ޚަބަރު

ޣައްޒާއިން ކޯވިޑް-19 ތަހުލީލު ކިޓު ހުސްވެ، ޤައުމު ހުއްޓުމަކަށް އައުމުގެ ބިރު


ފަލަސްޠީނުގެ ޣައްޒާގައި ކޯވިޑް-19އަށް ތަހުލީލުކުރުމަށް ބޭނުންވާ ވަޞީލަތްތައް ހުސްވެ، ތަހުލީލުތައް ކުރުމަށް ހުރަސްއެޅިފައިވާކަމަށް އެ ޤައުމުގެ ޞިއްޙީ ވުޒާރާތަކުން ބުނެފިއެވެ.

ޣައްޒާގެ ޞިއްޙަތާއިބެހޭ ވުޒާރާއިންވަނީ އެ ސަރަޙައްދުގައި ކޯވިޑް-19އަށް ތަހުލީލުކުރުމަށް ބޭނުންވާ ސާމާނާއި ވަޞީލަތްތައް ވީ އެންމެ އަވަހަކަށް އެ ޤައުމަށް ފޯރުކޮށްދިނުމަށް ގޮވައިލައިފައެވެ. ތަހުލީލުކުރުމަށް ބޭނުންވާ ސާމާނު ނެތުމުގެ ސަބަބުން އެ ސަރަޙައްދުގައި ހުންނަ ހަމައެކަނި ލެބޯޓްރީގެ މަސައްކަތް ހުއްޓުމަކަށް އައިސްފައިވާކަމަށް ޞިއްޙަތާއިބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައިވަނީ ބުނެފައެވެ.

ލެބޯޓްރީގެ ޑިރެކްޓަރު، އަމީދު މުޝްތަހާ ވިދާޅުވީ ފާއިތުވި ހަތަރު ދުވަހުގެ ތެރޭގައި ތަހުލީލުކުރުމަށް ބޭނުންވާ އެއްވެސް ސާމާނެއް އެ ލެބަށް ލިބިފައިނުވާކަމަށެވެ. އޭނާ ވިދާޅުވީ ވީހާވެސް އަވަހަކަށް ޣައްޒާއަށް ޞިއްޙީ ސާމާނު ފޯރުކޮށްދިނުމަށް ޞިއްޙަތާއިބެހޭ ވުޒާރާއިން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއާއި އދ. އާއި ފަލަސްޠީނިއަން އޮތޯރިޓީގައި އެދިފައިވާކަމަށެވެ. ނަމަވެސް ހުޅަނގު އައްސޭރީގެ ސަރަޙައްދުތަކުގައި ވެރިކަންކުރާ ފަލަސްޠީނިއަން އޮތޯރިތީއިންވެސްވަނީ ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނުކުޅެދިފައެވެ. އެ ސަރަޙައްދުގައި ލިބެންހުރި ތަހުލީލު ކިޓުތައްވެސް ވަރަށް ބޮޑަށް މަދުވެފައިވުމުގެ ސަބަބުން އެ ފަރާތުންވެސްވަނީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ އެހީތެރިކަމަށް ބޭނުންވެފައެވެ.

ހަމާސްގެ އިސްފަރާތެއްކަމަށްވާ ކުރީގެ ޞިއްޙަތާއިބެހޭ ވަޒީރު ބައްސާމް ނައީމް ވިދާޅުވީ އާންމުގޮތެއްގައި ދުވާލެއްގެ މައްޗަށް 2،500އާއި 3،000އާއި ދެމެދުގެ ޢަދަދަކަށް ތަހުލީލުކުރާކަމަށެވެ. އެކަމަށް 75،000އާއި 100،000 އެމެރިކާ ޑޮލަރާއި ދެމެދުގެ ޚަރަދެއް ހިނގައެވެ. ޣައްޒާގެ ޙާލަތު ރަނގަޅުކޮށް އެ ސަރަޙައްދުގައި ދިރިއުޅޭ މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ފިޔަވަޅުއެޅުން ވަރަށް މުހިންމުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ދެ މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭ ޣައްޒާ ސްޓްރިޕަށް ވައިގެ މަގުންނާއި ކަނޑުމަގުންނާއި އެއްގަމުގެ މަގުން ނުވަދެވޭނޭހެން އިސްރާއީލުންވަނީ އެ ސަރަޙާއްދު ބަންދުކޮށްފައެވެ. ޣައްޒާއާއި މިޞްރާއި ދެމެދު އޮންނަ ސަރަޙައްދީ ރޮނގުވެސް މިޞްރުންވަނީ ބަންދުކޮށްފައެވެ. ފަލަސްޠީނުގައި މިހާތަނަށް ސަތޭކަ ހާސް މީހުންނަށް ކޯވިޑް-19 ޖެހި 898 މީހުން މަރުވެފައިވާއިރު އޭގެ ތެރެއިން 25،600އަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވަނީ ޣައްޒާގައެވެ. އެ ސަރަޙައްދުގައި މިހާތަނަށް 150އަށްވުރެ ގިނަ މީހުންވަނީ އެ ބަލީގައި މަރުވެފައެވެ. އދގެ ރިލީފް އެންޑް ވޯކްސް އޭޖެންސީ ފޮރ ފަލަސްޠީން ރެފިއުޖީސްއިންވަނީ ޣައްޒާ ސްޓްރިޕްގައި ކޯވިޑް-19ޖެހޭ މީހުންގެ ޢަދަދު އިތުރުވާނަމަ ޞިއްޙީ ނިޒާމު ހުއްޓުމަކަށް އަންނާނެކަމުގެ އިންޒާރު ދީފައެވެ.

މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ދުވާލަކު 100 މީހުންނަށް ކޯވިޑް-19 ޖެހެމުންގޮސް ފާއިތުވި ދެ ހަފުތާގެ ތެރޭގައި އެ ޢަދަދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ބަލިފެތުރުން ހުއްޓުވުމަށް ޣައްޒާގައި ވެރިކަންކުރާ ހަމާސްއުންވަނީ ޑިސެމްބަރު މަހުގެ 11ވަނަ ދުވަހުން ފެށިގެން ޑިސެމްވަރު މަހގުގެ ނިޔަލަށް ހަފްތާ ބަންދުތަކުގައި އެ ސަރަޙާއްދު ފުރަބަންދުކުރުމަށް ނިންމާފައެވެ. އޭގެ އިތުރުން އެ ސަރަޙައްދުގައިވާ މަދަރުސާތަކާއި ޔުނިވަސިޓީތަކާއި މިސްކިތްތައްވަނީ ބަންދުކޮށްފައެވެ.

ކޯވިޑް-19 ވެކްސިންސް ގްލޯބަލް އެކްސެސް ފެސިލިޓީ (ކޯވެކްސް)ގެ ފަރާތުން ކޯވިޑް-19އާއި ދެކޮޅަށް އުފައްދާ ވެކްސިން ފަލަސްޠީނިއަން އޮތޯރިޓީއަށް ފޯރުކޮށްދޭނެއެވެ. އޭގެ ތެރެއިން އެއްބައި ޣައްޒާއަށް ލިބޭނެއެވެ. ނަމަވެސް އެ ޤައުމަށް ވެކްސިން ލިބޭނީ ކޮން އިރަކު ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.