ދުނިޔެ

ނަތީޖާ ކަށަވަރުކޮށްދޭނެ ކޯޓެއް އެމެރިކާގައި ނެތް - ޓްރަންޕު


އެމެރިކާގެ ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާކަމަށް ބުނެ އެޤައުމުގެ ސުޕްރީމްކޯޓަށް ޓްރަންޕުގެ ޓީމުން ހުށައެޅި މައްސަލަ އެކޯޓުން ނުބެލުމަކީ މުޅި އެމެރިކާއަށް ލިބުނު ލަދުވެތިކަމެއްކަމަށް އެމެރިކާގެ ރައީސް ޑޮނަލް ޓްރަންޕު ވިދާޅުވެއްޖެއެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ބަދަލުކުރުމަށް ހަތަރު ސްޓޭޓެއްގެ ނަތިޖާ ބާތިލުކުރުމަށް ޓްރަންޕުގެ ޓީމުން އެ ޤައުމުގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުތަގުމަށް އެ ކޯޓުން ވަނީ ނިންމާފައެވެ.

ޓްރަންޕުގެ ޓީމުން ހުށަހެޅީ އިންތިޚާބަށް އެންމެ މުހިންމު ސްޓޭޓުތަކުގެ ތެރޭގައި ހިމެނޭ ޖޯޖިއާ، މިޝިގަން، ޕެންސިލްވޭނިއާ އަދި ވިސްކޮންސިންގެ ނަތީޖާ ބާޠިލްކުރުމަށެވެ. އެ ހަތަރު ސްޓޭޓުގެވެސް އަޣުލަބިއްޔަތު ހޯއްދަވާފައިވަނީ އިދިކޮޅު ކެންޑިޑޭޓު ޖޯ ބައިޑަންއެވެ.

ޓެކްސަސް ސްޓޭޓުން ހުށަހަޅާފައިވާ ޤާނޫނީ މައްސަލައަށް 18 ސްޓޭޓު އެޓާނީންނާއި ޤާނޫނު ހަދާ މަޖިލީހުގެ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ 106 މެންބަރުވަނީ ތާއީދުކޮށްފައެވެ. ނަމަވެސް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނުބަލާނެކަން އަންގަމުން ސުޕްރީމު ކޯޓުން ބުނީ މައްސަލަ ހުށަހެޅުމަށް ޓެކްސަސް ސްޓޭޓަށް އެއްވެސް ޤާނޫނީ ބުރަދަނެއް ނެތްކަމަށެވެ.

މި މައްސަލަތައް ސުޕްރީމްކޯޓަށް ހުށައެޅުމަށްފަހު ޓްރަންޕު ހުންނެވީ މި މައްސަލަތައް ކާމިޔާބު ވާނެކަމުގެ ވަރަށް ބޮޑު އުއްމީދެއްގައެވެ. އެގޮތުން ޓްރަންޕު ގެންދެވީ ސުޕްރީމްކޯޓަށް ތާއިދުކުރައްވާ ގިނަ ޓްވީޓްތަކެއް ކުރައްވަމުންނެވެ. ޓްރަންޕުގެ ޓްވީޓްތަކުގައި ވިދާޅުވެފައި ވަނީ ސުޕްރީމްކޯޓަކީ އެމެރިކާގެ ދުސްތޫރާއި އެއްގޮތަށް ރައްޔިތުންގެ ހައްގު ހިމާޔަތްކޮށްދޭނެ ކޯޓެއްކަމަށެވެ. އަދި އެކޯޓްގެ ފަނޑިޔާރުންނަކީ އެކަމުގެ ހިތްވަރު ހުންނެވި ބޭފުޅުންކަމަށްވެސް ޓްރަންޕު ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް ކޯޓުން މި މައްސަލަ ނުބަލަން ނިންމުމުން ޓްރަންޕުގެ ވާހަކަފުޅު ވަނީ މުޅިން ބަދަލުވެފައެވެ. ޓްރަންޕު ވިދާޅުވީ އެމެރިކާގެ ރައްޔިތުންނަށް އިންތިޚާބުގެ ނަތީޖާ ކަށަވަރުކޮށްދޭނެ ޝަރުއީ އެއްވެސް ކޯޓެއް އެ ޤައުމުގައި މިއަދު ނެތްކަމަށެވެ. އަދި މިއީ ތާރީހުގައި ކުރިމަތިވި ޤާނޫނީ ބޮޑު ލަދުވެތިކަމެއްކަމަށާއި މުޅި އެމެރިކާ މިކަމާއި ލަދުގަންކަމަށެވެ. ސުޕްރީމްކޯޓަށް ހުށައެޅި މައްސަލަތައް ނުބެލުމުން އިންތިޙާބުން މޮޅުވުމަށް ޓްރަންޕްކުރި މަސައްކަތް ބޭކާރުވެ މި ވަނީ ގޮތްހުސްވެފައެވެ.