ޔޫއެފާ ޗެމްޕިއަންސް ލީގުގައި މެޗަކުން ބަލިނުވެ ބަޔާން މިއުނިކުން މުބާރާތުގެ ގުރޫޕްސްޓޭޖުގެ މެޗުތައް ނިންމާލާފިއެވެ.
އަމިއްލަ ދަނޑުގައި ބަޔާންކުޅެ މޮޅުވީ ލޮކޮމޯޓިވް މޮސްކޯއާ ވާދަކޮށް 2-0 ލަނޑުންނެވެ. މުބާރާތުގެ ބަޔާނުން ވަނީ މިމެޗާއެކު ބަލިނުވެ 17 މެޗު ހަމަކޮށްފައެވެ. މިދިޔަ ސީޒަންގައި މުބާރާތް ކާމިޔާބުކުރި އިރު ބަޔާނުން ވަނީ މުބާރާތުގެ 11 މެޗު ކާމިޔާބުކޮށްފައެވެ. މި ސީޒަންގައި އެޓީމު އެއްވަރުވެފައިވަނީ ގުރޫޕްގެ އެންމެ މެޗަކުންނެވެ. އެއީ އެތުލެޓިކޯ މެޑްރިޑާ ވާދަކޮށް 1-1 ލަނޑުންނެވެ.
ރޭ ގުރޫޕްގައި އެތުލެޓިކޯއިން ވަނީ ސަލްޒްބާގް އާއި ވާދަކޮށް 2-0 ލަނޑުން ކުރި ހޯދާ މުބާރާތުގެ 2ވަނަ ބުރު ޔަގީންކޮށްފައެވެ. ބަޔާން މުބާރާތުގެ 2ވަނަ ބުރަށް ޖާގަ ހޯދީ ގުރޫޕްގެ އެއްވަނައިގައި ކުޅުނު 6 މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. 2ވަނަ ޓީމެއްގެ ގޮތުގައި އެތުލެޓިކޯ ދިޔައީ 9 ޕޮއިންޓް ހޯދައިގެންނެވެ. 4 ޕޮއިންޓާއެކު ގުރޫޕްގެ ތިންވަނަ ހޯދައިގެން ސަލްޒްބާގް ވަނީ ޔޫރަޕާ ލީގުގެ 2ވަނަ ބުރުން ޖާގަހޯދާފައެވެ. ލޮކޮމޯޓިވް މޮސްކާ ވަނީ މުބާރާތުން ކަޓާފައެވެ.