ދުނިޔެ

ސައިންސްވެރިޔާ މަރާލީ ސެޓެލައިޓު މެދުވެރިކޮށް ބޭނުންކުރާ ބަޑިއެއް ބޭނުންކޮށްގެން: އީރާން


އީރާނުގެ އެންމެ އިސް ނިއުކުލިއަރ ސައިންސްވެރިޔާ، މުޙްސިން ފާޚިރުޒާދީ މަރާލާފައިވަނީ ސެޓެލައިޓް މެދުވެރިކޮށް ކޮންޓްރޯލް ކުރެވޭ "ސްމާޓް" މެޝިން ބަޑިއެއް ބޭނުންކޮށްގެންކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ ނިއުކްލިއަރ ޕްރޮގުރާމުގެ މޭސްތެރިއެއްކަމަށް ހުޅަނގުގެ ޤައުމުތަކުން ޤަބޫލުކުރާ މުޙްސިން ފަޚްރިޒާދީއަށް ޙަމަލާދީ މަރާލާފައިވަނީ ނޮވެމްބަރު މަހުގެ 27ވަނަ ދުވަހުގައި އީރާނުގެ ވެރިރަށް ތެހުރާނުގައެވެ. އޭނާ މަރުވީ ދަތުރުކުރަމުންދިޔަ ކާރަށް ބަޑިން ޙަމަލާދިނުމުން ލިބުނު ޒަޚަމްތަކަށް ހަސްފަތާލުގައި ފަރުވާދެމުން ދަނިކޮށެވެ. އީރާނުންވަނީ އެ ޙަމަލާ ދިނީ އިސްރާއީލުންކަމަށާއި އެ ޢަމަލު ހިންގާފައިވަނީ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕުގެ ރުހުމުގައިކަމަށް ތުހުމަތުކޮށްފައެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ކޮމާންޑަރުގެ ނައިބުކަމަށްވާ އަލީ ފަދާވީ ވިދާޅުވީ ފާޚިރުޒާދީ މަރާލި ވަގުތު އެ ސަރަޙައްދުގައި އެއްވެސް ނިރުބަވެރިއަކު ނެތްކަމަށެވެ. އޭނާއަށް ޙަމަލާ ދީފައިވަނީ އޭނާގެ ކާރު ދުއްވަމުން ދިޔަ ވަގުތުގައިކަމަށާއި ވަރުގަދަ ކެމެރާއެއް ހަރުކޮށްފައިހުރި ހަތިޔާރެއް ބޭނުންކޮށްގެން އޭނާއަށް ހަމަލާ އަމާޒުކޮށްފައިވާކަމަށް ފަދާވީ ވިދާޅުވިއެވެ. އެ ބަޑި ހަރުކޮށްފައިހުރީ ޕިކަޕެއްގައިކަމަށާއި އެ ބަޑި ކޮންޓްރޯލްކޮށްފައިވަނީ ސެޓެލައިޓު މެދުވެރިކޮށްކަމަށް އޭނާ ވިދާޅުވިއެވެ.

ފާޚިރުޒާދީ މަރާލިކަމަށް މިހާތަނަށް އިސްރާއީލުން އެއްބަސްވެފައިނުވާއިރު އޭނާ މަރާލުމުގައި އިސްރާއީލުގެ އަތެއް ނުވާކަމަށްވެސް އެ ޤައުމުން މިހާތަނަށް ބުނެފައެއް ނުވެއެވެ. އީރާނުގެ ނިއުކުލިއަރ މަޝްރޫޢުއާއި ބެހޭ މަޢުލޫމާތު ހޯދުމަށް އެ ޤައުމުގައި ސިއްރު ޖާސޫސީ އޮޕަރޭޝަންތައް ހިންގާފައިވާކަމަށް މީގެ ކުރިން އިސްރާއީލުންވަނީ އެއްބަސްވެފައެވެ.