ޚަބަރު

ދުނިޔެއަށް ކުރިމަތިވި ގޮންޖެހުންތަކާ ކުރިމަތިލުމުގައި ސަރފްގެ ދައުރު ބޮޑު: ޝާހިދު


ދުނިޔެއަށް ކުރިމަތިވި ގޮންޖެހުންތަކާ ކުރިމަތިލުމުގައި އދގެ ސެންޓްރަލް އިމަރޖަންސީ ރެސްޕޯންސް ފަންޑް، ސަރފްގެ ދައުރު ވަރަށް ބޮޑުކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ އދގެ ސެންޓްރަލް އިމަރޖަންސީ ރެސްޕޯންސް ފަންޑް، ސަރފްގެ މިއަހަރުގެ ހައި-ލެވެލް ޕްލެޖިންގ އިވެންޓްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

"އަ ފަންޑް ފޮރ އޯލް، ބައި އޯލް"، މި ޝިއާރުގެ ދަށުން ވަރޗުއަލްކޮށް ބޭއްވި މި އިވެންޓް އިންތިޒާމުކުރީ ޔުނައިޓެޑް ނޭޝަންސް އޮފީސް ފޮރ ދަ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއަރޒް އިންނެވެ. މި އިވެންޓްގައި މިއަހަރު ފަންޑުން ހޯދި ކާމިޔާބީތައް ފާހަގަކޮށް، 2021 ވަނަ އަހަރަށް ފަންޑަށް އެހީތެރިވެދިނުމަށް ޤައުމުތަކުން ކަނޑައަޅާ މިންވަރު ހާމަކޮށްފައިވެއެވެ.

މި އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވި ގޮންޖެހުންތަކާ ކުރިމަތިލުމުގައި ސަރފްގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އެގޮތުން ބަލިމަޑުކަމާ ކުރިމަތިލުމަށް ބޭނުންވާ އެހީތެރިކަން ވަރަށް އަވަހަށް، ކޮންމެހެން ބޭނުންވާ ދިމަދިމާއަށް ފަންޑުން ފޯރުކޮށްދިންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކޮވިޑް-19 އާއި އެނޫންވެސް ޤުދުރަތީ ކާރިސަތަކާ ކުއްލި ޙާލަތްތަކުގައި ސަރފް އިން ފޯރުކޮށްދޭ އަވަސް އެހީތެރިކަމުގެ ސަބަބުން މިފަދަ ކަންކަމުގެ ސަބަބުން އިންސާނިއްޔަތަށް ކުރާ ނޭދެވޭ އަސަރުތައް ވަރަށް ބޮޑުތަނުން މަދުކުރެވިގެންދާކަން ޚާއްސަ ގޮތެއްގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ސެންޓްރަލް އެމަޖެންސީ ފަންޑުގެ ފަރާތުން ފޯރުކޮށްދެއްވި އެހީގެ ސަބަބުން ކޮވިޑް19ގެ ހާލަތުންނާއި، އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ނުރައްކާތަކުން އަރައިގަތުމުގައި މުހިންމު ކުރިއެރުންތަކެއް ލިބިގެން ދިޔަ. ކޮވިޑް19 ފަދަ ބާރަށް ފެތުރިގެންދާ ވަބާއަކުން ރައްކާތެރިވުމަށް ފުރަތަމަ ދުވަހު ޚަރަދު ކުރެވޭ 1 މިލިއަން ޑޮލަރުގެ ސަބަބުން އޭގެ 100 ދުވަސް ފަހުން އަތުވެދާނެ ބިލިއަން ޑޮލަރުގެ ޚަރަދުތަކުން ސަލާމަތްކޮށްދޭ! ކޮވިޑް19 އަށާއި، ފެންބޮޑުވުމާއި، ފެނަށް ޖެހުން ފަދަ ގުދުރަތީ ހާދިސާތަކުން އަރާގަތުމަށް ސެންޓްރަލް އެމަޖެންސީ ފަންޑުން ވެދިން އެހީތަކުގެ ސަބަބުން އިންސާނިއްޔަތަށް އެއިން ކުރާ އަސަރުވަނީ އެތައް ގުނައަކުން ކުޑަކުރެވިފައި" ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން އެންމެ ބޮޑަށް އެހީ ބޭނުންވެފައިވާ ސަރަހައްދުތަކަށް އެހީ ފޯރުކޮށްދިނުމުގައި އަންހެނުންނާއި ކުޑަކުދިން އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ސަރފް އިން ޚާއްސަ އަހައްމިއްޔަތުކަމެއް ދެމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އެހީ ކޮންމެހެން ބޭނުންވާ ސަރަހައްދުތައް ދެނެގަނެ، ކަމުގެ މާހިރުންގެ ލަފަޔާއެކު ފޯރުކޮށްދިނުމަށްޓަކައި ސަރފްއިން ފޯރުކޮށްދޭ އެހީ އދގެ އެކި އެޖެންސީތައް މެދުވެރިކޮށް ފޯރުކޮށްދިނުން މުހިއްމުކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

އިންސާނީ އެހީ ފޯރުކޮށްދިނުމުގައި އަވަސް އަދި ހަރުދަނާ ނިޒާމެއް ޤާއިމްކުރުމުގެ ބޭނުމުގައި ސެންޓްރަލް އިމަރޖަންސީ ރެސްޕޯންސް ފަންޑް އެކުލަވާލުމާށް ނިންމީ 2005 ވަނަ އަހަރު އދގެ ޢާއްމު މަޖިލީހުންނެވެ. 2006 ވަނަ އަހަރު މި ފަންޑް ޤާއިމްކުރެވުނު ފަހުން 100 އަށްވުރެ ގިނަ ޤައުމުތަކަށް 5.5 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ މި ފަންޑުން ފޯރުކޮށްދީފައިވެއެވެ.