ވިޔަފާރި

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ކަނޑޫދޫ ތުނޑީގައި ޕިކްނިކް ސަރަހައްދެއް ތަރައްޤީކޮށްފި


ބޭންކް އޮފް މޯލްޑިވްސް "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ގެ ދަށުން ތ. ކަނޑޫދޫގެ ތުނޑީކޮޅުގައި ޕިކްނިކް ސަރަހައްދެއް ތަރައްގީކޮށް ބޭނުންކުރަން ފަށައިފިއެވެ.

އެރަށުގެ ގިނަ ރައްޔިތުން މިހާރުވެސް ދަތުރު ދިއުމަށް ބޭނުން ކުރާ މި ސަރަހައްދު ވަނީ ފަސޭހަކަމާ އެކު ބޭނުންކުރެވޭނެހެން ހިޔާވާނެ ގޮތަށް އަތިރިމަތީގައި ކުޑަ ޖަހައި، ހަޓް ހަދައި، ޖޯލިފަތި ބަހައްޓައި، އުނދޯލި ގެއެއް ގާއިމްކޮށް ދަތުރު ގޮސް އުޅޭ ފަރާތްތަކަށް ބާބަކިއު ހެދުމަށާއި ކައްކާ ކެއުމަށް ހާއްސަ ތަނެއް ވެސް ވަނީ ތައްޔާރުކޮށްފައެވެ. އަދި މީގެ އިތުރުން ކަސްރަތު ކުރުމަށް ހާއްސަ ތަނެއް ހަދައި، ރަށުގެ ރައްޔިތުންނަށް ބޭނުންކުރެވޭނެހެން ވަޅެއް ވަނީ ބަހައްޓާފައެވެ. މި ސަރަހައްދު އިތުރަށް ފެހިކުރުމަށްޓަކައި ވަނީ 30 ރުކާއި އިތުރު ގަސްވެސް އިންދާފައެވެ. އަދި މި ތުނޑިއަށް ދަތުރު އަންނަ ފަރާތްތަކުން ކުނި އުކާލުމަށް ޑަސްޓްބިންވެސް ވަނީ ބަހައްޓާފައެވެ.

މި ޕްރޮޕޯސަލް ކާމިޔާބުކުރި ކަނޑޫ ސްޕޯރޓްސް ކްލަބުގެ ފަރާތުން ބުނީ އެރަށުގެ ތުނޑި ޕިކްނިކް ސަރަހައްދެއްގެ ގޮތުގައި ތަރައްގީކުރުމުގެ އެންމެ ބޮޑު މަގުސަދަކީ އާއިލީ އަދި އެކުވެރިކަމުގެ ގުޅުންތައް ބަދަހިކޮށް އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުކަމަށެވެ

"މުސްތަގުބަލުގައި މިތަން އިތުރަށް ތަރައްގީކޮށް އަވަށްޓެރި ރަށްތަކުގެ ރައްޔިތުންނަށްވެސް މިސަރަހައްދު ބޭނުން ކުރެވޭނެހެން ބޭއްވުމަކީ އަޅުގަނޑުމެންގެ ތަސައްވަރު. މި ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު ނިންމާލުމުގައި އަޅުގަނޑުމެންގެ ކްލަބްގެ މެންބަރުންކޮށްދެވި ބުރަމަސައްކަތަށާއި ކައުންސިލް އިން ވެދެއްވި އެހީތެރިކަމަށް ޝުކުރުދަންނަވަން." ކަނޑޫ ސްޕޯރޓްސް ކްލަބުގެ ފަރާތުން ބުންޏެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިދިޔަ އަހަރު ބޭންކުން ތައާރަފްކުރި މި ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 30 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް މާލީ އެހީތެރިކަންވަނީ ފޯރުކޮށްދެވިފައެވެ.