ދުނިޔެ

ސުޕްރީމްކޯޓުންވެސް މައްސަލަތައް ނުބެލި، ޓްރަންޕަށް ބޮޑު ނާކާމިޔާބީއެއް


އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ބަދަލުކުރުމަށް ޓްރަންޕުގެ ޓީމުން އެ ޤައުމުގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުތަގުމަށް އެ ކޯޓުން ނިންމައިފިއެވެ.

ޓްރަންޕުގެ ޓެކްސަސް ޓީމުން ހުށަހަޅާފައިވަނީ އިންތިޚާބަށް އެންމެ މުހިންމު ސްޓޭޓުތަކުގެ ތެރޭގައި ހިމެނޭ ޖޯޖިއާ، މިޝިގަން، ޕެންސިލްވޭނިއާ އަދި ވިސްކޮންސިންގެ ނަތީޖާ ބާޠިލްކުރުމަށެވެ. އެ ހަތަރު ސްޓޭޓުގެވެސް އަޣުލަބިއްޔަތު ހޯއްދަވާފައިވަނީ އިދިކޮޅު ކެންޑިޑޭޓު ޖޯ ބައިޑަންއެވެ.

ޓެކްސަސް ސްޓޭޓުން ހުށަހަޅާފައިވާ ޤާނޫނީ މައްސަލައަށް 18 ސްޓޭޓު އެޓާނީންނާއި ޤާނޫނު ހަދާ މަޖިލީހުގެ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ 106 މެންބަރުވަނީ ތާއީދުކޮށްފައެވެ. ނަމަވެސް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނުބަލާނެކަން އަންގަމުން ސުޕްރީމު ކޯޓުން ބުނީ މައްސަލަ ހުށަހެޅުމަށް ޓެކްސަސް ސްޓޭޓަށް އެއްވެސް ޤާނޫނީ ބުރަދަނެއް ނެތްކަމަށެވެ.

މި މައްސަލަތައް ސުޕްރީމްކޯޓަށް ހުށައެޅުމަށްފަހު ޓްރަންޕު ހުންނެވީ މި މައްސަލަތައް ކާމިޔާބު ވާނެކަމުގެ ވަރަށް ބޮޑު އުއްމީދެއްގައެވެ. އެގޮތުން ޓްރަންޕު ގެންދެވީ ސުޕްރީމްކޯޓަށް ތާއިދުކުރައްވާ ގިނަ ޓްވީޓްތަކެއް ކުރައްވަމުންނެވެ. ޓްރަންޕުގެ ޓްވީޓްތަކުގައި ވިދާޅުވެފައިވަނީ ސުޕްރީމްކޯޓަކީ އެމެރިކާގެ ދުސްތޫރާއި އެއްގޮތަށް ރައްޔިތުންގެ ހައްގު ހިމާޔަތްކޮށްދޭނެ ކޯޓެއްކަމަށެވެ. އަދި އެކޯޓްގެ ފަނޑިޔާރުންނަކީ އެކަމުގެ ހިތްވަރު ހުންނެވި ބޭފުޅުންކަމަށްވެސް ޓްރަންޕު ވަނީ ވިދާޅުވެފައެވެ.

ސުޕްރީމްކޯޓުން މި މައްސަލަ ނުބެލުމަށް ނިންމުމުން ޓްރަންޕަށް މި ވަނީ ބޮޑު ނާކާމިޔާބީގެ އިތުރުން ބައެއް މީހުންގެ ފާޑުކިޔުންތައްވެސް ކުރިމަތިވެފައެވެ. އޭގެ ސަބަބަކީ ކޯޓުގައި ތިއްބެވި ނުވަ ފަނޑިޔާރުންވެސް އެ ނިންމުމުގައި ބައިވެރިވުމެވެ. މި ނުވަ ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުންނަކީ ޓްރަންޕުގެ ރިފަބްލިކަން ޕާޓީގެ ވިސްނުމަށް ތާއިދުކުރައްވާ ބޭފުޅުންނެވެ. އަދި މީގެތެރެއިން ދެ ފަނޑިޔާރުންނަކީ ހުދު ޓްރަންޕު އެ މަޤާމަށް އައްޔަންކުރެއްވި ބޭފުޅުންނެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓު ޖޯ ބައިޑަންވަނީ އިންތިޚާބު ކާމިޔާބުކުރުމަށް ބޭނުންވާ 270 އިލެކްޓޯރަލް ވޯޓު ކާމިޔާބުކުރައްވާ ޕެންސިލްވޭނިއާގެ ވޯޓު ހިމެނޭގޮތަށް ޖުމްލަ 306 އިލެކްޓޯރަލް ވޯޓު ޔަޤީންކުރައްވާފައެވެ. ރައީސް ޓްރަންޕަށް ލިބިވަޑައިގަތީ 232 ވޯޓެވެ.

ޓްރަންޕު ވިދާޅުވަމުންދަނީ އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާކަމަށެވެ. ނަމަވެސް އެކަމަށް ބާރުދޭ އެއްވެސް ހެއްކެއް މިހާތަނަށް ދައްކަވާފައެއް ނުވެއެވެ. ސުޕްރީމް ކޯޓުގެ އެންމެ ފަހުގެ ނިންމުމަކީ އެންމެ މަތީ ކޯޓުން އިންސާފު ލިބިވަޑައިގަންނަވާނެކަމަށް ވިދާޅުވަމުން ގެންދެވި ޓްރަންޕަށް ލިބުނު ވަރަށް ބޮޑު ނާކާމިޔާބީއެކެވެ.

މި ހަފުތާގެ ކުރީކޮޅުގައިވެސް އެމެރިކާގެ ސުޕްރީމް ކޯޓުންވަނީ ޕެންސިލްވޭނިއާ ސްޓޭޓުގެ ނަތީޖާއަށް ގޮންޖައްސަވާ ޓްރަންޕުގެ ޓީމުން ހުށައެޅި މައްސަލައެއް ނުބެލުމަށް ނިންމާފައެވެ.

ކޯޓުން ކާމިޔާބީ ލިބޭގޮތް ވެފައި ނުވާނަމަވެސް އިންސާފު ހޯއްދެވުމަށް ޤާނޫނީގޮތުން ކުރައްވަމުންދާ މަސައްކަތްތައް ހުއްޓާނުލައްވާނެކަމަށް ޓްރަންޕުވަނީ ވިދާޅުވެފައެވެ. ވައިޓު ހައުސް ދޫކުރައްވާނީ މިމަހުގެ 14 ވަނަދުވަހު ބާއްވާ އިލެކްޓޯރަލް ކޮލެޖުން އިންތިޚާބު ކާމިޔާބުކުރެއްވީ ބައިޑަންކަމަށް ބުނުމުންކަމަށް ޓްރަންޕު ވަނީ މިދިޔަ މަހު ވިދާޅުވެފައެވެ. އެހެންނަމަވެސް އެ ވިދާޅުވުމަށް ބަދަލު ގެންނަވާ އޭގެ ފަހުން ޓްރަންޕު ވިދާޅުވީ ބައިޑަން އަށް ވައިޓު ހައުސަށް ވަދެވަޑައިގަނެވޭނީ އޭނާއަށް ލިބިވަޑައިގެންނެވި 80 މިލިއަން ވޯޓަކީ ސައްޙަ ވޯޓުކަން ސާބިތުކޮށްދިނުމަށްފަހު ކަމަށެވެ.