ޚަބަރު

ގަލޮޅު ދަނޑަށް ސަޕޯޓަރުން ވެއްދުމަށް ބޮޑު ކެމްޕޭނެއް ފަށަންޖެހޭ: ބައްސާމް


ގަލޮޅު ދަނޑަށް ސަޕޯޓަރުން ވެއްދުމަށްޓަކައި ވަރަށް ވަރުގަދަ ކެމްޕޭންއެއް ފަށަންޖެހޭކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ބައެއް ލީގް މެޗްތަކުގައި ސަޕޯޓަރުން ދަނޑަށް ވަތްނަމަވެސް އާންމު ގޮތެއްގައި މިހާރު ދަނޑަށް މެޗްބަލަން ވަންނަ މީހުން ވަރަށް މަދުކަމަށެވެ. އަދި ދަނޑަށް މީހުން ވެއްދުމަށް ހާއްސަ ކެމްޕޭންއެއް ފަށަންޖެހޭކަމަށާއި މިއީ ފަސޭހަކަމަކަށް ނުވާނެކަމަށް ބައްސާމް ވިދާޅުވިއެވެ.

ދާދި ފަހުން އެފްއޭއެމްއިން ލޯޗް ކުރެވިގެންދިޔަ އެފްއޭއެމް ފައުންޑޭޝަން މެދުވެރިކޮށްވެސް ދަނޑަށް މީހުން ވެއްދުމަށް މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށާއި އެފައުންޑޭޝަންގެ އެމްބެސެޑަރުންގެ ގޮތުގައި ހަމަޖައްސާފައިވާ ކުރީގެ އަދި މިހާރު ކުޅުންތެރިން ބޭނުންކޮށްގެންވެސް ބައެއް ކަހަލަ ހަރާކާތްތަކެއް ކުރިއަށް ގެންދެވިދާނެކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ ކުރީގެ ފުޓްބޯޅަ ކުޅުންތެރިން މިމަސައްކަތުގައި ބައިވެރިވެ، ރާއްޖޭގެ ފުޓްބޯޅައިގައި ކުރިން އޮތް ފޯރި އަލުން ގެނައުމަށް މަސައްކަތް ކުރަންޖެހޭކަމަށެވެ. މިއަހަރުގެ ސީޒަންއަށް ތައްޔާރުވުމަށް ކުލަބްތަކުން ވަރަށް ފޯރީގައި މަސައްކަތް ކުރަމުންދާކަމަށާއި ކުލަބްތަކުގެ މެދުގައިވެސް އެވާދަވެރިކަން އޮތްކަމަށްވެސް ބައްސާމް ވިދާޅުވިއެވެ. އަދި މިކުޅުންތެރިންނަށް މިހާރު ބޭނުންވަނީ ސަޕޯޓަރުންގެ ތާއީދުކަމަށް ބައްސާމް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ސީޒަންގެ ވަކި ހިސާބަކުން ދަނޑަށް ސަޕޯޓަރުން ވައްދާފައިވަނީ ޓިކެޓް ނަގައިގެނެވެ. ބައްސާމް ވިދާޅުވީ ކޯވިޑްއަށް ހައްލެއް ލިބި ސަޕޯޓަރުން ދަނޑަށް ވެއްދުމުގެ ހުއްދަ ލިބުމާއެކު، ކުލަބްތަކާއި އެކު މަޝްވަރާ ކުރުމަށްފަހު، އެކަމަށްވެސް ގޮތެއް ހަމަޖައްސާނެކަމަށެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ބަދަލުތަކާއި ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކާއި ގުޅިގެން 2000ހުގެ އަހަރުތަކުން ފެށިގެން ފުޓްބޯޅަ މެޗުތައް ބެލުމަށްޓަކައި ގަލޮޅު ދަނޑަށް ވަންނަ މީހުންގެ އަދަދުވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ގިނަ ބަޔަކު ގަބޫލްކުރަނީ ޔޫރަފްގެ ފުޓްބޯޅަ ދިވެހިންނަށް ފެންނަން ފެށުމާއިއެކު ގަލޮޅު ދަނޑަށް ވަންނަން މީހުން ބޭނުންނުވާކަމަށެވެ.

މަހުސޫސް

ހަމަ ތިޔަހެން ކިޔާފަ ކުރީ ދައުރުގަވެސް ހޮޅި ވާހަކަ ދެއްކީ. އެޓީމެއް ނިސްބަތްވާ ސަރަހައްދެއްގައި ހަރަކާތްތަކެއް ކުރިއަށް ގެންދަން. އެކަމެއްވެސް ނުވި. އަނެއްކާ އަނެއް އަޅިބޮނޑި