ސިޔާސީ

އަދާލަތު ޕާޓީގެ ދާއިރާ ރައީސުންގެ އިންތިޚާބު މިމަހު 19ގައި


އަދާލަތު ޕާޓީގެ ދާއިރާ ރައީސުންގެ އިންތިޚާބު މިމަހު 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އަދާލަތު ޕާޓީން ބުނީ ޕާޓީގެ ދާއިރާ ރައީސުންނާއި ގޮފިތަކުގެ ހިންގާ ކޮމިޓީތަކުގެ އިންތިޚާބު މިމަހު 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާއިރު، އިންތިޚާބު ކުރިއަށްދާނީ އޮންލައިންކޮށްކަމަށެވެ.

އަދާލަތު ޕާޓީން ބުނީ އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުޞަތުގައި އެއް ކެނޑިޑޭޓުންނަށްވުރެ ގިނައިން ކުރިމަތިލާފައިވަނީ ހަމައެކަނި މައްޗަންގޮޅީ މެދު ދާއިރާއަށްކަމަށެވެ. އަދި އިންތިޚާބުގެ ވޯޓްލުން މިމަހުގެ 19 ވާ ހޮނިހިރުދުވަހުގެ ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށް ކުރިއަށްދާނެކަމަށެވެ.

އަދާލަތު ޕާޓީން މައުލޫމާތުދޭ ގޮތުގައި ކޯވިޑްއާ ގުޅިގެން ދާއިރާ ރައީސުންގެ އިންތިޚާބު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އީ-ވޯޓީން މެދުވެރިކޮށްކަމަށެވެ.

18 އޯގަސްޓް 2005 ގައި ރަޖިސްޓްރީކުރެވުނު އަދާލަތު ޕާޓީގައި 6436 މެމްބަރުން އެބަތިބިކަމަށް އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ އެންމެފަހުން އާއްމުކޮށްފައިވާ މައުލޫމާތުތަކުން ދައްކައެވެ.