ޚަބަރު

ޖޯ ބައިޑަންގެ ދިފާޢީ ވަޒީރުގެ މަޤާމަށް ލޮއިޑް އޮސްޓިން


އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަންގެ ދިފާޢީ ސެކެޓްރީގެ މަޤާމަށް ޖެނެރަލް ލޮއިޑް އޮސްޓިންގެ ނަން ހުށަހަޅުއްވަން ނިންމަވާފައިވާކަމަށް އިތުބާރުކުރެވޭ މަސްދަރުތަކުން ބުނެފިއެވެ.

ކަޅު ނަސްލަށް ނިސްބަތްވެވަޑައިގަންނަވާ އުމުރުން 67 އަހަރުގެ ޖެނެރަލް އޮސްޓިންއަކީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ދައުރުގައި މެދު އިރުމަތީގައި ޙަރަކާތްތެރިވަމުން ދިޔަ އެމެރިކާގެ ސިފައިންގެ ކަންކަމާއި ޙަވާލުވެ ހުންނެވި އިސް ފަރާތެވެ. ދިފާޢީ ވަޒީރުގެ މަޤާމަށް އޮސްޓިންގެ ނަން ހުށަހެޅުމަށް ނިންމަވާފައިވަނީ އެ މަޤާމަށް އައްޔަނުކުރައްވާނީ ކުރީގެ ދިފާޢީ ވުޒާރާގެ އިސް މަޤާމެއްގައި ހުންނެވި މިޝެލް ފްލޯނޯއީކަމަށް ބެލެވިފައިވަނިކޮށެވެ. ދިފާޢީ ވަޒީރުގެ މަޤާމަށް އޮސްޓިން އައްޔަނުކުރުމުން އޭނާ ވެގެންދާނީ އެ މަޤާމު ފުރުއްވާ ކަޅު ނަސްލުގެ ފުރަތަމަ ބޭފުޅަށެވެ.

2016ވަނަ އަހަރުގެ ތެރޭގައި ރިޓަޔާ ކުރައްވާފައިވާ އޮސްޓިން ދިފާޢީ ވަޒީރުގެ މަޤާމު ފުރުއްވުމަށް ޤާނޫނުހަދާ މަޖިލީހުގެ ލިޔުމެއް ބޭނުންވާނެއެވެ. އެއީ އޭނާ ރިޓަޔާ ކުރެއްވި ފަހުން މަދުވެގެން ހަތް އަހަރު ވެފައިނުވާތީއެވެ. އިސްޓިން ވެގެންދާނީ ދިފާޢީ ވުޒާރާގެ އިސް މަޤާމެއް ފުރުއްވުމަށް އެފަދަ ލިޔުމެއް ހޯއްދަވަންޖެހޭ ދެވަނަ ބޭފުޅަށެވެ. އޭގެ ކުރިން އެ ލިޔުން ހޯއްދެވީ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕުގެ ފުރަތަމަ ދިފާޢީ ވަޒީރުގެ މަޤާމު ފުރުއްވި ޖޭމްސް މެޓިސްއެވެ.

އޮސްޓިންއަކީ ފަރުދާގެ ފުރަގަހުގައި ގިނައިން މަސައްކަތްކުރައްވާ ބޭފުޅެކެވެ. އޭނާއަކީ މީޑިއާއާއި ބީރައްޓެހި ބޭފުޅެއްގެ ގޮތުގައިވަނީ ފާހަގަވެފައެވެ. ނަމަވެސް އޭނާއަކީ އަސްކަރީ ރޭވުންތައް ރޭވުމުގައި ވަރަށް ކުޅަދާނަ، އަދި އަސްކަރީ ކަންކަމާއިގުޅޭ އިލްމު ވަރަށް ފުރިހަމައަށް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

ދިފާޢީ ވަޒީރުގެ މަޤާމަށް އޮސްޓިން އައްޔަނުކުރައްވަން ނިންމެވުމުން ތަފާތު އެކި ނަސްލުތަކަށް ނިސްބަތްވާ ފަރާތްތައް އައު ސަރުކާރުގައި ހިމެނުމަށް ބައިޑަންވެ ވަޑައިގެންފައިވާ ވަޢުދު ފުރިހަމަކުރުމަށް ގާތްކޮށްދޭނެއެވެ. އެމެރިކާގައި އާންމުކޮށް ދިފާޢީ ވުޒާރާގެ އިސް މަޤާމުތަކަށް އައްޔަނުކުރަނީ ދޮން ނަސްލަށް ނިސްބަތްވާ މީހުންނެވެ.