ވިޔަފާރި

މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ރާއްޖެއިން ފުރިހަމައަށް އެއްބާރުލުން ދޭނެ: ރައީސް


ޖައްވަށް ބޭރުކުރާ ވިހަގޭސްތައް މަދުކުރުމުގައި ރާއްޖެއަކީ ނަމޫނާ މަސައްކަތްތަކެއްކުރާ ޤައުމަކަށް ހެދުމަށް މަސައްކަތްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ ޕެރިސް އެއްބަސްވުމަށް 5 އަހަރު ފުރުން ފާހަގަކުރުމަށް އ.ދއިން އޮންލައިންކޮށް ބޭއްވެވި ކްލައިމެޓް އެމްބިޝަން ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކްލައިމެޓް އެމްބިޝަން ސަމިޓަކީ މޫސުމީ ބަދަލުތައް ކުޑަކުރުމުގެ ގޮތުން ޖައްވަށް ބޭރުކުރާ ވިހަ ގޭސް މަދުކުރުމުގެ ގޮތުން، ޤައުމުތަކުން ނިންމަވާފައިވާ މުހިންމު ނިންމެވުންތަކާއި އަދި މިކަމާ ގުޅޭގޮތުން އެކުލަވާލާފައިވާ މުސްތަޤްބަލުގެ ތަސައްވުރުތައް އެއް ތަނެއްގައި ޙިއްޞާކުރުމަށް ފުރުޞަތު ފަހިވެގެންދާނެ ސަމިޓެކެވެ. އަދި މި ސަމިޓަކީ އިނގިރޭސިވާލާތާއި، ފްރާންސް އަދި އ.ދ.އިން އިސްނަގައިގެން ޗިލީ އަދި އިޓަލީގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ސަމިޓެކެވެ. މި ސަމިޓް މަގުފައިވެގެންދާނީ ޔޫ.އެން ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް، ޔޫ.އެން.އެފް.ސީ.ސީ.ސީން 2021 ވަނަ އަހަރުގެ ނޮވެންބަރު 1 ވަނަ ދުވަހުން 12 ވަނަ ދުވަހަށް ބޭއްވުމަށް ހަމަޖެހިފައިވާ ދި ކޮންފަރެންސް އޮފް ދަ ޕަރޓީސް، ސީ.އޯ.ޕީގެ 26 ވަނަ ސެޝަނަށެވެ.

މި ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖެއިން އޮތީ މޫސުމީ ކަންކަމަށް އަންނަ ބަދަލުތައް ދެނެގަނެ އެކަން ކުޑަކުރުމަށް ކުރާ މަސައްކަތުގައި ކުރިމަތިވާނެ ދަތިތަކާއި ކުރިމަތިލުމަށް ފުރިހަމަ ތައްޔާރުވެގެންކަމުގައެވެ. އަދި އެހެން ޤައުމުތަކާއި ހިލާފަށް ރާއްޖެއަކީ މިހާރުވެސް މޫސުމީ ބަދަލުތަކުގެ ސަބަބުން ނޭދެވޭ އަސަރުތައް ކުރަމުންދާ ޤައުމަކަށްވާތީ އެކަންކަން ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުއެޅުއްވުމަށް ރާއްޖެއަށް ވަނީ މަޖުބޫރުވެފައިކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގައި މީހާރު ހުރި ވަޞީލަތްތައް ބޭނުންކޮށްގެން 2030 ވަނަ އަހަރުގެ ނިޔަލަށް، ޖައްވު ހޫނުކުރާ ވިހަގޭސްތައް ރާއްޖޭގައި ބޭނުންކުރާ މިންވަރުގެ ހަތަރުބައިކުޅަ އެއްބައި ނައްތާލެވޭނެކަމުގައި ވިދާޅުވިއެވެ. އަދި މިއީ ރަނގަޅު ފެށުމެއްކަމުގައި ދެކިގެން މުސްތަޤްބަލުގައި މިއަށްވުރެ ބޮޑު ތަސައްވަރަކާއިއެކު މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ އަރުވާފައެވެ.

ކްލައިމެޓް އެމްބިޝަން ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ބޭރުގެ ޤައުމުތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިއްޖެނަމަ ރާއްޖެއަށް ގާތްގަނޑަކަށް 2030 ވަނަ އަހަރު "ނެޓް ޒީރޯ" އާއި ހަމައަށް ވާޞިލުވެވިދާނެކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި މިފަދަ ލަނޑުދަނޑިއެއް ޙާޞިލުކުރާއިރު ބޭރުގެ ފަރާތްތަކުން މީގެ ކުރިން ރާއްޖެފަދަ ޤައުމުތަކަށް ދެއްވުމަށް ކަނޑައަޅާފައިވާ ފަންނީ އަދި މާލީ އެހީތެރިކަން ބޭނުންވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމުގައި ރާއްޖެއިން ކުރެވެންހުރި މަސައްކަތްތައް ކުރަމުގެންދާނެކަން ހާމަކުރައްވައި އެހެން ޤައުމުތަކުންވެސް މިކަމުގައި އެ ޤައުމުތަކުން އަދާކުރަންޖެހޭ ޒިންމާ ފުރިހަމައަށް އަދާކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ހުރިހާ ޤައުމަތައް ގުޅިގެން މަސައްކަތްކޮށްގެން ނޫނީ ދުނިޔެ ހޫނުވަމުންދާ މިންވަރު މައްޗަށް ނުގޮސް ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައި ނުހިފެހެއްޓޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވިއެވެ.