ވިޔަފާރި

ރާއްޖެ އިޝްތިހާރުކުރުމަށް ސީ.އެންއެންއާއެކު ކުރިއަށްގެންދާ ކެމްޕެއިން އިތުރަށް ފުޅާކޮށްފި


ދިވެހިރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ އެކި ކަންކޮޅުތަކަށް އިޝްތިހާރުކުރުމަށް ދުނިޔޭގެ ބޮޑު އެއް ހަބަރުފަތުރާ ވަސީލަތް ސީ.އެންއެންއާއެކު ކުރިއަށްގެންދާ ކެމްޕެއިން އިތުރަށް ފުޅާކޮށްފިއެވެ.

މިކެމްޕެއިންގެ ދަށުން ޗުއްޓީ ހޭދަކުރަން އާ މަންޒިލްތައް ހޯދަމުން އަންނަ ފަތުރުވެރިންނަށް، ރާއްޖެއަކީ ޗުއްޓީ ހޭދަކުރަން ޒިޔާރަތްކުރަން އެންމެ ރައްކާތެރި އަދި އެންމެ އެކަށީގެންވާ މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރެވިގެންދާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. ސީ.އެންއެން އާއިއެކު ކުރިއަށްދާ ކެމްޕެއިން ފަށާފައިވަނީ ދިވެހިރާއްޖޭ ބޯޑަރު އަލުން ފަތުރުވެރިންނަށް ހުޅުވުމާ ދިމާކޮށެވެ.
މި ކެމްޕެއިން ކުރިއަށްދާނީ ޑިޖިޓަލް އަދި އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ޓީވީ އިޝްތިހާރުތަކާއި ވިންޔެޓް އަދި ސީ.އެންއެން ސައިޓްގައި ފެނިގެންދާ ޑިޖިޓަލް ބެޏާތަކެއްގެ ޒަރިއްޔާއިންނެވެ.

ސީއެންއެންއާއެކު ކުރިއަށްގެންދާ ކެމްޕެއިންގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގެ އިތުރުން، ރާއްޖޭގެ ޑައިވަރުންނާއި، ޝެފުން އަދި އިތުރު ހުނަރުވެރިންގެ ހަރަކާތްތައްވެސް ދަނީ ދައްކާލަމުންނެވެ. އަދި ޓުއަރިޒަމް މިނިސްޓަރގެ އިންޓަވިއުތައްވެސް ސީއެންއެންއިން ދަނީ ދައްކަމުންނެވެ.

ސީއެންއެންއާއެކު ފެށި މިކެމްޕެއިންއަކީ ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން ފެށި މިފަދަ ފުރަތަމަ ކެމްޕެއިންއަށްވާއިރު، މިހާތަނަށް ރާއްޖެ އިޝްތިހާރުކުރުމަށް 22 މާކެޓެއްގައި 412 ހަރަކާތެއް ވަނީ ކުރިއަށްގެންގޮސްފައެވެ.