ޚަބަރު

އެލާޖީ ހުންނަ މީހުން ފައިޒަރގެ ވެކްސިން ނުޖެހުމަށް އަންގައިފި


ބޮޑެތި އެލާޖީތައް ހުންނަ މީހުން އިނގިރޭސިވިލާތުގައި ކޯވިޑް-19ން ރައްކާތެރިވުމަށް އާންމުންނަށް ދޭން ފަށާފައިވާ ފައިޒަރގެ ވެކްސިން ނުޖެހުމަށް އެ ޤައުމުގެ 'މެޑިސިންސް އެންޑް ހެލްތުކެއާ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އޭޖެންސީ' (އެމްއެޗުއާރުއޭ)އިން އަންގައިފިއެވެ. އެ އިދާރާއިން އެގޮތަށް އެނގީ އިނގިރޭސިވިލާތުގައި ވެކްސިން ދޭން ފެށިތާ އެއް ދުވަސް ތެރޭގައި ވެކްސިން ޖެހި ދެ މީހަކަށް ނޭދެވޭ އަސަރުތަކެއް ކުރުމުގެ ސަބަބުންނެވެ.

މިދިޔަ ހަފުތާގެ ތެރޭގައި އިނގިރޭސިވިލާތުންވަނީ ފައިޒަރއާއި ޖަރުމަނުވިލާތުގެ ބަޔޯއެންޓެކު ކުންފުނިން ތައްޔާރުކޮށްފައިވާ ކޯވިޑް-19 ވެކްސިން ބޭނުންކުރުމުގެ ހުއްދަދީފައެވެ. އެއާއެކު އެ ޤައުމުގެވެފައިވަނީ ވެކްސިނެއް ބޭނުންކުރުމުގެ ހުއްދަދިން ފުރަތަމަ ޤައުމަށެވެ. އެ ޤައުމުންވަނީ ވެކްސިން އެންމެ ފުރަތަމަ ދޭނީ މުސްކުޅިން ބަލަހައްޓައި މަރުކަޒުތަކުގައި ތިބޭ މީހުންނަށާއި ޞިއްޙީ ޚިދުމަތްތެރިންނަށާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ބަލީގެ ނުރައްކަލަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ މީހުންނަށްކަމަށް ނިންމާފައެވެ.

ނޭޝަނަލް ހެލްތު ސާވިސަސްގެ މެޑިކަލް ޑިރެކްޓަރު ސްޓެފަން ޕޯވިސް ވިދާޅުވީ ވެކްސިނާއި ގުޅޭގޮތުން އެމްއެޗުއާރުއޭއިން ދޭ ލަފާ ބަދަލުކޮށްފައިވަނީ އެންއެޗުއެސްގެ ދެ މުވައްޒަފަކަށް ކޯވިޑް-19 ވެކްސިން ދިނުމުން ދިމާވި ކަންތައްތަކާއި ގުޅިގެން ކަމަށެވެ. އަލަށް ތަޢާރަފްކުރާ ވެކްސިންތަކާއިމެދު އާންމުކޮށް އަމަލުކުރާގޮތާއި އެއްގޮތަށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގިނަގިނައިން އެލާޖިކްވާ މީހުން ވެކްސިން ބޭނުންނުކުރުމަށް އެ އިދާރާއިން އަންގާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ވެކްސިން ދިނުމުން ނޭދެވޭ އަސަރު ކުރި މީހުންގެ ޙާލު ރަނގަޅުކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެޗުއާރުއޭއިން ބުނީ ވެކްސިންގެ ސަބަބުން ނޭދެވޭ އަސަރުކުރުމަށް މެދުވެރިވި ސަބަބާއިގުޅޭ އިތުރު މަޢުލޫމާތު އެ އިދާރާއިން ހޯދާނެކަމަށެވެ. ފައިޒަރ އާއި ބަޔޯއެންޓެކުންވަނީ އެ މަސައްކަތަށް އެއްބާރުލުން ދޭނެކަމަށް ބުނެފައެވެ.

ފައިޒަރގެ ވެކްސިނަށް ޙުއްދަ ދިނުމަށް ތައްޔާރުވަމުންދާ އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިންވަނީ ވެކްސިން މަސައްކަތްކުރާ ނިސްބަތާއި ރައްކާތެރިކަން އެ އިދާރާގެ މިންގަނޑުތަކަށް ފެތޭކަމަށް ބުނާ ލިޔެކިޔުންތައް އާންމުކޮށްފައެވެ. އެ ލިޔުންތަކުގައި ބުނީ ވެކްސިންގެ ތަހުލީލުތަކުގައި ވެކްސިން ޖެހި 0.63 އިންސައްތަ މީހުންނާއި ޕްލެސީބޯ ދީފައިވާ 0.51 އިންސައްތަ މީހުންގެ ކިބައިން އެލާޖިކްވުންކަމަށް ބެލެވޭ އަސަރުތަކެއް ފެނިފައިވާކަމަށެވެ. އިމްޕީރިއަލް ކޮލެޖު ލަންޑަންގެ ޕްރޮފެސަރެއްކަމަށްވާ ޕީޓަރ އޯޕެންޝޯވ ވިދާޅުވީ އެއީ ތަހުލީލުގައި ބައިވެރިވި މީހުންގެ ޢަދަދަށް ބަލާއިރު ވަރަށް ކުޑަ ނިސްބަތެއްކަމަށެވެ.

ޕީޓަރ އޯޕެން ޝޯވ ވިދާޅުވީ ފައިޒަރގެ ވެކްސިންގެ ސަބަބުން ދެމީހުންނަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާކަން ވެކްސިންދޭން ފެށުމުގެ ކުރީކޮޅުގައި އެނގުނުކަމާއި، ވެކްސިނަށް ޙުއްދަދޭ ފަރާތުން އެހާ އަވަހަށް އެކަމާއިގުޅޭ އިންޒާރުދިނުމަކީ ވެކްސިންގެ ސަބަބުން ކުރާ އަސަރުތައް ދިރާސާކުރާ ނިޒާމު ރަނގަޅަށް މަސައްކަތްކުރާކަމުގެ ހެއްކެއް ކަމަށެވެ.