މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވަން ހުއްދަ ދޭން ސަރުކާރުން ނިންމައިފިއެވެ.
ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިމަހު 14 ވަނަ ދުވަހު މާލެ ސަރަހައްދުގެ ސިޓީ ހޮޓާތަކާއި ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަދޭން ސަރުކާރުން ނިންމާފައިވާކަމަށެވެ. އަދި އެކަމުގެ ހުއްދަ ދެއްވިިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއާއި ސިއްހީ ދާއިރާގެ ކަމާބެހޭ ފަރާތްތަކަށް ޓުއަރިޒަމް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މިނިސްޓަރ މައުސޫމް ވިދާޅުވީ މާލެ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކަށް އަންނަ ފަތުރުވެރިންގެ އަތުގައި 72 ގަޑިއިރު ނުވާ ޕީސީއާރު ޓެސްޓެއް އޮންނަންޖެހޭނެކަމަށެވެ.
ރާއްޖޭގެ ކޯވިޑް-19ގެ ހާލަތަށް ބަލައި، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް ބަންދުކޮށްފައި ވަނީ މިދިޔަ މާރޗު މަހުގެ 17 ވަނަ ދުވަހުއެވެ. އޭގެ 212 ދުވަސް ފަހުން އޮކްޓޫބަރުމަހުގެ 15 ވަނަ ދުވަހު އަލުން ގެސްޓް ހައުސްތައް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ވަނީ ދީފައެވެ.
ޓޫރިޒަމް މިނިސްޓްރީން ހާމަކުރާގޮތުގައި މިހާތަނަށް ރާއްޖޭގެ 8 އަތޮޅަކުން 24 ރަށެއްގެ 125 ގެސްޓްހައުސެއް ވަނީ އަލުން ހުޅުވާފައެެވެ. މިއާއެކު ގެސްޓުހައުސްތަކުން ފަތުރުވެރިކަމުގެ ސިނާއަތަށްވަނީ 2476 އެނދު އޮޕަރޭޝަނަށް ގެނެސްފައެވެ.
ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވާ ގޮތުގައި ގެސްޓް ހައުސްތައް އަލުން ހުޅުވުމަށް މިނިސްޓްރީން ހުއްދަދޭއިރު އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ބަލާނީ ރަށު ފެންވަރުގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯއެވެ. އެގޮތުން ކަރަންޓީނާއި، އައިސޮލޭޝަންގެ އިންތިޒާމްތަކާއި، ޞިއްޙީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވާކަން އެ ރަށެއްގެ ކައުންސިލުން މިނިސްޓްރީއަށް ކަށަވަރުކޮށްދޭންޖެހެއެވެ. އަދި އެތަނެއް ހުޅުވުމުގައި ކައުންސިލުގެ އެއްވެސް އިއުތިރާޒެއް ނެތްކަމަށް މިނިސްޓްރީއަށް އެންގުމުން، ވަކިވަކި ގެސްޓް ހައުސްތަކުން ހުށަހަޅާ އެސް.އޯ.ޕީތަކަށް ބެލުމަށްފަހު، ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދަނީ ދެމުންނެވެ.