މާލެއިން އަތުލައިގަތް 72 ކިލޯގެ މަސްތުވާތަކެއްޗާއި ގުޅުންހުރި 10 މީހެއްގެ މަޢުލޫމާތު ފުލުހުން ހާމަކޮށްފިއެވެ.
ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި 10 މީހުންނަކީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދޯނީގައި ހަރަކާތްތެރިވަމުންދިޔަ މީހުންނާއި ލޯންޗުގައި މާލެއަށް މަސްތުވާތަކެތި އެތެރެކުރި މީހުންނާއި ކާރަށް މަސްތުވާތަކެތި އަރުވައިގެން ކާރުގައި ދިޔަ މީހުންކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. މި އޮޕަރޭޝަނުގައި މާލޭގެ ބައެއް ގެތައް ބަލައިފާސްކޮށްފައިވާއިރު، ދެ ކާރާއި ލޯންޗަކާއި ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
މިމަހުގެ 8 ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި މެރިން ޕޮލިސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ 10 މީހުންނަކީ:
1- ސ. ހުޅުދޫ / ދޭލިޔާގެ، އިރުފާން ތަޤިއްޔު (32އ)
2- ރ. އިނގުރައިދޫ / އެލެސްކާ، މުޙައްމަދު ވިޝާމް (28 އ)
3- ދ. މާއެނބޫދޫ / އަނބުގަސްދޮށުގެ، އަޙްމަދު ނަޞީރު (38އ)
4- ކ. މާލެ / މއ. ކަނޑޫގެ، ޢަލީ އަޙްމަދު (37އ)
5- ކ. މާލެ / ހ. ގާރޑަންބިޔުޓީ، މުޙައްމަދު އަކްރަމް (27އ)
6- ރ. އިނގުރައިދޫ / އެލެސްކާ، ޢަބްދުﷲ ވިޝާމް (26އ)
7- ހދ. ނޮޅީވަރަންފަރު / ނޫރީއާގެ، މުޙައްމަދު ޝަރީފް (34އ)
8- ލ. ގަން، ތުނޑި / ޕެރިސްހޮލިޑޭ، މުޙައްމަދު ފުރުޤާން (33އ)
9- ތ. ތިމަރަފުށި / ތަޑިރަތްމާގެ، މުޙައްމަދު ވަޖީޙު (35އ)
10- ރ. ރަސްގެތީމު / ފީރޯޒްގެ، އަޙްމަދު ޝިނާން (30އ)
ފުލުހުން ވިދާޅުވީ މިމީހުންގެ ތެރެއިން ސ. ހުޅުދޫ / ދޭލިޔާގެ، އިރުފާން ތަޤިއްޔު (32އ) އާއި ރ. އިނގުރައިދޫ / އެލެސްކާ، މުޙައްމަދު ވިޝާމް (28 އ) އަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށްތިބި ދެ މީހުން ކަމަށެވެ.
ފުލުހުން ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ހިންގި މި އޮޕަރޭޝަނަކީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މީގެ ހަފްތާއެއްހާ ދުވަސްކުރިން ފެށި އޮޕަރޭޝަނެއް ކަމަށެވެ. މި އޮޕަރޭޝަނުގައި ރާއްޖޭގެ ކަނޑުގެ އެކި ސަރަޙައްދުތަކުގައި ފުލުހުން ހަރަކާތްތެރިވެފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އެގޮތުން މި އޮޕަރޭޝަން ކުރިއަށްގެންދިޔައިރު، "މަސްޖަރީ" ނަމަކަށްކިޔާ ކަންނެލި ދޯންޏެއްގައި ރާއްޖެއިން ބޭރުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ލޯންޗެއްގައި ގޮސް ދޯނިން މަސްތުވާތަކެތި ނަގައިގެން ޑިސެމްބަރު 8 ވަނަ ދުވަހުގެ މާލެއަށް އެތެރެކޮށްފައިވާކަމުގެ މައުލޫމާތު ލިބުނު ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މާލެއަށް އެތެރެކުރި 72 ކިލޯގެ މަސްތުވާތަކެތި ކާރެއްގެ ޑިކީއަށް އަރުވާފައިވަނިކޮށް ފުލުހުން ހޯދާފައިވަނީ މި މަޢުލޫމާތާއި ގުޅިގެން ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނުގައިކަމަށް ފުލުހުން ވިދާޅުވެއެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެމީހުން ހައްޔަރުކޮށްފައިވަނީ ގާނޫނާ އެއްގޮތަށްކަމަށް ކަނޑައަޅައި ދެމީހެއްގެ ބަންދަށް 15 ދުވަސް، ހަތަރު މީހެއްގެ ބަންދަށް 10 ދުވަސް، ތިން މީހެއްގެ ބަންދަށް 7 ދުވަސް އަދި އެކަކުގެ ބަންދަށް 5 ދުވަސް ދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށާއި އެތަކެތި އެތެރެކުރުމަށްފަހު އެއްތަނުން އަނެއް ތަނަށް އެތަކެތި އުފުލުމުގައި ބޭނުންކުރާ އުޅަނދު ފަހަރުތަކުގެ ވެރިފަރާތަށް އޮޅުވާލައިގެން އުޅަނދުފަހަރު ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާތީ ކަނޑު އުޅަނދުފަހަރާއި އެއްގަމު އުޅަނދު ގެންގުޅުއްވާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.