ދުނިޔެ

ހުރިހާ ޤައުމަކުންވެސް މޫސުމީ ކުއްލި ޙާލަތު އިޢުލާނުކުރަންޖެހޭ


ހުރިހާ ޤައުމަކުންވެސް މޫސުމީ ކާރިޘާގެ ޙާލަތު އިޢުލާނުކުރުމަށް އދ.ގެ ސެކެޓްރީ ޖެނެރަލް އެންތޯނިއޯ ގުތޭޚެޝް ގޮވާލައްވައިފިއެވެ. އޭނާ މިކަމަށް ގޮވާލެއްވީ ޕެރިސް ކްލައިމެޓް އެކޯޑަށް ފަސް އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ބައްދަލުވުގައެވެ.

އިންޓަނެޓު މެދުވެރިކޮށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގުތޭޚެޝް ވިދާޅުވީ ދުނިޔެއަށް ކުރިމަތިވެފައިވަނީ ކުއްލި ޙާލަތެއް ނޫންކަމަށް ބުނެވޭނެ މީހަކު ނެތްކަމަށެވެ. އެހެންކަމުން، "ކާބޮން ނިއުޓްރަލިޓީ" ޙާޞިލްކުރެވެންދެން ހުރިހާ ޤައުމަކުންވެސް މޫސުމީ ކުއްލި ޙާލަތު އިޢުލާނުކުރުމަށް ޤައުމުތަކުގެ ލީޑަރުންނަށް އެނާ ވަނީ ގޮވާލައްވާފައެވެ.

2015ވަނަ އަހަރުގައި ޕެރިސް އެގްރީމަންޓު ޤާއިމްކުރުމުގެ ފަހުން މޫސުމީ ބަދަލުގެ ނޭދެވޭ އަސަރުތައްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން އޮސްޓްރޭލިއާ އާއި ކެލިފޯނިއާގެ ޖަންގަލިތަކުގައި ރޯވުމާއި ގަނޑުފެން ޝީޓުތައް ވިރުންފަދަ އެތައް ކަމެއް ފާއިތުވި އަހަރުތަކުގައިވަނީ ހިނގާފައެވެ. އެއާއިއެކު މޫސުމީ ބަދަލުތަކާއި ގުޅޭ ކަންކަމުގައި ޤައުމުތަކުގެ އިސްވެރިން ސައިންސްވެރިންގެ އިންޒާރުތަކަށް ސަމާލުވުމަށް ގޮވާލާ މީހުންގެ ޢަދަދުވެސްވަނީ އިތުރުވެފައެވެ.

ޕެރިސް އެއްބަސްވުމުގެ އަހަރީ ދުވަހާއި ދިމާކޮށް ޑިސެމްބަރު މަހުގެ 11ވަނަ ދުވަހުގައި އިނގިރޭސިވިލާތުންވަނީ ބޭރު ޤައުމުތަކުގެ ފޮސިލް ފިއުލް މަޝްރޫޢުތަކަށް އެ ޤައުމުގެ ސަރުކާރުން އެއްބާރުލުން ނުދިނުމަށް ނިންމާފައިވާކަން އިޢުލާނުކޮށްފައެވެ. މިއީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމަށް އިނގިރޭސިވިލާތްފަދަ ބޮޑު ޤައުމަކުން ނިންމާފައިވާ މުހިންމު ނިންމުމެކެވެ. އެއީ ދުނިޔޭގެ އެންމެ ބޮޑެތި އިޤްތިޞާދުތައް އޮންނަ ޖީ7ގެ ޤައުމުތަކުން ތެލާއި ގޭސް ކުންފުނިތަކަށް ދެމުންދާ އެއްބާރުލުން ކުޑަކުރުމަށް އެޅޭ ބާރަކަށްވާނެކަމަށް ބެލެވެއެވެ.