ޚަބަރު

އިނގިރޭސިވިލާތުގައި ފުރަތަމަ ވެކްސިން ދިނީ 90 އަހަރުގެ މާމައަކަށް


ފުރިހަމައަށް ތަހުލީލުކޮށްފައިވާ ކޯވިޑް-19ގެ ފުރަތަމަ ވެކްސިން އުމުރުން 90 އަހަރުގެ މާމައަކަށް ދީފިއެވެ.

މިދިޔަ ހަފުތާގެ ތެރޭގައި އިނގިރޭސިވިލާތުންވަނީ ފައިޒަރ އާއި ޖަރުމަނުވިލާތުގެ ބަޔޯއެންޓެކު ކުންފުނިން ތައްޔާރުކޮށްފައިވާ ކޯވިޑް-19 ވެކްސިން ބޭނުންކުރުމުގެ ޙުއްދަދީފައެވެ. އެއާއިއެކު އެ ޤައުމުގެވެފައިވަނީ ވެކްސިނެއް ބޭނުންކުރުމުގެ ޙުއްދަދިން ފުރަތަމަ ޤައުމަށެވެ. އެ ޤައުމުންވަނީ ވެކްސިން އެންމެ ފުރަތަމަ ދޭނީ މުސްކުޅިން ބަލަހައްޓައި މަރުކަޒުތަކުގައި ތިބޭ މީހުންނަށާއި ޞިއްޙީ ޚިދުމަތްތެރިންނަށާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ބަލީގެ ނުރައްކަލަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ މީހުންނަށްކަމަށް ނިންމާފައެވެ.

ވިލާތުގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19ގެ ސަބަބުން ޙާލަތު އެންމެ ގޯސްވެފައިވާ ޤައުމަކީ އިނގިރޭސިވިލާތެވެ. އެ ޤައުމުގައި މިހާތަނަށް 1.7 މިލިއަން މީހުންނަށް ބަލިޖެހި 61،000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. ޑިސެމްބަރު މަހުގެ 8ވަނަ ދުވަހުގައި އިނގިރޭސިވިލާތުގައިވަނީ ކޯވިޑް-19 ވެކްސިން އާންމުންނަށް ދިނުމުގެ ވެކްސިން މަޝްރޫޢު ރަސްމީކޮށް ފަށައިފައެވެ. އެއާއިއެކު އެ ޤައުމު ވެފފައިވަނީ ފުޅާ ދާއިރާއެއްގައި ވެކްސިން ދިނުމުގެ މަޝްރޫޢު ފަށާފައިވާ ފުރަތަމަ ޤައުމަށެވެ.

އިނގިރޭސިވިލާތުގައި އެންމެ ފުރަތަމަ ވެކްސިން ދީފައިވަނީ އުމުރުން 90 އަހަރުގެ މާގަރެޓް ކީނަންއަށެވެ. އޭނާއަށް އެ ވެކްސިން ދީފައިވަނީ ކޮވެންޓްރީ ސިޓީގައި ހުންނަ ހަސްފަތާލެއްގައެވެ. އަންނަ ހަފުތާގައި 91 އަހަރު ފުރޭ ކީނަން ބުނީ އޭނާގެ އުފަންދުވަހާއި އެހާ ގާތްކޮށްފައި ވެކްސިން ލިބުމުން އޭނާއަށް އިޙުސާސުކުރެވެނީ އުފަންދުވަހުގެ ހަދިޔާއެއް ލިބިފައިވާކަމަށްކަމަށެވެ. އަދި އެއީ މީހަކަށް ލިބޭނެ އެންމެ ރަނގަޅު ހަދިޔާކަމުގައި އޭނާ ބުންޏެވެ. މި އަހަރުގެ ބޮޑު ބައެއް އެކަނި ހޭދަކުރުމަށްފަހު އާއިލާއާއި ރައްޓެހިންނާއިއެކު އައު އަހަރު ހޭދަކުރުމަށް އުންމީދުކުރާކަމަށް ކީނަން ބުންޏެވެ.

ފައިޒަރގެ ވެކްސިންއަކީ ކާމިޔާބު ނަތީޖާތައް ފެނިފައިވާކަމަށް އިޢުލާނުކޮށްފައިވާ ތިން ވެކްސިންގެ ތެރެއިން އެއް ވެކްސިނެވެ. އެ ވެކްސިން ދިނުމުގެ މަސައްކަތް ރަސްމީކޮށް ފެށުމާއުއެކު، މިހާތަނަށް 1.5 މިލިއަނަށްވުރެ ގިނަ މީހުން އެ ބަލީގައި މަރުވެފައިވާ ކޯވިޑް-19ން ސަލާމަތްވެވިދާނެކަމުގެ އުންމީދުވަނީ އައުވެފައެވެ. ދެ ޑޯޒް ހިމެނޭ ފައިޒަރ ވެކްސިންގެ ފުރަތަމަ ޑޯޒް ދޭން ފަށައިފައިވާނަމަވެސް، ވެކްސިންގެ ދެވަނަ ޑޯޒް ޖަހާނީ ފުރަތަމަ ޑޯޒް ޖެހުމުގެ ތިން ހަފުތާ ފަހުންނެވެ. ނަމަވެސް ވެކްސިންގެ ސަބަބުން ބަލި ފެތުރޭ ހަލުވި މިނަށް ބަދަލެއް އަންނާނެކަމުގެ އެއްވެސް ހެއްކެއް ފެނިފައެއް ނުވެއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ވިދާޅުވީ ވެކްސިން ދޭން ފެށުމުން އޭގެ ނަތީޖާ މަޑުމަޑުން ފެންނަން ފަށާނެކަމަށެވެ. ވެކްސިންގެ ސަބަބުން އަންނަ ތަފާތަކީ ބޮޑު ތަފާތަކަށް ވާނެކަމަށާއި ނަމަވެސް އެ ހިސާބަށް ދިޔުމަށް ވަގުތު ނަގާނެކަމަށް އޭނާ ވިދާޅުވިއެވެ. ބައްޔާއި ދެކޮޅަށް ކުރާ ހަނގުރާމަ އަދި ކާމިޔާބުނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ޞިއްޙަތާއިބެހޭ ވަޒީރު މެޓް ހެންކޮކް ވިދާޅުވީ މި އަހަރ ނިމުމުގެ ކުރިން އެތައް މިލިއަން މީހުންނަށް ވެކްސިން ދޭނެކަމަށް ޤަބޫލުކުރައްވާކަމަށެވެ. ވެކްސިން ދިނުން ކުރިއަށް ދިޔަ ނަމަވެސް އިޖުތިމާޢީ ގައިދުރުކަން ފަރިތަކުރުމުގެ ޤަވާއިދުތަކަށް އަމަލުކުރުމުގައި އަންނަ ބަހާރު މޫސުމާއިހަމައަށް ދެމިތިބެންވާނެކަމަށް އޭނާ ވިދާޅުވިއެވެ. ބަލީގެ ނުރައްކާ އެންމެ ބޮޑު އެންމެންނަށް އެހާތަނަށް ވެކްސިން ދެވޭނެކަމަށް ބެލެވެއެވެ. 20 މިލިއަން މީހުންނަށް ވެކްސިން ދެވޭވަރަކަށް ފައިޒަރ/ބައޯއެންޓެކުގެ ވެކްސިން ހޯދުމަށް އިނގިރޭސިވިލާތުންވަނީ އޯޑަރު ދީފައެވެ. އެއީ އެ ވެކްސިންގެ 40 މިލިއަން ޑޯޒެވެ.

މީގެ ކުރިން ރަޝިޔާއާއި ޗައިނާއިންވެސްވަނީ އެ ދެ ޤައުމުގައި އުފައްދާފައިވާ ވެކްސިން އާންމުންނަށް ދޭން ފަށައިފައެވެ. ނަމަވެސް އެ ދެ ވެކްސިންވެސް ދީފައިވަނީ އެންމެ ފަހުގެ ތަހުލީލުތައް ފުރިހަމަކުރުމުގެ ކުރިންނެވެ.