ޚަބަރު

ރައީސްގެ ކޯލް، މަސްވެރިކަމަށް ކުރާ އުއްމީދު އައު ވެއްޖެ - ޒުވާން މަސްވެރިޔާ


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ގުޅާ ހިތުގެ ޝުއޫރުފާޅުކޮށްލަން ފުރުސަތު ދެއްވުމުން މަސްވެރިކަން ކުރި އަރުވަން ކުރާ މަސައްކަތުގައި އުއްމީދުތައް އައު ވެއްޖެކަމަށް ޒުވާން މަސްވެރިޔާ ބުނެފިއެވެ. ޒުވާން މަސްވެރިޔާގެ ނަމުން މަޝްހޫރު ގއ. ގެމަނަފުއްޓަށް އުފަން އުމުރުން 22 އަހަރުގެ ހަސަން ސާޖިންއަކީ މަސްވެރިކަން ކުރިއަރުވާ ޕްރޮމޯޓްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޒުވާނެކެވެ.

ރާއްޖޭގެ މަސްވެރިކަމަށް އަންނަނީ ގިނަ ކުރިއެރުންތަކެއް ލިބެމުންނެވެ. އިހުގައި ކާބަފައިން މަހަށް ނިކުމެ ކުރަންޖެހޭ މަސައްކަތްތަކާއި އޭރު މަސް ބާނައިގެން ލިބޭ އާމްދަނީއަށް ބަލާއިރު މިއަދު މިވަނީ އެތައް ގޮތަކުން މަސައްކަތާއި އުޖޫރައަށްވެސް ހެޔޮ ބަދަލުތަކެއް އައިސްފައެވެ. އެހެންނަމަވެސް މަސްވެރިންކަމަކީ ކިޔަވައިގެން ތިބޭ މީހުންނާއި ޒުވާނުންނަށް ވަޒީފާއެއްގެ ގޮތުގައި ނުކުންނަން ކަމުދާ ދާއިރާއެއް ނޫންކަމަށް ދެކޭ މީހުން އަދިވެސް އެބަ ތިއްބެވެ. މަސްވެރިކަމަކީ 'ހަޑި' މަސައްކަތެއްގެ ގޮތުގައި ދެކޭ މީހުންވެސް މަދެއް ނޫނެވެ.

މި ވިސްނުން ބަދަލުކޮށް މަސްވެރިކަމާއިމެދު ދެކޭގޮތް ބަދަލުކޮށް މި ދާއިރާއަށް ހޭލުންތެރިކަން އިތުރުކުރުމަށް މިހާރު މަސައްކަތް ކުރާ ޓީމުގެ ކުރީ ސަފުގައި މިހާރު މުޅިހެންވެސް ފެންނަމުން އަންނަނީ ޒުވާން މަސްވެރިންނެވެ. މި މަސްވެރިން އަންނަނީ ސޯޝަލް މީޑިއާ ޕްލެޓު ފޯމްތައް މެދުވެރިކޮށް ރާއްޖޭގެ މަސްވެރިކަމާއި ގުޅޭ ވީޑިއޯތަކާއި ފޮޓޯތައް ހިއްސާކޮށް މިދާއިރާގައި އުޅޭ މީހުން މަސައްކަތް މުޅި ދުނިޔެއަށް ދައްކާލަމުންނެވެ. މީގެތެރެއިން ފާހަގަކޮށްލެވޭ އެއް ޒުވާނަކީ ޒުވާން މަސްވެރިޔާގެ ނަމުން މަޝްހޫރުވެފައިވާ ގއ. ގެމަނަފުށީ، 22 އަހަރުގެ ހަސަން ސާޖިންއެވެ.

އެހެންނަމަވެސް ސާޖިން ބުނާ އެއްވާހަކަތަކެއް އެބައޮތެވެ. މަސްވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތުގައި އެއްވެސް ސަރުކާރަކުން އެއްބާރުލުން ނުލިބޭކަމުގެ ޝަކުވާތަކެވެ. ޓްއަރިޒަމް ޕްރޮމޯޓްކުރަން ކުރާ ހޭދައިގެ ކުޑަ މިންވަރެއްވެސް މަސްވެރިކަން ޕްރޮމޯޓްކުރުމަށް ސަރުކާރުތަކުން ނުކުރާ ވާހަކަތަކެވެ. އަމިއްލަ އަތުން ހޭދަކޮށް ކުރާ މަސައްކަތްތަކަށްވެސް އެއްބާރުލުން ދޭން ސަރުކާރާއި ވިޔަފާރިވެރިންވެސް ބޭނުންނުވާކަމުގެ އުދާސްތަކެވެ.

