ޚަބަރު

މުއްސަނދި ޤައުމުތަކުން ވެކްސިންތައް ގަތުމުން ފަޤީރު ޤައުމުތަކަށް ވެކްސިން ނުލިބުމުގެ ފުރުޞަތު


މުއްސަނދި ޤައުމުތަކުން ކޯވިޑް-19ގެ ވެކްސިން ގިނަ ޢަދަދަކަށް ގަތުމުގެ ސަބަބުން އަންނަ އަހަރުގެ ތެރޭގައި ފަޤީރު އެތައް ޤައުމެއްގެ އާބާދީގެ 90 އިންސައްތައަށް ވެކްސިން ލިބުމުގައި ދަތިތައް ކުރިމަތިވާނެކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ދަ ޕީޕަލްސް ވެކްސިން އެލަޔަންސުން ބުނީ ބައެއް މުއްސަނދި ޤައުމުތަކުން އެ ޤައުމުތަކުގެ އާބާދީގެ ތިން ގުނައަށް ވާވަރަށް ކޯވިޑް-19 ވެކްސިން ގަނެ ރައްކާކޮށްފައިވާކަމަށެވެ. އެކަމާއިގުޅޭގޮތުން ސަރުކާރުތަކާއި ބޭހާއި ވެކްސިން އުފައްދާ ކުންފުނިތަކުން އަވަސް ފިޔަވަޅު ނާޅައިފިނަމަ، ފަގީރު 67 ޤައުމަކަށް ވެކްސިން ލިބޭނީ އެ ޤައުމުތަކުގެ އާބާދީގެ ކޮންމެ ދިހަ މީހަކުން އެކަކަށް ވެކްސިންދެވޭހާ ވެކްސިންކަމަށް އެ ދިރާސާގައިވަނީ ބުނެފައެވެ.

67 ޤައުމުގެ ލިސްޓުގައި ހިމެނޭ ފަސް ޤައުމުކަމުގައިވާ ކެންޔާ، މިޔަންމާ، ނައިޖީއިރާ، ޕާކިސްތާނު އަދި ޔުކްރެއިނު، މި ފަސް ޤައުމުގެ މެދުގައި މިހާތަނަށް 1.5 މިލިއަނަށްވުރެ ގިނަ މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ.

މިދިޔަ މަހުގެ ތެރޭގައި ދުނިޔޭގެ އާބާދީގެ 14 އިންސައްތަ ޙިއްޞާކުރާ މުއްސަނދި ޤައުމުތަކާއި އިޤްތިޞާދިތަކުންވަނީ ކޯވިޑް-19އާއި ދެކޮޅަށް ތައްޔާރުކޮށްފައިވާ އެންމެ އުންމީދީ ވެކްސިންތަކުގެ 53 އިންސައްތަ ގަނެފައެވެ. އޭގެ ތެރޭގައި ވިލާތުގެ އިއްތިޙާދު، އެމެރިކާ، އިނގިރޭސިވިލާތް، ކެނެޑާ، ޖަޕާން، ސްވިޒަލޭންޑް، އޮސްޓްރޭލިއާ، ހޮންގުކޮންގު، މަކާއު، ނިއު ޒީލެންޑު، އިސްރާއީލު އަދި ކުވައިތު ހިމެނެއެވެ.

ދަ ޕީޕަލްސް ވެކްސިން އެލަޔަންސުގައި ހިމެނޭ އެމްނެސްޓީ އިންޓަނޭޝަނަލްގެ އިޤްތިޞާދީ އަދި އިޖުތިމާޢީ އިންސާފާއިބެހޭ އިސްވެރިޔާ، ސްޓީވް ކޮކްބާން ވިދާޅުވީ ބޭނުންވާ މިންވަރަށްވުރެ ގިނައިން ވެކްސިން ގަނެ ރައްކާކުރުމުން އެންމެންނަށް ކޯވިޑް-19ގެ ވެކްސިން ދީ، ދުނިޔޭގެ ހުރިހާ ސަރަޙައްދަކަށް ވެކްސިން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތަކަށް ހުރަސްއެޅޭކަމަށެވެ. އޭނާ ވިދާޅުވީ މުއްސަނދި ޤައުމުތަކުން އިންސާނީ ހައްޤުތަކަށްޓަކައި ޢަދާކުރަންޖެހޭ ޒިންމާތަކެއްވާކަމަށާއި، އެ ޒިންމާތަކުގެ ދަށުން އެހެން ބަޔަކަށް ވެކްސިން ލިބުމަށް ދަތިވާނެފަދަ ގޮތަކަށް ޢަމަލުކޮށްގެން ނުވާނެކަމަށެވެ. އަދި ވެކްސިނަށް ބޭނުންޖެހިފައިވާ އެހެން ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާވެސް އެ ޤައުމުތަކަށް އޮތްކަމަށް އޭނާ ވިދާޅުވިއެވެ.

