ޚަބަރު

ޢިލްމީ ކުރިއެރުމާއި ބެހޭ ފަސްވަނަ ބައިނަލްއަޤުވާމީ މަހާސިންތާ ފަށައިފި


ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ކުރިއަށްގެންދާ ޢިލްމީ ކުރިއެރުމާއި ބެހޭ ފަސްވަނަ ބައިނަލްއަޤުވާމީ މަހާސިންތާ ފަށައިފިއެވެ. މިއަހަރުގެ މަހާސިންތާގައި 12 ޤައުމަކުން ވަނީ ބައިވެރިވެފައެވެ.

އިސްލާމީ ޔުނިވަރސިޓީން ކުރިއަށްގެންދާ ޢިލްމީ ކުރިއެރުމާއި ބެހޭ ފަސްވަނަ ބައިނަލްއަޤުވާމީ މަހާސިންތާ ނުވަތަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް ފަށާފައިވަނީ މިއަދު ހެނދުނު އިސްލާމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިއަހަރުގެ ކޮންފަރެންސް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ.ހުސައިން ރަޝީދު ޙަސަންއެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޑރ.ހުސައިން ރަޝީދު ޙަސަން ވިދާޅުވީ ރާއްޖޭގައި އިސްލާމީ ޝަޚުސިއްޔަތު ބިނާކުރުމުގެ މައި ތަނބަކީ އިސްލާމީ ޔުނިވަރސިޓީ ކަމަށެވެ. އަދި އައިޔޫއެމުން ނުކުންނަ ދަރިވަރުންނަކީ އިސްލާމީ ރިވެތި އުސޫލުތަކުގެ މަތީގައި ތިބެ ނިކުންނަ ދަރިންތަކަކަށް ހެއްދެވުމަކީ އިސްލީ އުސޫލުތައް ދިވެހިންގެ ތެރޭގައި އަށަގެންނެވުމަށް މުހިއްމުކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެންވަޔަރަމަންޓް މިނިސްޓަރގެ ވާހަކަފުޅުގައިވަނީ ދިރާސާކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ދިރާސާކުރުމުގެ ހުނަރާއި އާދަ އަށަގަންނުވައިގެންނޫނީ ދުނިޔޭގެ އެއްވެސް ޙަޟާރަތެއް ކުރިއަރާ ތަރައްޤީވެފައި ނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ޤައުމެއް ތަރައްޤީވެ ކުރިއަރައިދަނީ ދިރާސާކުރުމުގެ ހުނަރު ތަރައްޤީކުރެވިގެން. ދުނިޔޭގެ އެއްވެސް ޙާޟާރަތެއް ނެތް ދިރާސާއާ ނުލާ ކުރިއަރާފައެއް. އެހެންކަމުން ދަރިވަރުންގެ ކިޔެވުމުގައި ދިރާސާގެ މާޙާއުލެއް އަށަގަންނެވުމަކީ މުހިއްމުކަމެއް." މިނިސްޓަރ ވިދާޅުވިއެވެ.

އައިޔޫއެމްގައި 2 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔުމަށް ނިންމާފައިވާ އައިސީއައިއޭއާއި ގުޅޭގޮތުން ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިސްލާމީ ޔުނިވަރސިޓީގެ ރިސަރޗް އެންޑް ޕަބްލިކޭޝަންސްގެ ޑީން ޑރ.އިސްމާއިލް ޝަފީއު ވިދާޅުވީ މިކޮންފަރެންސް ކޮންމެ އަހަރެއްގައިވެސް ބޭއްވުމުގެ އެންމެ ބޮޑު މަޤްސަދަކީ ދިރާސީ މާޙާއުލެއްގައި ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުންކަމަށެވެ.

"5 ދާއިރާއަކަށް ބަހާލައިގެން އަޅުގަނޑުމެންގެ ކޮންފަރެންސް ކުރިއަށް މިގެންދަނީ. އެކަމަކު ކޯވިޑް-19 މިއަހަރު ކުރިމަތިވުމާ ގުޅިގެން މިބަލިމަޑުކަމާ ގުޅޭ ދާއިރާއެއްވެސް އަޅުގަނޑުމެންވަނީ މިފަހަރުގެ ކޮންފަރެންސްގައި ހިމަނާފަ. މާގިނަ ޕޭޕަރުތަކެއް މިދާއިރާއިން ނުލިބުނުނަމަވެސް މިދާއިރާއިންވެސް ކޮންމެވެސް ވަރަކަށް އެބަހުރި ޕޭޕަރު ލިބިފަ." ޑރ.އިސްމާއިލް ޝަފީއު ވިދާޅުވިއެވެ.

މިފަހަރުގެ ކޮންފަރެންސްގައިވެސް އެޑިއުކޭޝަން، ހިއުމެނިޓީ، ބިޒްނަސް، އިސްލާމިކް ޝަރީޢާ އަދި އެންވަޔަރަމަންޓްގެ ދާއިރާއިން ކަރުދާސް ހުށައެޅުމަށްވަނީ ހުޅުވާލާފައެވެ. އައިޔޫއެމްއިން ވިދާޅުވީ މިއަހަރުގެ ކޮންފަރެންސަށް 12 ޤައުމަކުން 25 ކަރުދާސް ހުށައަޅާފައިވާކަމަށެވެ. ކޯވިޑް-19ގެ މިޙާލަތުގައިވެސް އައިޔޫއެމްއިން ވަރޗުއަލްކޮށް ކުރިއަށްގެންދާ ފުރަތަމަ ކޮންފަރެންސަށް ލިބުނު ތަރުހީބު އެޔުނިވަރސިޓީން ފާހަގަކުރައްވައެވެ.

ޢިލްމީ ކުރިއެރުމާއި ބެހޭ މަހާސިންތާއަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން 2016ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ބައިނަލްއަޤްވާމީ މަހާސިންތާއެކެވެ.