންމެ ފަހު ކޮޕީ ފޮނުވާނީ އިލެކްޓަރުން ބައްދަލުކުރި ޑިސްޓްރިކްޓުގެ ކޯޓުގެ ކަމާއިގުޅޭ ފަނޑިޔާރަށެވެ.

ޑިސެމްބަރު މަހުގެ 23ވަނަ ދުވަހުގެ ކުރިން ޤަނޫނު ހަދާ މަޖިލީހަށް ފޮނުވާ ސެޓިފިކެޓުތައް ރައްދުކުރުމުގެ ޒިންމާ އޮތީ އެމެރިކާގެ ރަސްމީ ޕޯސްޓު އިދާރާ، ޔޫއެސްޕީއެސްއަށެވެ. އެއަށްފަހު، އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 6ވަނަ ދުވަހުގައި، އެމެރިކާގެ މިހާރުގެ ނައިބު ރައީސްގެ ހާޒިރުގައި ކޮންގުރެސުން ވޯޓުތައް ގުނާނެއެވެ. އަދި އިންތިޚާބު ކާމިޔާބުކުރާ ފަރާތަކުން ޖަނަވަރީ މަހުގެ 20ވަނަ ދުވަހުގައި ރައީސްކަމުގެ ހުވާ ކުރައްވާ މަޤާމާއި ޙަވާލުވެވަޑައިގަންނަވާއެވެ.

އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާކަމަށް ތަކުރާރުކޮށް ވިދާޅުވެ ނަތީޖާ ބަލައިގަތުމަށް ދެކޮޅު ހައްދަވާފައިވާ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕު އިލެކްޓަރުންގެ ނިންމުމަށް އިޚްތިރާމްކުރާނެކަމާއިމެދު ވަނީ ސުވާލު އުފެދިފައެވެ. މިހާ ހިސާބަށް ކަންތައްތައް ވެފައިވާގޮތަށް ބަލާނަމަ ބޮޑަށް ބުރަވެވެނީ ރައީސް ޓްރަންޕު އިންތިޚާބުގެ ނަތީޖާ ދުވަހަކުވެސް ޤަބޫލުނުކުރައްވާނެކަމަށެވެ. ނަމަވެސް އެއީ މައްސަލައެއް ނޫނެވެ. އެމަނިކުފާނު ކޮންމެހެން އިންތިޚާބުގެ ނަތީޖާ ޤަބޫލުކުރައްވާކަމަށް ޖެހިވަޑައިނުގަންނަވައެވެ.

ނަމަވެސް އިންތިޚާބީ ރައީސް ބައިޑަން، ރައީސްކަމުގެ ހުވާކުރުމުގެ މަރުހަލާއާއި ހަމައަށް ދިޔުމަށް ޓްރަންޕަށާއި އޭނާގެ ޕާޓީއަށް ހުރަސް އެޅިދާނެ ބައެއް ގޮތްތައް އަދިވެސް އެބަހުއްޓެވެ. އެގޮތުން ކޮންގުރެސްގައި ޖަނަވަރީ މަހުގެ 6ވަނަ ދުވަހުގައި ވޯޓު ގުނާއިރު އެ މަޖިލީހުގައި ތިއްބަވާ ރިޕަބްލިކަން މެންބަރުންނަށް ވޯޓު ގުނާ ވަގުތު މައްސަލައެއް ހުށަހެޅިދާނެއެވެ. ޤާނޫނު ހަދާ މަޖިލީހުގެ މަތިގެއާއި ތިރިގޭގެ މެންބަރަކު މައްސަލައެއް ހުށަހަޅައިފިނަމަ ވޯޓު ގުނުން މެދުކަނޑާލާ، އެ މައްސަލައަކާއި މެދު މަޝްވަރާކުރާނެއެވެ. ނަމަވެސް މި އަހަރުގެ ކޮންގުރެސް ބައްދަލުވުމުގައި ސެނެޓާއި ހައުސްގެ ފަރާތުން ބޭފުޅަކު މައްސަލައެއް ހުށަހަޅުއްވާނެކަމަކަށް ނުބެލެއެވެ. އެހެންކަމުން ނަތީޖާއަށް އަސަރުކުރުމުގެ ފުރުޞަތެއް އޮތްކަމަށް ޤަބޫލެއް ނުކުރެވެއެވެ.

އޭގެ އިތުރުން، ރައީސް ޓްރަންޕުގެ ފަރާތުން އެކި ސްޓޭޓުތަކުގައި އިންތިޚާބުގެ ނަތީޖާއާއިގުޅޭ ގިނަ މައްސަލަތަކެއްވަނީ ހުށަހަޅާފައެވެ. އެ މައްސަލަތައް ހުށަހަޅާފައިވަނީ ކޮންކަމެއްގެ މައްޗަށް ބިނާކޮށްކަމެއް ސާފުނުވާކަމަށް ޤަނޫނީ މާހިރުން ބުނެއެވެ. ނަމަވެސް އެ މައްސަލަތަކާއިމެދު ގޮތެއް ނިންމަން އެ މައްސަލަތަށް ހުށަހަޅާފައިވާ ކޯޓުތަކަށް ޖެހޭނެއެވެ.