ޚަބަރު

ފަރަންސޭސިވިލާތުގެ އަސްދޫނި ގެންގުޅޭ އިތުރު ދަނޑަކުން ދޫނި ރޯގާ ފެނިއްޖެ


ފަރަންސޭސިވިލާތުގައި ދޫނި ރޯގާ ފެތުރިފައިވާ އިތުރު ދަނޑެއް ފެނިއްޖެއެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ޖަނަވާރުންގެ މެދުގައި ފެތުރޭ ނުރައްކާތެރި ބައްޔެއްކަމަށްވާ ދޫނި ރޯގާވަނީ ފަރަންސޭސިވިލާތުގެ ލޯންޑު ސަރަޙައްދުގެ ސެއިން ގޯ ދަ މަރައިމް ޑިސްޓްރިކްޓުގެ އަސްދޫނި ގެންގުޅޭ ދަނޑަކުން ފެނިފައެވެ. އެއީ މި އަހަރުގެ ތެރޭގައި އެ ޤައުމުގެ ދަނޑަކުން ދޫނި ރޯގާ ފެނުނު ފުރަތަމަ ފަހަރެވެ. އެއާއިއެކު ދަނޑުގައި ގެންގުޅޭ 6،000އަށްވުރެ ގިނަ އަސްދޫނިވަނީ މަރާލާފައެވެ.

އޭގެފަހުން، އަނެއްކާވެސް ހަމަ އެ ޑިސްޓްރިކްޓުގެ އިތުރު ދަނޑަކުން ދޫނި ރޯގާވަނީ ފެނިފައެވެ. ކުރިން ބަލި ފެނުމުން ޢަމަލުކޮށްފައިވާގޮތަށް އެ ދަނޑު ހުންނަ ސަރަޙައްދު ވަށައިގެންވެސްވަނީ ސަލާމަތީ ޒޯނެއް ޤާއިމްކޮށް، ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ.

މި ދުވަސްވަރު ވިލާތުގެ ޤައުމުތަކުގައިދަނީ ވަރަށް ހަލުވިކަމާއިއެކު ދޫނި ރޯގާ ފެތުރެމުންނެވެ. އެއާއިއެކު ދޫނި ގެންގުޅޭ ދަނޑުތަކުގައިވަނީ ބަލިފެތުރިދާނެކަމަށް ދެމުންދާ ސަމާލުކަން އިތުރުވެފައެވެ. މީގެ ކުރިން ބަލިފެތުރުމުން ދަނޑުތަކުގައި ގެންގުޅޭ އެތައް މިލިއަން ދޫނިވަނީ މަރާލާފައެވެ.