މަސްވެރިންގެ ދުވަހާއި ގުޅިގެން ސާޖިން އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މަސްވެރިކަން ޕްރޮމޯޓްކުރަން ކެމެރާ ނަގައިގެން އުޅޭތާ މިހާރު 6 އަހަރުވެއްޖެކަމަށެވެ. އަދި މަސްވެރިންގެ ދުވަހު އޭނާގެ އެންމެ ބޮޑު އެދުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ގުޅާ ހިތުގެ ޝޫއޫރު ފާޅުކޮށްލުންކަމަށެވެ.

ސާޖިން ބުނީ އެނާއަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގުޅުއްވާ ވަރަށް ގިނައިރު ވަންދެން ވާހަކަފުޅު ދެއްކެވިކަމަށެވެ. އަދި މަސްވެރިއެއްގެ ވާހަކަތައް އަޑުއައްސަވަން ރައީސް ވަގުތު ދެއްވުމުން މި ދާއިރާއާއި މެދު ކުރަމުން އަންނަ އުއްމީދު އައު ވެއްޖަކަން ސާޖިން ވަނީ ފާހަގަކޮށްފައެވެ. އަދި އެކަމާއި އުފާކުރާކަންވެސް ސާޖިން ވަނީ ފާހަގަކޮށްފައެވެ.

އުމުރުން އެންމެ 16 އަހަރުގައި މަސްވެރިކަމަށް ނުކުތް ސާޖިންވަނީ މަސްވެރިކަމަކީ 'ހަޑި' މަސައްކަތެއްގެ ގޮތުގައި ދެކޭ ދެކުން ބަދަލުކޮށް ގިނަ އަދަދެއްގެ ޒުވާނުން މި މަސައްކަތައް ނެރެފައެވެ. އަދި ޒުވާން މަސްވެރިޔާގެ ނަމުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާ އަންނަނީ މަސްވެރިކަން ޕްރޮމޯޓްކުރުމަށް ދިވެހިން މަސްވެރިކަންކުރާ ގޮތާއި ދިވެހި މަސްވެރިންގެ ދިރިއުޅުން މުޅި ދުނިޔެއަށް ދައްކާދެމުންނެވެ.

ސާޖިންގެ ވީޑިއޯތައް އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މީހުން ބަލަމުންނެވެ. ދާދިފަހުން އެމެރިކާގެ ޓީވީ ސްޓޭޝަނެއް ކަމަށްވާ، އެމް.ޓީ.ޑީ ޓެލެވިޜަނުންވަނީވެސް ވަނީ ސާޖިންގެ ވީޑިއޯއެއް އެމީހުންގެ ފޭސްބުކް ޕޭޖުގައި ހިއްސާކޮށްފައެވެ. މި ވީޑިއޯވެސް މިހާރުވަނީ 20 މިލިއަނަށްވުރެ ގިނަ މީހުން ބަލާފައެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފޮނުއްވި ޚާއްސަ ޚިޠާބުގައި އެމަނިކުފާނުވަނީ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް 460 މިލިއަނަށްވުރެ އަގު ބޮޑު މަޝްރޫޢުތަކެއް އަންނަ އަހަރު ފެށުމަށް ތައްޔާރުވަމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން އައިސް ލިބުމުގެ ދަތިކަން ހައްލުކޮށް ދިނުމަށް ، މުޅިން އައު، 7 އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް މި އަންނަ އަހަރު ފަށާނެކަމަށާއި، ދޯނިފަހަރުގެ ވަތުގައި ފެން ފިނިކުރާ ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތް އިތުރުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

މަސްވެރިންނަށް މިވަގުތު ކުރިމަތިވެފައިވާ، މަސް ކިރުވުމުގެ ދަތިތަކަށް އަވަސް ޙައްލެއް ހޯދައިދިނުމަށް، ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި ހުރި މިފްކޯގެ މަސް ކާރުޚާނާތައް އިތުރަށް ތަރައްޤީކޮށް، މަސް ރައްކާކުރެވޭ މިންވަރު 3050 ޓަނުން 8000 ޓަނަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރުފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.