އިސްރާއީލާއެކު ގުޅުން ބަދަހިކުރުމަށް މޮރޮކޯއިން ނިންމައިފިއެވެ. މޮރޮކޯއާއިއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕު އެ އެއްބަސްވުން ޤާއިމްކުރައްވާފައިވަނީ މޮރޮކޯގެ ރަސްގެފާނު މުޙަންމަދާއިއެކު ޑިސެމްބަރު މަހުގެ 10ވަނަ ދުވަހުގައި ކުރެއްވި ފޯނު ކޯލެއްގައެވެ.
އެމެރިކާގެ ބާރުއެޅުމާއެކު އިސްރާއީލާއެކު ގުޅުންބަދަހިކުރުމަށް މޮރޮކޯއިން ނިންމުމުން އެ ޤައުމުގެ ވެފައިވަނީ ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި އިސްރާއީލާއެކު ގުޅުންބަދަހިކުރި ޢަރަބި ހަތަރުވަނަ ޤައުމަށެވެ. މީގެ ކުރިން ޔޫއޭއީއާއި ބަހުރައިނާއި ސޫދާނުންވަނީ އިސްރާއީލާއެކު ގުޅުންބަދަހިކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުންތަކާއިމެދު ފަލަސްޠީނުން ބުނަމުންދަނީ އެ ޤައުމުގައި މިނިވަން ދަޢުލަތެއް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް އިސްރާއީލާއެކު ގުޅުންބަދަހިކުރާ ޢަރަބި ޤައުމުތަކުގެ ސަބަބުން ހުރަސްއެޅޭކަމަށާއި އެ ޤައުމުތަކުން ފަލަސްޠީނަށް ބޭވަފާތެރިވެފައިވާކަމަށެވެ.
އިސްރާއީލާއެކު ގުޅުންބަދަހިކުރުމަށް މޮރޮކޯއިން ވެފައިވާ އެއްބަސްވުމުގެ ދަށުން ރައީސް ޓްރަންޕުވަނީ ވެސްޓަން ސަހަރާގެ މައްޗަށް މޮރޮކޯގެ އިސްތިގުލާލުއޮތްކަމަށް ބަލައިގަތުމަށް އެއްބަސްވެފައެވެ. އިސްރާއީލާއި މޮރޮކޯއާއި ދެމެދު ގުޅުންބަދަހިކުރުމުން، މޮރޮކޯގެ މަތިން އިސްރާއީލުގެ ފުލައިޓުތައްދަތުރުކުރުމުގެ ޙުއްދަ ލިބުމުގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި ވައިގެ ސީދާ ދަތުރުތައް ފަށާނެއެވެ. އަދި ދެ ޤައުމުގައިވެސް ޚާރިޖީ އިދާރާތައް ހުޅުވާނެއެވެ.
މޮރޮކޯއިން އިސްރާއީލާއެކު ގުޅުންބަދަހިކުރުމަށް ނިންނި ނިންމުމާއިމެދު ފަލަސްޠީނުގެ ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. ފަލަސްޠީން ލިބަރޭޝަން އޯގަނައިޒޭޝަންގެ އެކްޒެކެޓިވް ކޮމިޓީގެ މެންބަރެއްކަމުގައިވާ ބައްސާމް އައްޝަލްހީވަނީ އެ އެއްބަސްވުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އޭނާ ވިދާޅުވީ 2002ވަނަ އަހަރުގެ އަރަބް ޕީސް އިނީޝިއޭޓިވްގެ ދަށުން، އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނާއި ޢަރަބިންގެ ބިންތަކުން އެމީހުން ފޭބުމުން މެނުވީ އެ ޤައުމާއިއެކު ގުޅުންބަދަހިނުކުރުމަށް ނިންމާފައިވާއިރު، އެ އެއްބަސްވުމާއި ޚިލާފަށް އިސްރާއީލާއެކު ޢަރަބި ޤައުމުތަކުން ގުޅުންބަދަހިކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. އަދި އެފަދަ ޢަމަލުތަކަކީ ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތަކެއް ވާކަމާއިމެދު އަޅައިނުލުންކަމުގައި އޭނާވަނީ ސިފަކުރައްވާފައެވެ.
ހަމާސްގެ ފަރާތުން ބުނީ އިސްރާއީލާއެކު ގުޅުންބަދަހިކުރުމަކީ ފަލަސްޠީނުގެ ރައްޔިތުންނަށް އެކަމުގެ ސަބަބުން ފައިދާއެއް ކުރާނެކަމެއް ނޫންކަމަށެވެ. އިސްރާއީލާއެކު ގުޅުންބަދަހިކުރުމަށް ޤާއިމްކުރާ ކޮންމެ އެއްބަސްވުމެއް، އެ ޤައުމުން ބޭނުންކުރަނީ ފަލަސްޠީނުގައި އެމީހުންގެ އަތްގަދަކުރުން އިތުރުކުރުމަށްކަމަށް ހަމާސުން ބުންޏެވެ.
ނަމަވެސް މޮރޮކޯގެ މުޙައްމަދު ރަސްގެފާނު ފަލަސްޠީނުގެ ރައީސް މަހުމޫދު އައްބާސްއާއި ކުރެއްވި ފޯނު ކޯލެއްގައި ވިދާޅުވީ ފަލަސްޠީނުގައި މިނިވަން ދަޢުލަތެއް ޤާއިމްކުރުމަކީ މޮރޮކޯއިން އެދޭގޮތްކަމަށެވެ. އަދި އިސްރާއީލާއި ފަލަސްޠީނާއި ދެމެދު މަޝްވަރާތައް ކޮށްގެންމެނުވީ މައްސަލައަށް ދާއިމީ ޙައްލެއް ނުލިބޭނޭކަމަށް މުޙައްމަދު ރަސްގެފާނު ވިދާޅުވިއެވެ.
އެމެރިކާގެ ރައީސް ޓްރަންޕުގެ ޚާއްޞަ މުޝީރު އަދި ދަނބިދަރިކަލުން، ޖެރެޑް ކުޝްނާ ވިދާޅުވީ އިސްރާއީލާއެކު ސަޢުދީ ޢަރަބިއްޔާއިން ގުޅުންބަދަހިކުރުމަކީ ނުވެ ނުދާނެކަމެއްކަމަށެވެ. ނަމަވެސް ސަޢުދީ ޢަރަބިއްޔާއިންވަނީ އިސްރާއީލާއެކު އެފަދަ ގުޅުމެއް ބާއްވަން އެ ޤައުމުން ތައްޔާރުނޫންކަމަށް ބުނެފައެވެ. މިދިޔަ ހަފުތާގައި ސަޢުދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު އަމީރު ފައިސަލް ބިން ފަރްޙާން އައްސައުދު ވިދާޅުވީ ސަޢުދީ ޢަރަބިއްޔާއިން އިސްރާއީލާއެކު ގުޅުންބަދަހިކުރުމަށް ނިންމާނީ ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަން ދަޢުލަތެއް ޤާއިމްކޮށް، ފަލަސްޠީނުގެ ރައްޔިތުން ބަލައިގަންނަފަދަ އިންތިޒާމެއް ޤާއިމްކުރުމުންކަމަށެވެ.