ޚަބަރު

"ޑްރަގް އޮފެންޑަރސް ރިމާންޑް ސެންޓަރާއެކު ފަރުވާގެ ނިޒާމު ހަރުދަނާވާނެ"


އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭ "ޑްރަގް އޮފެންޑަރސް ރިމާންޑް ސެންޓަރ"ގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިމުމުން މަސްތުވާތަކެތީގެ ވަބާގައި ޖެހި ފަރުވާ ދޭންޖެހޭ މީހުންނަށް ރިހެބިލިޓޭޝަނާއި ކޮމިއުނިޓީ ފަރުވާއާއި އާފްޓަރ ކެއަރގެ ފަރުވާދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރެވޭ މީހުންނަށްދޭ ފަރުވާގެ ނިޒާމުގައިހުރި މައްސަލަތައް ހައްލުކުރުމާ ގުޅޭގޮތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރެވޭ މީހުން، ޒިންމާދާރު ބައެއްގެ ގޮތުގައި މުޖުތަމަޢަށް އަނބުރާ ގެނައުމަށް އަމާޒުކޮށް އެކި އިދާރާތަކުން ރާވާފައިވާ ޕްރޮގްރާމްތައް ހިންގޭނެ ދާއިމީ ނިޒާމެއް ބިނާކުރެވިގެންދާނެކަން އެމަނިކުފާނުވަނީ މިއަދު ފާހަގަކުރައްވާފަވެ. މީގެ ނަތީޖާއެއްގެ ގޮތުން މިފަދަ މީހުން އަނބުރާ މުޖުތަމަޢާ ގުޅިގެންދާނީ ޒިންމާދާރު އަދި ހަރުދަނާ ފަރުދުންތަކެއްގެ ގޮތުގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަރުކާރުން މި ނިޒާމު ފަރުމާކޮށްފައިވަނީ މަސްތުވާތަކެތީގެ ފަރުވާއަށްފަހު އެމީހުން އަނބުރާ މުޖުތަމަޢަށް ނިކުތުމުގެ ކުރިން ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ތެރެއިން ތަމްރީނާއި ވަޒީފާގެ ފުރުޞަތުތައްވެސް ފަހިކޮށްދީ، އެފަރާތަކަށް ޢަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަށް އަމާޒު ހިފައިގެންކަން ނައިބުރައީސް ފާހަގަކުރެއްވިއެވެ.