ޚަބަރު

އަންދްރަ ޕްރަދޭޝްގައި ބަލިވި މީހުންގެ ލޭގައި ލެޑާއި ނިކެލްގެ އަސަރުހުރިކަމަށް ބުނެފި


ގޮތް ނޭނގޭ ބައްޔެއްގެ ސަބަބުން އިންޑިޔާގެ އަންދްރަ ޕްރަދޭޝްގައި އެނދުމަތިކުރި އެތައް ސަތޭކަ މީހުންގެ ލޭގެ ތަހުލީލުތަކުން ލެޑާއި ނިކެލްގެ އަސަރު ދެނެގަނެވިފައިވާކަމަށް އެ ޤައުމުގެ ކަމާއިބެހޭ ފަރާތްތަކުން ބުނެފިއެވެ.

އެޕިލެޕްސީއާއި އެއްގޮތްކަމެއް ހުންނަ އަލާމާތްތަކެއް ފެނުމުގެ ސަބަބުން ޑިސެމްބަރު މަހުގެ 5ވަނަ ދުވަހުން ފެށިގެން އަންދްރަ ޕްރަދޭޝްގައި މިހާތަނަށް 400އަށްވުރެ ގިނަ މީހުން ހަސްފަތާލުގައި އެނދުމަތިކޮށް، އެކަކު ވަނީ މަރުވެފައެވެ. ބަލީގެ އަލާމާތްތައް ފެންނަމުންދަނީ އަންދްރަ ޕްރަދޭޝްގެ ވެސްޓު ގޯޑާވަރީ ޑިސްޓްރިކްޓުގައި އޮންނަ އަވަށެއްކަމަށްވާ އެލޫރު އަވަށުންނެވެ. ހޮޑުލުމާއި މޭނުބައި ކުރުމާއި ހޭނެތުމުގެ އިތުރުން ގިނަ މީހުންގެ ކިބައިން ފެނުނު އަލާމާތްތަކުގެ ތެރޭގައި ކުއްލިއަކަށް ވެއްޓުމާއި އަނގައިން ފޮނުއެރުމާއި ތުރުތުރުއެޅުން ހިމެނެއެވެ. ބަލިވި މީހުންގެ ތެރޭގައި ގިނައީ ދުވަސްވީ މީހުންނާއި ކުޑަކުދިންނެވެ. 300އަށްވުރެ ކުޑަކުދިންގެ ކިބައިން ބޯ އެނބުރުމާއި ހޭނެތުމާއި ބޮލުގައި ރިއްސުމާއި ހޮޑުލުންދަނީ ފެންނަމުންނެވެ. އެއިން އެއްވެސް ފަރާތެއް ކޯވިޑް-19އަށް ޕޮސިޓިވް ވެފައެއް ނުވެއެވެ.

އިންޑިޔާގެ އެންމެ މޮޅެތި ޑޮކްޓަރުން ހިމެނޭ ވަފުދަކުންދަނީ އަންދްރަ ޕްރަދޭޝްގައި ގިނަ ޢަދަދެއްގެ މީހުން ކުއްލި ގޮތަކަށް ބަލިވާ ސަބަބު ހޯދުމަށް ގިނަ ދިރާސާތަކެއް ކުރަމުންނެވެ. އެ ވަފުދުގައި ނިއު ދިއްލީގެ މަޝްހޫރު އެއިމްސް ހަސްފަތާލުގެ މާހިރުންވެސް ހިމެނެއެވެ. އަންދްރަ ޕްރަދޭޝްގެ ސަރަޙައްދީ ސަރުކާރުން ބުނީ ޞިއްޙީ މާހިރުންގެ ވަފުދަށް ބަލި މީހުންގެ ލޭގެ ސާންޕަލުތަކުން ލެޑާއި ނިކެލްގެ އަސަރުހުރިކަމަށް ފާހަގަވެފައިވާކަމަށެވެ. އެ ނަތީޖާތައް ޔަޤީންކުރުމަށް ދެވަނަ ހަސްފަތާލެއްގައިވެސްދަނީ ތަހުލީލުތައް ކުރަމުންނެވެ.

އިންސާނުންގެ ލޭގައި ގިނަ މިންވަރަކަށް ލެޑު ހުންނަނަމަ ސިކުނޑި ތަރައްޤީވުމުގައި މައްސަލަތަކާއި ދިމާވެ، ނާރުގެ ނިޒާމަށާއި ހިތާއި ފުއްޕާމޭފަދަ މުހިންމު ގުނަވަންތަކަށް އަސަރުކުރެއެވެ. އަންދްރަ ޕަރަދޭޝަށް ނިސްބަތްވާ ޤާނޫނުހަދާ މަޖިލީހުގެ މެންބަރެއްކަމަށްވާ ޖީވީއެލް ނަރަސިމްހާ ރާއޯ ވިދާޅުވީ އަލާމާތްތަކުގެ އަސްލަކީ ބައެއް ކަހަލަ ޕެސްޓިސައިޑުގެ ސަބަބުން ވިހަވުންކަމަށް ބެލެވޭކަމަށެވެ. އެ ސްޓޭޓުގެ އާންމު ޞިއްޙަތާއިބެހޭ ޑިރެކްޓަރު، ގޯތާ ޕްރަސަދިނީ ވިދާޅުވީ އެއީ ވުން އެކަށީގެންވާކަމެއް ކަމަށާއި ބަލީގެ ސަބަބު ދެނެގަތުމަށް އިތުރު ތަހުލީލުތައް ކުރަމުންދާކަމަށެވެ.