ޚަބަރު

ބައެއް މައްސަލަތަކުގައި ދަޢުވާކުރެއްވުމަށް ޕީޖީ ފަހަތަށް ޖެހިވަޑައިގަންނަވާ: ރައީސް ނަޝީދު


ވައްކަމުގެ ބައެއް މައްސަލަތަކުގައި ދައުވާ ކުރެއްވުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ފަހަތަށް ޖެހިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ކުރީގެ ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން މަޖިލީހަށް ސައްޙަ ނޫން މަޢުލޫމާތު ދެއްވިކަމަށް އޮޑިޓަރ ޖެނެރަލް ނެރުއްވި ކޮންޕްލައިންސް އޮޑިޓް ރިޕޯޓްގައި ބަޔާންކޮށްފައިވާތީ އެކަމާ ގުޅޭގޮތުން މަޖިލީހުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ބައެއް މައްސަލަތަކުގައި ދައުވާ ކުރެއްވުމަށް ޕީޖީ ފަހަތަށް ޖެހިވަޑައިގަންނަވާކަމަށެވެ. ނަމަވެސް މަޖިލީހުގެ ބާރުތަކާއި އިމްތިޔާޒުތަކަށް އުނިކަން އަންނަ ކަންކަމާއި މެދު ފިޔަވަޅު އެޅުމުގެ މައްސަލަތަކުގައި ޕީޖީއަށް ފަހަތަށް ޖެހިވަޑައި ނުގެންނެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތީމާ ޕްރޮސެކިއުޓަރ ޖެނެރަލް މިތަނުން އެކަން ނިންމީމާ ދައުވާ ކޮށްދެއްވަން ޖެހޭނެ. އެކަމުގައި އިތުރު ވާހަކައެއް ބަހަނާއެއް ނެތް. ޕްރޮސެކިއުޓަރ ޖެނަރަލް ފަހަތަށް އެބަޖެހިވަޑައިގަންނަވާ ވައްކަމުގައި ދަޢުވާ ކުރެއްވުމަށް. ނަމަވެސް މިކަމުގައި ފަހަތަށް ޖެހިވަޑައިނުގެންނެވޭނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިމައްސަލަ ތަހުޤީޤްކޮށް ފިޔަވަޅު އަޅައިފިނަމަ، ކުރީގެ ހެލްތު މިނިސްޓަރުގެ މައްޗަށް ތިން ހާސް ރުފިޔާއާއި ދިހަހާސް ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ 3 މަސް ދުވަހާއި 6 މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމުގެ ހުކުމެއް އަންނާނެކަމަށް ދެކެވަޑައިގެންނަވާކަމަށެވެ.

ރައީސް ނަޝީދު މިގޮތަށް ވިދާޅުވިއިރު، ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާނުކުރަން ނިންމި ނިންމުން އަލުން މުރާޖަޢާ ކުރުމުގެ މަސައްކަތް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހާއި ކަމާގުޅޭ އެހެނިހެން މުއައްސަސާތަކުން ވަނީ ފަށާފައެވެ.