ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 107.4 މިލިއަން ޑޮލަރުގެ މަޝްރޫޢެއް ހިންގުމަށް ވޯލްޑް ބެންކުގެ އެގްޒެކްޓިވް ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފިއެވެ.
މިމަޝްރޫޢަކީ އިއާދަކުރަނިވި ހަކަތަ އަށް ބަދަލުވުން އަވަސްކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިޞާދު އާރާސްތުކުރުމަށް އެހީތެރިވުމުގެ ގޮތުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢެއްކަމަށް ވޯލްޑް ބެންކުން ވިދާޅުވެއެވެ.
ވޯލްޑް ބެންކުން މައުލޫމާތުދެއްވާ ގޮތުގައި ވޯލްޑް އެކްސެލެރޭޓިން ރިނިއުއަބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ، އެރައިޒް މަޝްރޫއު ބިނާވެފައި ވަނީ، ދިވެހިރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމަށްޓަކައި އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓް ހޯދުމުގެ ބޭނުމުގައި ވާލްޑް ބޭންކުން މިހާރުވެސް ކުރިއަށް ގެންދާ އެކްސެލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓްސް އިން ރިނިއުއަބަލް އެނާޖީ (އެސްޕަޔާ) މަޝްރޫއުގެ ދަށުން ކުރެވިފައިވާ މަސައްކަތްތަކުގެ މައްޗަށެވެ.
މި ދެ މަޝްރޫއުވެސް ފަރުމާކުރެވިފައި ވަނީ، ކުޑަ ޖަޒީރާ ޤައުމެއްގެ ހައިޞިއްޔަތުން ދިވެހިރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެހީއަކަށް ވާނެ ގޮތަށްކަމަށް ވޯލްޑް ބެންކުން ވިދާޅުވެއެވެ.
ވޯލްޑް ބޭންކުން ދިވެހިރާއްޖެ އާއި ނޭޕާލް އަދި ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރ ފާރިސް ހަދާދު-ޒާވޮސް ވިދާޅުވީ އިއާދަކުރަނިވި ހަކަތަ އަށް އިންވެސްޓްކުރާނެ އަމިއްލަ ވިޔަފާރިވެރިން ގެނައުމަށް އެސްޕަޔާ އިން މަސައްކަތްކުރާކަމަށެވެ. އަދި އެރައިޒް މަޝްރޫއުގެ ދަށުން އެކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި އިންވެސްޓަރުންނަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން، ހަކަތަ އުފައްދަން ބޭނުންކުރާ އެންމެ ޒަމާނީ އީޖާދުތަކާއި އުފައްދާ ހަކަތަ ރައްކާކުރާނެ ވަޞީލަތްތަކާއި އަދި ކަރަންޓް ފޯރުކޮށްދޭ ވިއުގައިގެ ފެންވަރު މަތިކުރެވިގެންދާނެކަމަށް ފާރިސް ވިދާޅުވިއެވެ.
"ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުން އަވަހަށް އަރައިގަތުމަށާއި އިޤްތިޞާދު އާރާސްތުކޮށް، ކާރިޡާތަކަށް ތައްޔާރުވެފައި އޮންނަ މިންވަރު ވަރުގަދަކުރުމަށްޓަކައި ވާލްޑް ބޭންކުން މިދަނީ އެހީގެ ޕްރޮގްރާމަށް ބަދަލުތައް ގެންނަމުން. އެރައިޒް އަދި އެސްޕަޔާ މަޝްރޫއުވެސް ވަނީ ކޮވިޑް-19 ގެ ގޮންޖެހުންތަކުން އަރައިގަތުމަށް ވާލްޑް ބޭންކުން ގެންގުޅޭ ވިސްނުމާ ގުޅިފައި،" ވާލްޑް ބޭންކުން ދިވެހިރާއްޖެ އާއި ނޭޕާލް އަދި ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރ ފާރިސް ހަދާދު-ޒާވޮސް ވިދާޅުވިއެވެ.
އެސްޕަޔާ އަދި އެރައިޒް މަޝްރޫއުގެ ދަށުން ޤާއިމްކުރެވޭ އަވިން ހަކަތަ އުފައްދާ ނިޒާމުތައް މެދުވެރިކޮށް ޖުމްލަ 42.5 މެގަވޮޓްގެ ކަރަންޓް އުފެއްދޭނެއެވެ. މިއީ، އިއާދަކުރަނިވި ވަޞީލަތްތައް މެދުވެރިކޮށް 2020 ގެ ނިޔަލަށް 51 މެގަވޮޓްގެ ކަރަންޓް އުފެއްދުމަށް ކަނޑައަޅާފައި ލަނޑުދަނޑި އަށް ވާޞިލްވުމަށް ދެވޭ ވަރަށް ބޮޑު ބާރެއްކަމަށް ވޯލްޑް ބެންކުން ގަބޫލުކުރެއެވެ.
މިމަޝްރުޢޫތަކުގެ ދަށުން ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އެޅިގެންދާނެއެވެ. އޭގެ ތެރޭގައި، ހަކަތައިގެ ދާއިރާގައި އަންހެނުންނަށް މިހާރަށް ވުރެ ގިނަ އަދި ރަނގަޅު ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުމާއި އަންހެން ދަރިވަރުންނަށް ޚާއްޞަކޮށް ވޯކްޝޮޕްތައް ހިންގުން އަދި އަތޮޅުތެރޭގެ ރަށްތަކުގައި ދިރިއުޅޭ އަންހެނުންނަށް ހުނަރު ދަސްކޮށްދިނުމުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުން ހިމެނެއެވެ.
އެރައިޒް މަޝްރޫއު ހިންގުމަށް ހަމަޖެހިފައި ވަނީ، ސްޓެލްކޯ އަދި ފެނަކަ ކޯޕަރޭޝަނާ ގުޅިގެން މިނިސްޓްރީ އޮފް އެންވާރަމަންޓް އިންނެވެ. މި މަޝްރޫއަށް ޖުމްލަ ހޭދަވަނީ 107.4 މިލިއަން ޑޮލަރެވެ. އޭގެ ތެރޭގައި، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ލުއި ގޮތްތަކެއްގެ މަތިން ލޯނު ދޭ ވާލްޑް ބޭންކުގެ އިދާރާ ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ދޭ 12.4 މިލިއަން ޑޮލަރުގެ ހިލޭ އެހީ ހިމެނެއެވެ. ވާލްޑް ބޭންކް ގްރޫޕުގެ ބޭރުން މި މަޝްރޫއަށް، ކްލީން ޓެކްނޮލޮޖީ ފަންޑުން 30 މިލިއަން ޑޮލަރު، އޭޝިއަން އިންފްރަސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އިން 20 މިލިއަން ޑޮލަރު އަދި އާންމު ވިޔަފާރީގެ އުޞޫލުން ދޭ 45 މިލިއަން ޑޮލަރު ލިބޭނެއެވެ.