ދަ ޕީޕަލްސް ވެކްސިން އެލަޔަންސުގައި ހިމެނޭ އޮކްސްފެމުން ބުނީ ކެނެޑާގެ މުޅި އާބާދީގެ ފަސްގުނައަށް ވެކްސިން ދެވޭހާ ގިނަ ވެކްސިން ކެނެޑާއިން ގަނެފައިވާކަމަށެވެ. 50 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ދެކުނު ކޮރެއާއިންވެސްވަނީ އެ ޤައުމުގެ އާބާދީގެ 88 އިންސައްތައަށް ފުދޭ ވަރަށް ވެކްސިން ގަނެފައެވެ. އެއާއި ޚިލާފަށް ކުރިއަރަމުން އަންނަ ޤައުމެއްގެ ގޮތުގައި ބެލެވޭ ފިލިޕީންސަށް މިހާތަނަށް ޔަޤީންކުރެވިފައިވަނީ ވެކްސިންގެ 2.6 މިލިއަން ޑޯޒެވެ. އެ ޢަދަދުން ވެކްސިން ފޯރުކޮށްދެވޭނީ 100 މިލިއަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ފިލިޕީންސްގެ އާބާދީގެ ތެރެއިން 1.3 މިލިއަން މީހުންނަށެވެ.

އޮކްސްފެމްގެ ޞިއްޙީ ސިޔާސަތުތަކާއިބެހޭ އިސްވެރިޔާ، އެނާ މެރިއޮޓް ވިދާޅުވީ ފުރާނަ ސަލާމަތްކޮށްދޭ ވެކްސިނެއް ހޯދުމަށް އެމީހެއް ދިރިއުޅޭ ޤައުމުގެ ސަބަބުން ނުވަތަ އެމީހުންގެ އަތުގައި ފައިސާހުރި މިންވަރުގެ ސަބަބުން އަސަރުކޮށްގެން ނުވާނެކަމަށެވެ. ނަމަވެސް މިހާރު ކަންތައްވަމުންދާ ގޮތަށް ބަދަލެއް ނައިސްފިނަމަ އެތައް އަހަރެއް ވަންދެން އެތައް ބިލިއަން މީހުންނަށް ވެކްސިން ނުލިބުން އެކަށީގެންވާކަމަށް އޭނާ ވިދާޅުވިއެވެ.

ޑޮކްޓާސް ވިތައުޓް ބޯޑާސްގެ ފަރާތުން ވާހަކަދެއްކެވި ޑރ. ސިޑްނީ ވޮންގުވަނީ ކާމިޔާބު ވެކްސިން ތައްޔާރުކޮށްފައިވާ ފައިޒާއާއި މޮޑާނާފަދަ ކުންފުނިތަކުން ވެކްސިން އުފައްދާ މިންވަރު އިތުރުކުރުމަށް ގޮވައިލައްވައިފައެވެ. އޭނާ ވިދާޅުވީ ދުނިޔޭގެ ޤައުމުތަކަށް ވެކްސިން ބަހަންވާނީ ޤައުމުތަކުގައި ފައިސާހުރި މިންވަރުން ނޫންކަމަށާއި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިން ކަނޑައަޅާ އުސޫލެއްގެ މަތިންކަމަށް ޤަބޫލުކުރައްވާކަމަށެވެ.