ބޯޑަރު ހުޅުވާލިފަހުން ރާއްޖެ ޒިޔާރަތްކުރާ އެއްލައްކަ ވަނަ ފަތުވެރިޔާ މާދަމާ ރާއްޖެ އަންނާނެކަމަށް ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ކޯވިޑްގެ ސަބަބުން ރާއްޖޭގެ ބޯޑަރު މާރޗް މަހުގެ ތެރޭގައި ބަންދުކޮށް، އަލުން ބޯޑަރު ހުޅުވާފައިވަނީ ޖުލައިމަހުގެ 15 ވަނަ ދުވަހުއެވެ. ބޯޑަރު ހުޅުވާލިފަހުން ސަރުކާރުން އަމާޒު ހިފާފައިވަނީ މިއަހަރު ނިމުމުގެ ކުރިން ރާއްޖެއަށް އެއް ލައްކަ ފަތުރުވެރިން ގެނައުމަށެވެ.
ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާދަމާއަކީ ތާރީޙީ ދުވަހަކަށް ވެގެންދާނެކަމަށެވެ. އެގޮތުން ބޯޑަރު ހުޅުވާލިފަހުން ރާއްޖެ އަންނަ 1 ލައްކަ ވަނަ ފަތުރުވެރިޔާ މާދަމާ ރާއްޖެ އަންނާނެކަމަށެވެ.
މިނިސްޓަރ މައުސޫމް ވިދާޅުވީ ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އެއް ލައްކަ ފަތުރުވެރިން ގެނެވުމަކީ ހޯދުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން އަންނަ 1 ލައްކަ ވަނަ ފަތުރުވެރިޔާ މާދަމާ ރާއްޖެ އަންނައިރު، މިމަހުގެ 16 ވަނަ ދުވަހުގެ ކުރިން އެއް ލައްކަ ވަނަ ފަތުރުވެރިޔާ ރާއްޖެ އަންނާނެކަމަށް ސަރުކާރުން ވަނީ ކުރިން ލަފާކޮށްފައެވެ. އަދި ޑިސެމްބަރ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު 5 ލައްކައަށް އެރުވުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.