ދުނިޔެ

އިންޑިޔާގެ އަންދްރަ ޕްރަދޭޝްގައި ގޮތް ނޭނގޭ ބަލިމަޑުކަމެއް


އިންޑިޔާގެ އަންދްރަ ޕްރަދޭޝްގައި ގޮތް ނޭނގޭ ބައްޔެއް ފެތުރި ގިނަ ޢަދަދެއްގެ މީހުން ހަސްފަތާލުގައި އެނދުމަތިކޮށްފިއެވެ.
އެޕިލެޕްސީއާއި އެއްގޮތްކަމެއް ހުންނަ އަލާމާތްތަކެއް ފެނުމުގެ ސަބަބުން ޑިސެމްބަރު މަހުގެ 5ވަނަ ދުވަހުން ފެށިގެން މިހާތަނަށް 200އަށްވުރެ ގިނަ މީހުންވަނީ ހަސްފަތާލުގައި އެނދުމަތިކޮށްފައެވެ. ބަލީގެ އަލާމާތްތައް ފެންނަމުންދަނީ އަންދްރަޕްރަދޭޝްގެ ވެސްޓު ގޯޑާވަރީ ޑިސްޓްރިކްޓުގައި އޮންނަ އަވަށެއްކަމަށްވާ އެލޫރު އަވަށުންނެވެ.

އެލޫރުގައި ހުންނަ ސަރުކާރުގެ ހަސްފަތާލާއި އަމިއްލަ ހަސްފަތާލުތަކުގައި ބަލީގެ އަލާމާތްތައް ފެނުނު ގިނަ ޢަދަދެއްގެ މީހުންވަނީ އެނދުމަތިކޮށްފައެވެ. ހޮޑުލުމާއި މޭނުބައި ކުރުމާއި ހޭނެތުމުގެ އިތުރުން ގިނަ މީހުންގެ ކިބައިން ފެނުނު އަލާމާތްތަކުގެ ތެރޭގައި ކުއްލިއަކަށް ވެއްޓުމާއި އަނގައިން ފޮނުއެރުމާއި ތުރުތުރުއެޅުން ހިމެނެއެވެ. ޑޮކްޓަރުން ބުނީ ހަސްފަތާލަށް ގެނައި އެންމެންގެވެސް ޙާލު ރަނގަޅުކަމަށާއި ޙާލު ދެރަވެގެން އެހެން ތަނަކަށް ބަދަލުކޮށްފައިވަނީ އެންމެ ދެ މީހުންކަމަށެވެ.

ބަލީގެ ސަބަބު ދެނެގަތުމަށްޓަކައި ޞިއްޙީ މާހިރުންދަނީ މަސައްކަތްކުރަމުންނެވެ. މި ގޮތް ނޭނގޭ ބަލީގެ އަސަރު އެންމެ ބޮޑަށް ކުރަނީ އުމުރުން ދުވަސްވީ މީހުންނަށާއި ކުޑަކުދިންނަށެވެ. ބަލީގެ އަލާމާތްތައް ފެންނަ މީހުންގެ މެދުގައި އެއްވެސް ގުޅުމެއް ނެތުމުން ޑޮކްޓަރުންވަނީ ހައިރާންކަން ފައުޅުކޮށްފައެވެ. މިހާތަނަށް ބެލި ބެލުމުން އަލާމާތްތައް ފެނުނު މީހުންގެ ލޭގެ ތަހުލީލުތަކުން އެއްވެސް މައްސަލައެއް ފާހަގަވެފައެއް ނުވެއެވެ.

އަންދްރަ ޕްރަދޭޝްގެ ޞިއްޙަތާއިބެހޭ ވަޒީރު، އައްލާ ނާނީވަނީ އެލޫރުގެ ސަރުކާރުގެ ހަސްފަތާލަށް ޒިޔާރަތްކުރައްވާ ފަރުވާ ހޯދަމުންދާ މީހުންގެ ޙާލު ބައްލަވާލައްވާފައެވެ. އޭނާ ވިދާޅުވީ އާދަޔާ ޚިލާފު އަލާމާތްތަކާއިއެކު އެނދުމަތިކޮށްފައިވާ މީހުން ކޯވިޑް-19އަށް ތަހުލީލުކޮށްފައިވާކަމަށާއި އެއިން އެއްވެސް މީހަކަށް ބަލިޖެހިފައިވާކަމަށް ނަތީޖާއިން ދައްކާފައިނުވާކަމަށެވެ. އަލާމަތްތައް ފެނިފައިވާ މީހުން ތަޣައްޔަރު ވެފައިވާ ފެނާއި ކާބޯތަކެތި ބޭނުންކޮށްފައިވޭތޯ ބެލުމަށް ދޮރުން ދޮރަށް ގޮސް ދިރާސާތައް ކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް އޭނާވަނީ އަންގަވާފައެވެ.

އައްލާ ނާނީ ވިދާޅުވީ ބައްޔާއި ގުޅިގެން ދިމާވެދާނެ ކުއްލި ޙާލަތަކަށް ތައްޔާރުވުމުގެ ގޮތުން އެލޫރުގައި 150 އެނދު އަދި ވިޖަޔާވާދާގައި 50 އެނދު ތައްޔާރަށް ހުރިކަމަށެވެ. ސަރުކާރުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އަޅަމުންދާކަމަށް ވިދާޅުވެ، ހާސްވެ ކަންބޮޑުވާންވީ ސަބަބެއް ނެތްކަމުގެ ޔަޤީންކަން އޭނާވަނީ ދެއްވާފައެވެ.