ޚަބަރު

ބައިރޫތުގެ ގޮވުމާއި ގުޅިގެން ބޮޑުވަޒީރު ކުރީގެ ތިން ވަޒީރަކަށް ދަޢުވާކޮށްފި


މިދިޔަ އޮގަސްޓު މަހުގެ 4 ވަނަ ދުވަހު ލުބުނާނުގެ ބައިރޫތުގައި ހިނގި ބޮޑު ގޮވުންތަކުގެ ތަޙުޤީޤުގައި އެ ޤައުމުގެ ބޮޑުވަޒީރު ޙަސަން ދިއާބާއީ، ޤާނޫނުހަދާ މަޖިލީހުގެ ކުރީގެ ތިން ވަޒީރަކަށް ދަޢުވާކޮށްފިއެވެ.

ބައިރޫތުގުގެ ބަނދަރުގައި ގުދަންކޮށްފައިހުރި 2،750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓު ގޮވުމުގެ ސަބަބުން 200އަށްވުރެ ގިނަ މީހުން މަރުވެ 6000އަށްވުރެ ގިނަ މީހުންވަނީ ޒަޚަމްވެފައެވެ. އެ ހާދިޘާގައި އެ ސަރަޙައްދު އެއްކޮށް ބިމާހަމަވެ، އެތައް ހާސް ބައެއްގެ ގެދޮރުވަނީ ގެއްލިފައެވެ. އެ ހާދިޘާއަށްފަހު ލުބުނާނުގެ ސަރުކާރު އިސްތިޢުފާދީ، ޤައުމުގެ ސިޔާސީ މަޝްރަހުވެސް ވަނީ ބަދަލުވެފައެވެ. ނަމަވެސް އިސްތިޢުފާދެއްވި ބޮޑުވަޒީރުކަމުގައިވާ ހަސަން ދިޢާބު އަދިވެސް ހުންނެވީ އައު ބޮޑުވަޒީރެއް އައްޔަނުކުރެވެންދެން ބެލެނިވެރި ދަޢުރެއްގައި ޤައުމުގެ ހިންގުމާއި ޙަވާލުވެވަޑައިގެންނެވެ.

ބައިރޫތުގެ ގޮވުން ތަޙުޤީޤުކުރައްވާ ފަނޑިޔާރު ފައުދީ ސަވާން ޑިސެމްބަރު މަހުގެ 10ވަނަ ދުވަހުގައިވަނީ ހާދިޘާ ހިނގިއިރު ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ޙަސަން ދިއާބާއި، ކުރީގެ ޕަބްލިކް ވޯކްސް ވަޒީރުން ކަމުގައިވާ ޣާޒީ ޒައިތަރާއި ޔޫސުފް ފެނިއާނޯސްގެ އިތުރުން ކުރީގެ މާލީ ވަޒީރު، ޢަލީ ޙަސަން ޚަލީލްގެ މައްޗަށް ޒިންމާ އަދާކުރުމުގައި ފަރުވާކުޑަކޮށްފައިވާކަމުގެ ދަޢުވާކޮށްފައެވެ. ޑިސެމްބަރު މަހުގެ 14ވަނަ ދުވަހުގައި ދިއާބާއި ސުވާލުކުރުމަށްވަނީ ހަމަޖެހިފައިވާއިރު ހަމަ އެދުވަހާއި އެއާއި ޖެހިގެން އޮތް ދެ ދުވަހުގައި ތުޙުމަތުކުރެވޭ ކުރީގެ ވަޒީރުންނަށް ސުވާލުކުރުމަށްވެސްވަނީ ހަމަޖެހިފައެވެ. މީގެ ކުރިން އެ 4 ބޭފުޅުންނަށްވެސް ހެކިންގެ ހައިޞިއްޔަތުން ސުވާލުކޮށްފައިވާ ނަމަވެސް ދެން އެ ބޭފުޅުންނަށް ސުވާލުކުރާނީ ދަޢުވާ ރައްދުވާ ފަރާތުގެ ހައިޞިއްޔަތުންނެވެ.

