ޚަބަރު

މެސީގެ މައްޗަށް ރޮނާލްޑޯ ކުރި ހޯދާ ގުރޫޕް ޖީގެ އެއް ވަނައަށް


ރޮނާލްޑޯގެ 2 ލަނޑާއެކު ބާސެލޯނާ ބަލިކޮށް ޗެންޕިއަންސް ލީގް ގުރޫޕް ޖީގެ އެއްވަނައަށް ޔުވެންޓަސް ޖެހިލައިފިއެވެ.

މިއީ 2018ވަނަ އަހަރުގެ މޭ މަހުގެ ފަހުން މިވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅު ދެ ކުޅުންތެރިންކަމުގައިވާ ޔުވެންޓަސްގެ ރޮނާލްޑޯ އާއި ބާސެލޯނާގެ މެސީ ކުރިމަތިލި ފުރަތަމަ މެޗެވެ. އެންމެ ބޮޑަށް މިދެ ކުޅުންތެރިންގެ ވާދަވެރިކަން ފެނިގެންދިޔައީ ރޮނާލްޑޯ ރިއަލް މެޑްރިޑްއަށް ކުޅެމުންދިޔަ ދުވަސްވަރުގައެވެ. ގުރޫޕް ޖީގެ އެއްވަނަ މަޤާމު ޔުވެންޓަސް ހޯދާފައިވާއިރު، މިމެޗްގައި ރޮނާލްޑޯޖެހި 2 ލަނޑަކީވެސް ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި 2 ލަނޑެވެ. ޔުވެންޓަސްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ވެސްޓޮން މެނެނީއެވެ. މެޗްގައި މެސީއަށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ޔުވެންޓަސްގެ ތަޖުރިބާކާރު ގޯލް ކީޕަރު ޖުއާން ލިޖީ ބުފޮންވަނީ މެސީގެ ހަމަލާތަށް ދިފާޢުކޮށްފައެވެ.

ގައުމީ ޓީމާއި ޔޫރަޕްގެ މުބާރާތްތަކާއި އަދި ލީގްގައި މިއީ ރޮނާލްޑޯ އާއި މެސީގެ ކުރިމަތިލުން ފެނިގެންދިޔަ 36ވަނަ ފަހަރެވެ. ޗެންޕިއަންސް ލީގްގެ ތާރީހުގައި މިއީ މެސީ ދަނޑުމަތީގައި ހުއްޓާ ރޮނާލްޑޯ ކާމިޔާބުކުރި ފުރަތަމަ ދެ ލަނޑުކަން ފާހަގަކޮށްލެވެއެވެ. މުޅި މެޗްގައިވެސް ބާސެލޯނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ނަމަވެސް އެޓީމުގެ ގިނަ ހަމަލާތައް ބޭނުން ނުކުރެވުނުއިރު، ގޯލާއި ދިމާވި ހަމަލާތަށްވަނީ ޔުވެންޓަސްގެ ކީޕަރު ބުފޮން ހިފަހައްޓާފައެވެ.

ބާސެލޯނާ އަދި ޔުވެންޓަސް، ކޮންމެ ޓީމްއަކަށްވެސް 6 މެޗުން 15 ޕޮއިންޓް ލިބިފައިވާއިރު، ގުރޫޕްގެ ކުރި ޔުވެންޓަސްއަށް ލިބެނީ މިދެ ޓީމް މީގެ ކުރިން ވާދަކޮށްފައިވާ މެޗުން ޔުވެންޓަސްއަށް ކުރި ލިބިފައިވާތީއެވެ.