ބޮޑުވަޒީރާއި ވަޒީރުންނަށް ދަޢުވާކުރުމަށް ފަނޑިޔާރު ނިންމަވާފައިވަނީ ބައިރޫތުގައި ހިންގި ގޮވުމާއި ގުޅިގެން އެ ވަޒީރުންނާއިގުޅޭ ތަޙުޤީޤެއް ހިންގުމަށް އެދި އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހަށް ފަނޑިޔާރު ސަވާން ސިޓީއެއް ފޮނުއްވިތާ ދެ ހަފުތާ ފަހުންނެވެ. އެ ސިޓީގައި ޤާނޫނުހަދާ މަޖިލީހުގެ ޚާއްސަ ކޯޓަކުން އެ މައްސަލަ ތަޙުޤީޤުކުރުމަށް އެދުނު ނަމަވެސް ޤަނޫނުހަދާ މަޖިލީހުގެ ރައީސް، ނަބީހު ބެރީވަނީ އެ ހުށަހެޅުން އިންކާރުކުރައްވާފައެވެ.

ކުރީގެ ސަރުކާރުގެ އިސް ބޭފުޅުންނަށް ދައުވާކުރެއްވީ ވަޒީރުންގެ ހައިޞިއްޔަތުން އެ ބޭފުޅުންގެ ސިޔާސީ ޒިންމާ އަދާކޮށްފައިވޭތޯ ޤާނޫނުހަދާ މަޖިލީސް މެދުވެރިކޮށް ބެލުމަށް ސަވާން ކުރެއްވި މަސައްކަތް ނާކާމިޔާބުވުމުންކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ. އެ ބޭފުޅުންނަށް ދަޢުވާކޮށްފައިވަނީ 3،000 ޓަނުގެ ގޮވާތަކެތި ބަނދަރުގައި ހުރިކަމަށް ހާދިޘާ ހިންގުމުގެ ކުރިން ބޮޑުވަޒީރަށާއި ތިން ވަޒީރުންނަށް ލިޔުމުން އަންގައި، އެ ބޭފުޅުންގެ ސަމާލުކަމަށް އެކަން ގެނެސްފައިވާކަމުގެ މައްޗަށް ބިނާކޮށެވެ.

ދަޢުވާއާއި ދެކޮޅަށް ދިޢާބުގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ ބޮޑުވަޒީރު ގޯހެއް ހައްދަވާފައިވާކަމަށް ޤަބޫލުނުކުރައްވާކަމަށާއި ގޮވުމުގެ ހާދިޘާއާއިމެދު ދިއާބު ޢަމަލުކުރައްވާގައިވަނީ ދެ ފުށް ފެންނަ އުސޫލަކުން، ވަރަށް ޒިންމާދާރުކަމާއިއެކީގައި ކަމަށެވެ. ދައުވާކޮށްފައިވަނީ ސީދާ ބޮޑުވަޒީރުގެ މަޤާމަށް އަމާޒުކޮށްގެންކަމަށާއި، އެގޮތަށް ޢަމަލުކުރުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ދިއާބު ނުދެއްވާނެކަމަށް ބަޔާނުގައިވަނީ ބުނެފައެވެ.

ސަރުކަރުގެ މަތީ ފަރާތްތަކުގެ މައްސަލަތައް ބެލުމަށް ޤާނޫނުހަދާ މަޖިލީހުގެ ދަށުން ޚާއްޞަ ކޯޓެއް ޤާއިމްކޮށްފައިވާއިރު، ޤާނޫނުހަދާ މަޖިލީހުގެ ދަޢުރު ފަހަނައަޅައި ދިއާބުގެ މައްޗަށް ދަޢުވާކޮށް ސުވާލުކުރެއްވުމަށް ސަވާން ކުރައްވަމުންދާ މަސައްކަތަކީ ޤާނޫނު އަސާސީއާއި ޚިލާފު ޢަމަލެއްކަމަށް ވިދާޅުވެ، ތަހުގީގަށް ދިއާބު އެއްބާރުލުން ނުދެއްވާނެކަމަށް ދޭހަވާފަދަ އިޝާރާތެއް ދިއާބުގެ އިދާރާއިންވަނީ ކޮށްފައެވެ.

ބައިރޫތުގެ ބޮޑު ގޮވުމުގެ މައްސަލައިގައި މިހާތަނަށް 37 މީހުންގެ މައްޗަށްވަނީ ދަޢުވާކޮށްފައެވެ. އޭގެ ތެރެއިން 25 މީހުން ތިބީ ބަންދުގައެވެ.